އަހުމަދު އުޝާމް

މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އޮތުމުން ފާޑުކިޔުން

ސަރުކާރުން ސްޕޮންސާ ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހެއްކާބެހޭ ބިލުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު، ބައެއް ހާލަތްތަކުގައި ހާމަކުރަން ޖެހޭ ގޮތަށް އޮތުމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

އެ ބިލާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި އުޝާމް ވިދާޅުވީ އަލަށް ހުށަހެޅި ހެއްކާ ބެހޭ ބިލުގެ ސަބަބުން ނޫސްވެރިކަމަށް ހުރަސް އެޅި ނޫސްވެރިންނަށް ލިބޭ ހައްގުތައް ހިފެހެއްޓިގެން ހިނގައިދާނެ ކަމަށެވެ.

ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގައިވާ ގޮތުން ބައެއް ހާލަތްތަކުގައި ކޯޓުން ކަނޑައަޅައިފިނަަމަ ނޫސްވެރިން އާަންމުކުރާ ހަބަރުތަކުގެ މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

އެހެން ނަމަވެސް ރާއްޖޭގެ ޖުޑިޝަރީ މިހާރު އޮތް ހާލަތުގެ ސަަބަބުން އެފަދަ ބާރުތަކެއް ފަނޑިޔާރުންނަށް ދިނުން ރަނގަޅު ނޫންކަމަށް އުޝާމް ވިދާޅުވި އެވެ.

"އެހެންކަމުން ނޫސްވެރިންގެ މަސްދަރު ހާމަކުރަން ޖެހޭ ކަމަށް އޮތް މާއްދާ އިސްލާހުކުރަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން" ކުރިން ބަންޑާރަނާއިބުގެ ނާއިބުކަންވެސް ކުރެއްވި އުޝާމް ވިދާޅުވި އެވެ.

ހެއްކާ ބެހޭ ބިލުގެ 136 ވަަނަ މާއްދާގައި ބުނެފައިވާ ގޮތުގައި މީހަކު ނޫހަކަށް ނުވަތަ ނޫސްވެރިއަކަށް މައުލޫމާތު ދިނީ އޭނާގެ ނަން ހާމަނުކުރާ ގޮތަށް ވައުދެއް ކޮށްފައިވާ ހާލަތެއްގައި ނަމަ އެ މީހާގެ މައުލޫމާތު ޝަރީއަތަށް ހާމަކުރަން މަޖުބޫރެއް ނުކުރެވޭނެ އެވެ. އެހެން ނަމަވެސް ބައެއް ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށް ބުނެފައި ވެއެވެ. އެގޮތުން ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާ ހާމަކުރިޔަސް އެ މީހާއަށް ނުވަތަ އެހެން ފަރާތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކަމަށް ބެލެވޭ ނަމަ މަސްދަރު ހާމަކުރަން އެންގިދާނެ ކަމަށް ބިލުގައި ހިމަނައިފައި ވެެއެވެ.