މުޒާހަރާ

މުޒާހަރާގައި ކުޑަކުދިން ބޭނުން ކުރާ މީހުނަށް ފިޔަވަޅު އަޅާނަން: އުމަރު

މުޒާހަރާއާ އެނޫންވެސް ސިޔާސީ ހަރަކާތްތަކުގައި ކުރިމަތިވާ މައްސަލަތަކާ ކުރިމަތިލުންތަކުން ސަލާމަތްވުމަށް، ބައެއް މައިންބަފައިން ދަރިންގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ޗެނަލް 13ގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ، މުޒާހަރާތަކާ އެހެންވެސް ސިޔާސީ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރިކުރުމަކީ ގާނޫނު އަސާސީން ކުޑަކުދިންނަށް ލިބިދީފައިވާ ހައްގުތަކުން ކުދިން އުނިކޮށް، ކުދިންގެ ކަރާމާތަށް ގެއްލުންވާ އެއްވެސް ކަމެއް ނުކުރަން ބުނެފައިވާ މާއްދާއާ ކަނޑައެޅިގެން ހިލާފުވުން ކަމަށެވެ. ސިޔާސީ ހަރަކާތްތަކުގައި ދިމާވާ ކަންކަމުން ރެކެން "ނިވާފަތްގަނޑެއް"ގެ ގޮތުގައި ކުޑަކުދިން ބޭނުންކުރުމަކީ މި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާ އެފަދަ ފަރާތްތައް ފާހަގަކޮށް އަދަބު ބޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.

މިއަދު އެމްޑީޕީން ކުރި މުޒާހަރާގައި ނާޖާއިޒްގޮތުގައި ބައެއް މައިންބަފައިން ކުދިން ބޭނުންކުރި ކަމަށް އުމަރު ވަނީ ތުހުމަތު ކުރައްވާފައެވެ. އެގޮތަށް ކުދިން ބޭނުންކުރާ މީހުން ބަލައި ފާހަގަކޮށް އެފަރާތްތަކުގެ މައްސަލަ ވަކިން ބަލަން މިހާރު ފުލުހުންނަށް އަންގާފައިވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"މިއަދުގެ މުޒާހަރާގައި ކުޑަކުދިން ބޭނުންކުރި، އެކުދިން ބޭނުންކުރަނީ މައިން ބަފައިން އެކުދިން ކުރިމައްޗަށް ނެރެ ހިއުމަން ޝީލްޑެއްގެ ގޮތުގައި. އިންސާނީ ނިވާފަތްގަނޑެއްގެ ގޮތުގައި. އަޅުގަނޑުމެން ބަލާނަން ކޮންކޮން މައިން ބަފައިންނެއްތޯ ސިޔާސީ ބޭނުމަށް ކުދިން ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކުރަނީ. ފުލުހުންނަށް އަޅުގަނޑުމެން ވާނީ އަންގާފަ މުޒާހަރާތަކަށް ކުޑަކުދިން ގެންދާމީހުން ފާހަގަކޮށް މައްސަލަ ބަލަން،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި ސިޔާސީ ކަންކަމުގައި ކުޑަކުދިން ބައިވެރިކުރާ މައްސަލަ މިހާރު ވަނީ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައެވެ. އަދި އެއީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލައިގެން މި ސަރުކާރުން ކުރިއަށްއޮތްތަނުގައި އެކަމާގުޅޭ ފިޔަވަޅުވެސް އަޅާނެ އެވެ.

"ކުޑަކުދިން ލައްވައި ސިޔާސީ ކަމެއް ކުރުވިޔަސް، އެކުދިން ލައްވައި އުމުރާ ނުގުޅޭ ބުރަ މަސައްކަތެއް ކުރުވިޔަސް، އެކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށްވިޔަސް ކޮންމެ ކަމަކީވެސް ގޯސްކަމެއް. އެކަން ކުރަން އަޅުގަނޑުމެން ފުރުސަތު ނުދޭނަން. އެމްޑީޕީ ނޫން ކޮންމެ ބައެއްގެ މުޒާހަރާއެއް ވިޔަސް އަޅުގަނޑުމެން ބަލާނަން އެފަދަ ބެލެނިވެރިންނަށް. އަންނަ ހަފްތާގައި ތިޔަބޭފުޅުންނަށް ފެންނާނެ ފިޔަވަޅު އަޅާ މަންޒަރު،" އުމަރު ވިދާޅުވި އެވެ.