އުމަރު ނަސީރު

މުޒާހަރާގައި އަދާލަތުގެ ބައިވެރިވުމެއް އޮތްތޯ ބަލަން އީސީގައި އެދޭނަން: އުމަރު

އެމްޑީޕީން އިންތިޒާމްކޮށްގެން "މިންޖުވާން" ނަމުގައި އާޓިފިޝަލް ބީޗުގައި މިއަދު ކުރިއަށްގެންދާ މުޒާހަރާގައި އަދާލަތު ޕާޓީން ބައިވެރި ނުވާ ކަމަށް އެފާޓީގެ ކައުންސިލުގައި ހިމެނޭ ތިން މެންބަރަކު ހޯމް މިނިސްޓްރީއަށް ގުޅާ ޔަގީންކޮށްދެއްވި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އަދާލަތުން އެމްޑީޕީގެމުޒާހަރާގައި ބައިވެރިނުވާކަމަށް ބުނެ އެމަނިކުފާނު ކުރެއްވި ޓްވީޓް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ދޮގުކުރެއްވުމާ ގުޅިގެންނެވެ.

"އަވަސް"އާ ވާހަކަފުޅުދައްކަވަމުން އުމަރު ވިދާޅުވީ، އެމްޑީޕީން މިއަދު ކުރިއަށްގެންދާ މުޒާހަރާގައި އަދާލަތުގެ ބައިވެރިވުމެއް އޮތްކަން މީގެ ކުރިން އެ މިނިސްޓްރީއަށް އެނގިފައި ނުވާ ކަމަށެވެ. މުޒާހަރާގައި ބައިވެރިވުމާ ބެހޭ ނިންމުމެއް އަދާލަތު ޕާޓީގެ ކައުންސިލުން ނިންމާފައި ނުވާ ކަމަށާ، މުޒާހަރާގައި އަދާލަތުގެ ބައިވެރިވުމެއް ނުވާކަން އެފާޓީގެ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ތިން މެންބަރަކު މިއަދު ގުޅުއްވައި ޔަގީންކޮށްދެއްވި ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރުގެ އެ ވާހަކަފުޅާ ގުޅިގެން އަލީޒާހިރު ވިދާޅުވީ، މިހާރު ކުރިޔަށް ގެންދާ މުޒާހަރާގައި އަދާލަތު ޕާޓީގެ ފުރިހަމަ ބައިވެރިވުން އެބައޮތް ކަމަށާއި އަދާލަތުން އަބަދުވެސް އަނިޔާއާ ދެކޮޅު ކަމަށެވެ.

އުމަރު ވިދާޅުވި ގޮތުގައި އެމްޑީޕީއާ އެއްކޮޅަށް އަދާލަތު ޕާޓިއަށް ނިސްބަތްވާ ބައެއް ބޭފުޅުން ޓްވީޓް ކުރައްވަނީ އަމިއްލަ ހައިސިއްޔަތުންނެވެ. އަދި މުޒާހަރާ ނިމުމުން، މުޒާހަރާގެ އެއްވެސް ކަމެއްގައި އަދާލަތު ޕާޓީން ބައިވެރިވެފަވޭތޯ ސާފުކޮށްދިނުމަށް އިލެކްޝަން ކޮމިޝަންގައި އެދޭނެ ކަމަށެބެ.