މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދީގެން ހައްޔަރުކުރި މީހާ މިއަދުވެސް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދީފި އެވެ. އޭނާ އަނެއްކާވެސް މިފަދަ އަމަލެއް ތަކުރާރުކޮށްފައި މިވަނީ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.
އިސްމާއިލް ޔާސިފް ހައްޔަރުކުރީ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ "ބަދުރު ދުވަހު އަބޫ ޖަހުލަށް ހަދާލި ގޮތް ހަދާނެ" ކަމަށް އިންޒާރުކޮށް ފޭސްބުކްގައި ޕޯސްޓެއް ކުރުމުންނެވެ. އަދި "ހައެއް ފަހެއް" ގައި ރައީސް ނަޝީދަށް ދިން ހަމަލާއަށް ވުރެ ވަރުގަދަ ހަމަލާއެއް ދޭނެ ކަަމުގެ އިންޒާރު ވެސް ދީފައި ވެއެވެ.
އެ ފަހަރު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ކޯޓްގައި ރައީސް ނަޝީދަށް އިންޒާރު ދީފައެވެ. އެހެން ކަމުން ކޯޓުގެ ހުުރުމަތް ކަނޑާފައިވާ ކަމަށް ކަނޑައަޅާ އޭގެ އަދަބެއްގެ ގޮތު، 15 ދުވަހުގެ ޖަލުގެ ހުކުމެއް ގާޒީ އިއްވެވިއެވެ. އަދި އޭނާގެ ބަންދަށް ވެސް 15 ދުވަހުގެ މުއްދަތު ޖަހައިދިނެވެ.
އޭގެ ފަހުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވެސް އޭނާ ވަނީ ރަައީސް ނަޝީދު މަރާލަން ޖެހޭ ކަމަށް ބުނެފައެވެ. މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ވަނީ އެއީ ކޯޓް ހުރުމަަތް ކެނޑުމުގެ އަމަލެއް ކަަމަށް ބަލާ މަސް ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ.
ރައީސް މުހައްމަދު ނަޝީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އަދި އެ މަނިކުފާނު އަވަހާރަ ކޮށްލަން "ހައެއްފަހެއް" ގައި ދިން ހަމަލާގެ ތަހުގީގު ނިންމާނުލަނީސް ރާއްޖެ ވަޑައިގަންނަން ޖެހެލުންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ މަޖިލީހަށް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ.
ރައީސް ނަޝީދު އެ ސިޓީގައި ވިދާޅުވެފައި ވަނީ ހަމަލާ ރާވާ ހިންގި ފަަރާތުގެ ތަހުގީގު އަދިވެސް ނުނިމޭ ކަަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން އެ ތަހުގީގު ނިމި އެކަމުގައި ބައިވެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ކުރީގައި ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާއާއި އެމަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކާއި އަދި އެމަނިކުފާނުވެސް ޖެހިލުންވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.