ބޮލީވުޑް

ފިލްމު ކުޅުމަށްވުރެ ޅީދަރިއެއްގެ ރޯލު މާ ހިތްހަމަޖެހޭ: އީޝާ

ދަރުމެންދުރަ އާއި ހެމާ މާލިނީގެ ދޮށީ ދަރިފުޅު އީޝާ ޑެއޯލް 2012 ގައި ކައިވެނިކުރި ފަހުން ފިލްމު ނުކުޅެ ގިނަ ދުވަސްތަކެއް ހުރެފައި 2019 ގައި ކުޅުނު "ކޭކްވޯކް" އިން އެންމެން ހައިރާން ކޮށްލި އެވެ. އީޝާ ކަހަލަ ރީތި، ހުނަރުވެރި ބަތަލާއަކު ފިލްމު ކުޅުމާ ދުރުގައި ހުރީ ފިރިމީހާ އާއި އާއިލާއިން އެކަމާ ނުރުހޭތީ ތޯ އީޝާ އާ ވަރަށް ގިނަ މީހުން ސުވާލު ކުރެ އެވެ.

އީޓައިމްސް އަށް ދީފައިވާ އިންޓަވިއު އެއްގައި އީޝާ ވަނީ ފިލްމު ކުޅުން ހުއްޓާލަން ނިންމި ސަބަބުތައް ކިޔައިދީފަ އެވެ.

އީޝާ ބުނި ގޮތުގައި ކައިވެންޏަށް ފަހު ވީހާވެސް އަވަހަކަށް ދަރިން ހޯދަން މަސައްކަތް ކުރުމަކީ އޭނާ އެންމެ ކުރިއްސުރެ ވެސް ޔަގީން ކަމާއެކު ނިންމާފައިވާ ނިންމުމެކެވެ.

"ކައިވެންޏަށް ފަހު ފިލްމު ކުޅެން ނުލިބުނީކީ ނޫން. ފިލްމު ކުޅޭނެ ފުރުސަތުތައް ލިބޭ. އެކަމަކު ގެވެހި އަންބެއްގެ ރޯލު އަހަރެން އަބަދުވެސް ވަރަށް ކުޅޭހިތްވޭ. އެހެންވެ ކައިވެންޏަށް ފަހު ފިލްމު ކުޅޭހިތް ނުވީ. އަދި އާއިލާ އާއެކު ވީހާވެސް ގިނަ ވަގުތު ހޭދަކުރާ ހިތުން ފިލްމު ކުޅުން ހުއްޓާލީ،" އީޝާ ބުންޏެވެ.

އީޝާ ބުނި ގޮތުގައި ބޮލީވުޑް ދޫކޮށްލިއިރު އޭނާގެ ހިތުގައި އޮތީ އެންމެ ކަމެކެވެ. އަންބެއްގެ އަދި ޅީ ދަރިއެއްގެ އުފާވެރި ދިރިއުޅުން އޭގެ އެންމެ ފުރިހަމަ ގޮތުގައި އުޅުމެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ޒާތީ ދިރިއުޅުމަށް ވަގުތު ދިނުމަކީ ކޮންމެ އިންސާނަކަށް ވެސް ވަރަށް މުހިއްމު ކަމެކެވެ.

ކައިވެންޏަށް ފަސް ވަރަކަށް އަހަރު ފަހުން 2017 ގައި އީޝާއަށް ފުރަތަމަ ދަރިފުޅު ރާދިޔާ ލިބުނެވެ. އަދި 2019 ގައި ދެ ވަނަ ދަރިފުޅު މިރާޔާ ލިބުމުން އާއިލާ ފުރިހަމަ ވެފައިވާ ކަމަށް އީޝާ ބުންޏެވެ.

އަދި މިރާޔާ ލިބުނުތާ މާ ގިނަ ދުވަސްތަކެއް ނުވެ އީޝާ އަނެއްކާ ވެސް ފިލްމީ މަސައްކަތް ފެށި އެވެ. އެގޮތުން އޭނާ 2019 ގައި ފުރަތަމަ ކުޅުނީ ކުރު ފިލްމެއް ކަމަށްވާ "ކޭކްވޯކް" އެވެ. އެގެ ފަހުން "އޭކް ދުއާ" ކިޔާ ފިލްމެއް ވެސް ކުޅެފައި ވެއެވެ. މި ފިލްމު ވޫޓް ޓީވީ ނެޓްވޯކުން ޕްރެމިއާ ކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.

ދެ ވަނަ ދަރިފުޅަށް ފަހު އެކްޓިން އަށް އެނބުރި އައި ސަބަބު ކިޔައިދެމުން އީޝާ ބުނީ އޯޓީޓީ ޕްލެޓްފޯމް އޮތުމާއެކު މިހާރު އެ މީހަކު ބޭނުން ކަހަލަ ރޯލެއް ބޭނުން ގޮތަކަށް ކުޅެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ފިލްމު ކުޅޭނަމަ އެއް ސެޓުން އަނެއް ސެޓަށް އެއް ރަށުން އަނެއް ރަށަށް އަދި އެއް ގައުމުން އަނެއް ގައުމަށް އަބަދު ތިބެން ޖެހޭ ދަތުރުކޮ ށްކޮށް ކަމަށާއި އޯޓީޓީ ސީރީޒްތަކާއި ފިލްމުތައް ކުޅޭއިރު ގޭގައި ތިބެގެން ކުޑަ ވަގުތުކޮޅަކު މަސައްކަތް ކޮށްލައިގެން އެ ފިލްމެއް ނުވަތަ ސީރީޒް އެއް ފުރިހަމަ ކޮށްލާނެ ފުރުސަތު ލިބޭ ކަމަށެވެ. އޭނާ އެކްޓް ކުރަން އަލުން ފެށީ މިގޮތަށް ފުރުސަތު ތަނަވަސް ވާތީ ކަމަށެވެ.