އެމެރިކާއާ އިނގިރޭސިން އޮސްޓްރޭލިއާއަށް ނިއުކްލިއާ ސަބްމެރީން އުފައްދައި ދޭނެ ކަމަށް ބުނެފައި އޮތްއިރު ނިއުކްލިއާ މާއްދާތައް އުފައްދާ ފެންވަރާއި ކުރާ ބޭނުން އިންޓަނޭޝަނަލް އޮޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއައި) އިން ބަލަން ޖެހޭނެ ކަމަށް އީރާނުން ބުނެފި އެވެ.
އީރާނުން އައިއޭއީއައި އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކާޒިމް ޣަރީބާބާދީ ވިދާޅުވި ގޮތުގައި އޯކަސް އިއްތިހާދުން ނިއުކްލިއާ ސަބްމެރީން އުފައްދަން މަސައްކަތް ކުރާކަން އިންޓަނޭޝަނަލް އޮޓޮމިކް އެނާޖީ އޭޖެންސީ އަށް މިހާރު އެނގޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ވަގުތު އޮއްވައި އައިއޭއީއައި އިން މޮނީޓަރިން މަސައްކަތް ފަށަންވީ ކަމަށެވެ.
ކާޒިމް ވިދާޅުވީ އިންޓަނޭޝަނަލް އޮޓޮމިކް އެނާޖީ އޭޖެންސީން ބަލަން ޖެހޭނީ ވަކި ބަޔަކު ނިއުކްލިއާ މުއްސަނދި ކުރޭތޯ ނޫން ކަމަށެވެ. ދުނިޔެއަކީ ނިއުކްލިއާ ހަތިޔާރުގެ ބިރު އޮތް ތަނަކަށް ވާން ނޭދޭ ނަމަ އައިއޭއީއައިގެ ދައުރު ފުޅާ ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކާޒިމް ވިދާޅުވީ އީރާން އޮބާ ބާއްވައިގެން ނިއުކްލިއާ ވިޔަފާރި ކުރަން މަސައްކަތް ކުރަނީ ހަމަ އެމީހުން ކަމަށެވެ. އަދި އިންޓަނޭޝަނަލް އޮޓޮމިކް އެނާޖީ އޭޖެންސީ އަށް މަސައްކަތްތަކެއް ލާޒިމް ކޮށްފައި އޮތްއިރު ނުދެނެހުރި ކަމަށް ހަދައިގެން ތިބުމުން ޒިންމާ އަދާ ކުރެވުނީ ނޫން ކަމަށެވެ.
އީރާނަކީ ނިއުކްލިއާ ބޮން ފަދަ ފަނާ ކުރަނިވި ހަތިޔާރު އުފައްދާނެ ގައުމެއް ނޫން ކަމަށް ބުނި ނަމަވެސް އެމެރިކާއާ އިނގިރޭސިން ގަބޫލެއް ނުކުރެ އެވެ. އީރާނުން ބުނަނީ ނިއުކްލިއާއަކީ ހަކަތަ އުފައްދަން ކުރާ މަސައްކަތެއް ކަމަށާއި ހަތިޔާރަށް ބޭނުން ކުރެވޭ ފެންވަރަށް މުއްސަނިދި ނުކުރާނެ ކަމަށެވެ.