ޕީޕީއެމް

އޯޑިއޯތައް ބޭރުގެ ފަރާތަކުން ތަހުލީލުކުރާނެ ކަމަށް ސީޕީ ވިދާޅުވި: އަބްދުއްރަހީމް

Sep 23, 2021
1

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ފަނޑިޔާރުންތަކެއްގެ އޯޑިއޯ ތަކެއް ބުނާ އޯޑިއޯތަކުގެ އަސްލު ދެނެގަތުމަށްޓަކައި ބޭރުގެ ތަޖުރިބާކާރުން ލައްވައި އޯޑިއޯތައް ތަހުލީލު ކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން މިއަދު ވަނީ ފުލުހުންގެ އިސްކަންދަރު ކޮށީގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ހިމެނޭ ގޮތަށް ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.

މިބައްދަލުވުމުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވަމުން އިިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އޯޑިއޯތައް އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ތަހުލީލު ކުރާ ވާހަކަ ފުލުހުން މީގެކުރިން ހާމަކުރުމާ ގުޅިގެން މިއަދުގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ކަންބޮޑޮވުން ފާޅުކޮށްފައިވާނެ ކަމަށެވެ.

އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ކުރާ ތަހުލީލުތައް ކުރިއަށް އޮތް ފަސް ވަރަކަށް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ސީޕީ ހަމީދު މައުލޫމާތު ދެއްވި ކަމުގައިވެސް ވިދާޅުވި އެވެ. އަދި އިދިކޮޅުގެ ކަންބޮޑުވުންތަކާއި ގުޅިގެން ބައިނަލްއަގްވާމީ ފެންވަރުގެ ތަހުލީލުތައް ކުރާ ބަޔަކާ ހަވާލުކޮށްގެން އޯޑިއޯތައް ތަހުލީލުކޮށްދޭނެ ކަމުގެ ޔަގީންކަން ސީޕީ ހަމީދު ދެއްވި ކަމަށްވެސް އަބްދުއްރަހީމް ވަނީ މައުލޫމާތު ދެއްވާފަ އެވެ.

އޯޑިއޯތަކުގެ މައްސަލާގައި އިދިކޮޅު ކޯލިޝަނުން މީގެކުރިން ވަނީ ޕީޖީ ހުސައިން ޝަމީމާ ވެސް ބައްދަލުކުރައްވާފަ އެވެ.

އޯޑިއޯ ތަކުގައި އިވެނީ ރައީސް ޔާމީނަށް ހުކުމް ކުރި ބެންޗުގައި ތިއްބެވި ފަނޑިޔާރުން ކަމަށްވާ ހުސައިން ފާއިޒު ރަޝާދާއި، އަލީ އާދަމް އަދި މުހައްމަދު ސަމީރުގެ އަޑު ކަމަށް އާންމުކޮށް ކޯޓުތަކުގައި ވަކާލާތު ކުރައްވާ ބައެއް ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް އޯޑިއޯ ތަކުގެ ހަގީގަތް ދެނެގަތުމަށް ތިން ފަނޑިޔާރުން ޖޭއެސްސީ އަށް ހާޒިރުކުރުމުން އެއީ އެ ބޭފުޅުންގެ އަޑު ނޫން ކަމަށް ފަނޑިޔާރުން ޖޭއެސްސީގައި ވިދާޅުވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އޯޑިއޯ ތަކުގައި ވާހަކަ ދައްކަވާ ބޭފުޅުން ވިދާޅުވެފައިވަނީ އެ ބޭފުޅުން ހުކުމް ކުރެއްވީ ބިރުވެރިކަމެއްގައި ތިއްބަވައިގެން ކަމަށެވެ. ހުކުމް ކުރެއްވި އިރު ހުކުމްގައި އޮތް އެއްޗެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް އެއް ބޭފުޅަކު ވިދާޅުވެފައިވެ އެވެ.