ވާހަކަ

ސިއްތާ

(21 ސެޕްޓެމްބަރ 2021 އާ ގުޅޭ)

"ތިއުޅެނީ އެންމެން އެންމެނާ މައްސަލަ ނުޖެހިގެންތަ؟." ޔަމާނަށް ބުނެވުނެވެ.

"ކީއްވެ މައްސަލަ ޖެހެންވީ." ލައިޒަލް ބުނެލިއެވެ.

"ކީއްކުރަން!... އަހަރެން މެރީނުކޮށް ރިދާ ގޮވައިގެން އުޅޭންވީތަ؟ ބޭނުމެއްނޫން. ލައިޒަލް... އެތަނަކީ ތި ދެމީހުން ދިރިއުޅޭން ހޯދި ތަނެއް. ލައިޒަލްގެ ތި ހިޔާލަށް އުޝާ ގަބޫލުތަ؟ އީހާނާއި ނީރާ ވެސް ނާންނާނެ. އެމީހުން އެ އުޅެނީ ފެމެލީއާއެއްކޮށް." ޔަމާނު ބުންޏެވެ.

"ތިހެން ހިތަށް އެރި. އެއްކޮށް ބަދަލެއްނުވާނޭ... އެހެންވިޔަސް ކޮންމެ ވީކަންޑެއްގައި އޯވައިނަޓަކަށް އެންމެންނަށް އާދެވޭނެއެއްނު. ކޮންމެ ބަޔަކަށް ރޫމެއް ހުންނާނެ. ޕްރައިވެސީ އޮންނާނެ."

ލައިޒަލް ހާމަކުރީ އޭނާއާއި އުޝާ ދިރިއުޅޭން ހިފާފައި ހުރި އެޕާޓްމެންޓަށް ހުރިހާ ރައްޓެހިން ބަދަލުވާށެވެ. އެއްތަނެއްގައި އެންމެން ދިރިއުޅޭށެވެ. އެކުވެރިކަން ބަދަހިވުމަށްވުރެ އެ ނިންމުގައި ލައިޒަލްގެ އަމިއްލަ އެދުން ވަރަށް ބޮޑެވެ. އޭނާ ނުބުންޏަސް މިހާރު ޔަމާނަށް ވެސް އެކަން އެނގޭ ކަހަލައެވެ.

"ތީ މާކުރީއްސުރެ ލައިޒަލް ރާވާފައި އޮތް ގޮތެއްހެން ހީވޭ. ނީރާ ބޭނުމިއްޔާ ޑާޓީ ޓްރިކްސް ބޭނުން ނުކުރޭ. ދެމީހުން ކައިވެނިކޮށްގެން ތިބެ ކޮންކަމެއް ހާސިލުވާނެކަމަށް ތިއުޅެނީ. ނީރާ ދޫކޮށްލުމަކީ އީހާނު ކުރާނެކަމެއްނޫން. އޭނާ ނީރާދެކެ ލޯބިވޭ. ލައިޒަލް ތިއުޅެނީ އެ ދެމެދަށް ވަންނަންތަ؟" ޔަމާނު ބުންޏެވެ. އެކުވެރިޔާއަށް ބަލާލާފައި ލައިޒަލް ބަދަލުކޮށްލީ ހިނިތުންވުމެކެވެ.

"ފުރަތަމަ ދެމެދަށްވަނީ އަހަންނެއްނޫން. ޔާނު ކިހާވަރަކަށް އީހާނު އެނގެނީ." ލައިޒަލްގެ މޫނުން ނުރުހުންތެރިކަން ފާޅުވެލިއެވެ.

"ކަލޭމެން އެކަކީ ވެސް ކުޑަކުދީންނެއްނޫން. ކައިވެންޏަކީ ކުޅޭކުޅޭ ކަމަކަށް ހަދަންތަ ތިއުޅެނީ. ނީރާ ތިހާ ބޭނުންނަމަ ލައިޒަލް ވެސް ކައިވެނި ކުރީ ކީއްވެ؟ ނީރާއާއި އީހާނު އިނދެގެން ތިބިއްޔޭ ކިޔާފަ ލައިޒަލް ނުޖެހޭ މީހަކާ އިންނާކަށް. ލައިޒަލްގެ އަމިއްލަ އެދުމުގައި އުޝާ ޝާމިލްކުރިއިރު އޭނާއަށް ދެރައެއް ލިބިދާނޭތީ ނުވިސްނަންތަ؟. މީހަކާ އިނުމަށްފަހު ކައިވެނި މުހިންމުވާން ޖެހޭނީ. އެހެންނޫނީ ފުރަތަމަ ވެސް ކައިވެނި ނުކުރާނީ." ޔަމާނުގެ އަޑުގައިވަނީ ހިތްހަމަނުޖެހުމެވެ. ލައިޒަލްއާ މެދުއެވެ. އީހާނާއި ލައިޒަލްއަކީ ވެސް އޭނާގެ އެކުވެރީންނެވެ. ނީރާއާއި އީހާނުގެ ދެމެދަށް ވަންނަން ލައިޒަލްއަށް މަގުކޮށައިދޭން ޔަމާނު ނޭދެއެވެ. ހަމައެއާއެކު އެފަދަ އެހީތެރިކަމެއް އޭނާ އީހާނަށް ވެސް ފަހިކޮށް ނުދޭނެއެވެ. އެކަމުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެތީއެވެ. ލައިޒަލްއަށް އޭނާގެ ލޯބި ލިބެން ޔަމާނު ހިތުގެ އަޑިން އެދެއެވެ. މިނޫނީ އަންހެންކުއްޖަކާ ހެދި ލައިޒަލްގެ ޠަބީޢަތާއި ނުގުޅޭ ނިންމުންތަކެއް ނިންމާތީ ޔަމާނު ނުދެކެއެވެ. ސީދާ ނުބުނި ނަމަވެސް ނީރާ ދެކެ ލައިޒަލް ވަރަށް ލޯބިވާކަން ޔަމާނަށް ޔަގީންވެއްޖެއެވެ. ހިމޭންކަމާއެކު ލައިޒަލްގެ ނަޒަރު ދުރަށް ހުއްޓާލައިގެން އޭނާ އިނީއެވެ. ލައިޒަލް އޭނާއާ ދެބަސްނުވާނޭކަން ޚުދު ޔަމާނަށް އެނގެއެވެ. ދުރު ބަލަން އިނަސް އޭނާ ވިސްނަނީކަން އެ މޫނުން ޔަމާނު ދެނެގަތެވެ.

"ފައިން... އަހަރެން ބުނާނަން. އެކަމަކު އެމީހުން ނިންމާ ގޮތެއް ލައިޒަލް ޖެހޭނީ ގަބޫލުކުރަން. ބުނެލުން ފިޔަވާ އިތުރު ކަމެއް ނުކުރާނަން." ޔަމާނު ބުނެލިއެވެ. ދުރުބަލަން އިނދެފައި ވެސް ލައިޒަލްގެ ތުންފަތް ދެމިލިއެވެ. ޔަމާނު އެއްބަސްވާނޭކަން އޭނާއަށް އެނގޭ ކަހަލައެވެ.

ކެފޭއިން ނުކުމެ ލައިޒަލް އައީ ގެއަށެވެ. ކާފައާ ބައްދަލުކުރާށެވެ. އުޝާ ބަލާ ދާންވާއިރަށް އޭނާއަށް ވަގުތު އޮންނާނެތީއެވެ. ކާރުން ފައިބައިގެން ގެއާ ދިމާއަށް ލައިޒަލްއަށް ހިނގައި ނުގަނެވެނީސް އޭނާއަށް ދޮރޯށި ކައިރީ ހުރި އަންހެން ކުއްޖާ ފެނިއްޖެއެވެ. ވަގުތުން ލައިޒަލްގެ ދެބުމަ ކައިރިވެލިއެވެ. ނުފެންނަކަމަށް ހަދަމުން ފަޓުލޫނުގެ ޖީބަށް ދެއަތް ކޮށްޕާލައިގެން ހުރެ އޭނާ ގެއަށް ވަންނަން އައެވެ.

"ޕްލީޒް... އެއީ އަހަރެމެންގެ މަންމަ." ލައިޒަލްގެ އަތުގައި ކުއްލިއަކަށް ހިފުމާއެކު އެ އަންހެންކުއްޖާ ބުނެލިއެވެ. ލައިޒަލްގެ ނަޒަރު އަމާޒުވެލި ހިނދު އެ އަންހެންކުއްޖާ ސިހުނެވެ. ނަމަވެސް ދެން ފެނުނީ އާ ހިތްވަރަކާއެކު ލައިޒަލްގެ މުލައްދަނޑީގައި ހިފާލައިގެން ހުރި ދެއަތަށް އޭނާ ބާރުލީ ތަނެވެ. ފަހަތަކަށް މިއަދު ނުޖެހޭނަމޭ ބުނާފަދަ އަސަރުތަކެއް އެ މޫނުގައި ވިއެވެ.

"އަހަރެންގެ މަންމައެއް ހުރިކަމެއް ނުދެނަހުރީން." ލައިޒަލް ބުންޏެވެ.

"ޝީ އިޒް ޑައިން." އެ އަންހެންކުއްޖާ އިސްޖަހާލީއެވެ. ދެން ލައިޒަލްގެ އަތުން އެއްއަތް ދުރުކޮށްލި ގޮތަށް ލޯ ފުހެން ފެށިއެވެ. ރޮމުންރޮމުން އޭނާ ލައިޒަލްގެ ކައިރީ އާދޭސްކޮށްލިއެވެ. އެންމެ ފަހަރަކު މަންމައާ ބައްދަލުކޮށްލަ ދިނުމަށެވެ. އޭގެ ފަހުން އުނދަގޫކުރާކަށް ނާންނަމޭ ބުންޏެވެ.

"ފައިސާ ބޭނުންވީތަ؟ ކިހާވަރެއް؟." ލައިޒަލް އަހާލިއެވެ. ކަރުނުން ފުރިފައިވި ދެ ލޮލުން އެ އަންހެންކުއްޖާ ލައިޒަލްއަށް ބަލާލިއެވެ. ނުރުހުން އެކުލެވިފައިވާ ބެލުމަކުންނެވެ.

"އަހަރެމެން އެކައްޗެއް ވެސް ބޭނުމެއްނޫން. މިގޭ ދޮށަށް އައުން މަންމަ އޮތީ މަނާކޮށްފަ. މަންމަ ހަނދާނެއްނުނެތޭ އަހަރެންނޫން ދަރިއަކު މަންމަގެ ހުރިކަން. އަހަރެންގެ ބޭބެއަކު ހުންނާނޭކަން މަންމަ ކިޔާދިން. މިހާ ދުވަހު އަހަރެން ނާންނަމެންނު ބޭބެއާ ބައްދަލުކުރާކަށް. ބޭބެ ހަނދާނެއްނުވޭތަ މަންމަ މަތިން."

"މަންމައެއް ނުހުންނާނޭ ބުނެފީމެންނު." ލައިޒަލްގެ އަތުގައިވީ އެ އަންހެންކުއްޖާގެ އަތް ދުރުކޮށްލިއެވެ.

"މަންމަގެ މަރުގެ ޚަބަރު ލިބުމުން މޫނު ބަލަން އަންނާނަންތަ؟" އެ އަންހެންކުއްޖާ ކުރި ސުވާލަށް ދޭނޭ ޖަވާބެއް ލައިޒަލްގެ އަތަކު ނެތެވެ. ބަލަން ހުރެވުނީ އެހެންވެއެވެ.

"ކޮންކުއްޖެއްމީ؟" ދޮރޯށި ހުޅުވި ފިރާގުގެ އަޑު އިވުނެވެ. އެ އަންހެންކުއްޖާ ދާން އެނބުރިލި ހިނދު ފިރާގު ގޮވާލީ މަޑުކުރުމަށެވެ. މީގެ ކުރީން ފިރާގު އެ އަންހެންކުއްޖާ ދެކެފައި ނުވެއެވެ. ލައިޒަލްއާއި އެ އަންހެންކުއްޖާ ދެމެދު ދެބަސްވުމެއް ހިނގަނީކަން ދެނެގަތީ އެ އަންހެންކުއްޖާގެ ލޮލުން ފާޅުވާން ހުރި ކަރުނައިގެ އަސަރުންނެވެ.

"ކާފާ..." ލައިޒަލް ގޮވާލީ އަޅާނުލާށޭ ބުނާ ފަދައިންނެވެ. ނަމަވެސް ފިރާގުގެ ބެލުމުން ލައިޒަލްއަށް ހިމޭންވާންވީކަން އެނގުނެވެ.

"ތީ ކޮންކުއްޖެއް؟. ލައިޒަލް ދަންނަންތަ؟" ފިރާގު ވާހަކަދެއްކިއިރު އެ އަންހެންކުއްޖާގެ މޫނުން ޖެހިލުންވުން ފާޅުވެއެވެ. ފިރާގާ ބައްދަލުވާން އޭނާ ނޭދޭފަދައަކުންނެވެ.

"ރަ.. ރަމް..ލާގެ ދަރިއެއް." އެއްފަހަރު ލައިޒަލްގެ މޫނަށް އަނެއްފަހަރު ފިރާގުގެ މޫނަށް ބަލަމުން އެ އަންހެންކުއްޖާ ވާހަކަދެއްކިއެވެ. ފިރާގުގެ މޫނުން ހައިރާންކަން ފާޅުވެލިއެވެ. ނަމަވެސް ނުހަނު އަވަހަށް އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"އާދޭ އެތެރެއަށް." ފިރާގު އެ އަންހެންކުއްޖާ ވަނުމަށް ދޮރޯށި ހުޅުވާލަ ދިނެވެ. ލައިޒަލްގެ އަނގައިން ފޫހިކަމުގެ އަޑެއް ނުކުތެވެ. އެހިނދު ފިރާގު ކާފަ ދަރިފުޅަށް ބަލާލިއެވެ. ދެފަރާތަށް ބޯހޫރުވާލީ ލައިޒަލްގެ ކިބައިން އެފަދަ ސިފައެއް ދުށުމަށް ފިރާގު ނޭދޭ ފަދައިންނެވެ.

ސޯފާތަކުން ފިރާގު އިޝާރާތްކުރީ ތަނުގައި އެ އަންހެންކުއްޖާ އިށީނެވެ. ލައިޒަލް މަޑުކުރުމެއްނެތި އެތެރެއަށް ވަދެގެން ދިޔައީއެވެ. ރަޝީދާއަށް ގޮވާލައި ފިނިބުއި މަކާއި ކާއެއް ގެނެސްދިނުމަށް ބުނެފައި ފިރާގު އައިސް އިށީނެވެ. ފަރުވާތެރިކަމާއެކު އޭނާގެ ކަނާއަތް ފަރާތުގައި އިން ހިމަތޮޅި އަންހެންކުއްޖާއަށް ބަލާލިއެވެ. ގައިމު ވެސް އެއީ ރަމްލާގެ ލޮލެއް ނޫނޭ ފިރާގުގެ ހިތް ބުނެލިއެވެ.

"ކޮންނަމެއް ކިޔަނީ؟" ފިރާގު އަހާލިއެވެ.

"ރަޝާ." މަޑު އަޑަކުން އެ އަންހެންކުއްޖާ ބުންޏެވެ.

"ޝަކީލްއާއެއްކޮށްތަ އުޅެނީ." ފިރާގު އަނެއްކާވެސް ޔަގީންކޮށްލިއެވެ.

"ބައްޕައާއި މަންމަ އެކީ އުޅެނީ. މަންމަ ވަރަށްބަލި." ނުބުނެ އިނުމުގެ ބޭނުމެއްނެތްކަން ވިސްނި ރަޝާ ހާމަކުރިއެވެ.

"އެހެންވެތަ ލައިޒަލް ހޯދަން އައީ؟ ރަމްލާ ބުނީތަ؟" ފިރާގު ސުވާލު ކުރިއެވެ. ރަޝާ ދެ ފަރާތަށް ބޯހޫރާލިއެވެ.

"މަންމަ ބޭބެ ދެކޭހިތުން އުޅޭތީ. މަންމައަކަށް ނާދެވޭނެ ބޭބެ ހޯދާކަށް. ޑަކްޓަރުން ވެސް ބުނީ ދެންނެތޭ ކުރެވޭނެކަމެއް. މަންމަ މަރުވަނީކަން އެނގޭ. މަރުވުމުގެ ކުރީން ބޭބެ ގެނެސްދޭން ބޭނުންވީ. މަންމައަށް ބޭބެ ފެނިލިޔަސް ހިތްހަމަޖެހޭނޭ ހީވާތީ. އެހެންވެ ބޭބެ ހޯދަން އަންނަނީ."

"ލައިޒަލް އެއްބަހެއްނުވި ދޯ." ފިރާގަށް އެނގި ހުރެ އަހާލިއެވެ. ރަޝާ ޖަވާބު ދިނީ ބޯޖަހާލުމަކުންނެވެ.

"ރަޝާގެ އުމުރުން ކިހާވަރެއް."

"ސެވެންޓީން." ރަޝާ ބުންޏެވެ.

ރަޝީދާ ގެނެސް ބެހެއްޓި ކާއެއްޗެހީގައި ރަޝާ އަތެއް ނުލައެވެ. އެހެންނަމަވެސް ޖޫސްތަށި ރަޝާ ބޯލިއެވެ. ރަމްލާގެ ހާލާ ބެހޭ ގޮތުން ފިރާގު އޮޅުން ފިލުވިއެވެ. އަދި ރަމްލާއާއި ލައިޒަލްއާ ދެމެދު އޮތީ ގާތް ގުޅުމެއްނޫންކަން ފިރާގު ބުނެދިނެވެ. ލައިޒަލްގެ ނިންމުންތައް ހަރުކަށިހެން ހީވިޔަސް އޭނާއާ މެދު ހިތްބަރުނުކުރާން ފިރާގު އެދުނެވެ. ރަޝާ ދިރިއުޅޭ މާހައުލާއި ލައިޒަލް ބޮޑުވާން ޖެހުނު މާހައުލު ތަފާތުވީމައެވެ. މައިންބަފައިން ތިބެ އެ ލޯބިން މަހުރޫމްވާ ކުދީން މަދެއްނޫނެވެ. ލައިޒަލްއަށް ޓަކައި ފިރާގު ނޫނީ އާއިލާއެއް ނެތީ އެހެންވެއެވެ. ރަޝާ އެކަނި ގެއަށްދާން ފިރާގު އެއްބަހެއްނުވިއެވެ. އޭނާ ރަޝާ ފޮނުވާލީ ހަމްދާނާއެކުއެވެ.

* * * * *

އިރުކޮޅަކު ހުއްޓުން އަރާފައި ލަމްހާއަށް ހުރެވުނެވެ. އީހާނާއި ނީރާގެ ޒުވާބުގެ އަޑު އަހާށެވެ. ނީރާ ވަރިކުރާށޭ ބުނި އަޑު ލަމްހާއަށް އިވުނެވެ. ލަމްހާއަށް ކެތްނުކުރެވުނީ ކޮޓަރި ތެރެއިން ބާރު އަޑުފަށްގަނޑެއް އިވިގެންނެވެ. އެ އަޑާއެކުވެ ނީރާގެ ތޫލި ހަޅޭކެއްގެ އަޑު އިވިގެން ދިޔައެވެ. ހަލުވިކޮށް އައިސް އެ ކޮޓަރީގެ ދޮރުގައި ލަމްހާ ތަޅައިގަތެވެ. އަޑުހަރުކޮށް ދޮރުހުޅުވާން އޭނާ ގޮވާލިއެވެ. ނީރާއަށް އަނިޔާއެއްވީބާއޭ ލަމްހާގެ ހިތުގައި އޮތެވެ. ނަމަވެސް އެ ހީކުރުން ބަދަލުވީ ކޮޓަރީގެ ދޮރު ހުޅުވުނީމައެވެ. ނީރާގެ އަތުގައި ތުވާލި އޮތްއިރު އޭގައި އޮތީ ހުސް ލެޔެވެ. ތަޅުންމަތީ އިށީނދެ އީހާނު އިނެވެ. ކޮޓަރީ ފާރުގައި ހުރި ވަށް ލޯގަނޑު ވަނީ ތަޅައިގެން ގޮސް އެތަން މިތަނަށް ބިއްލޫރިތައް ފައިބާފައެވެ. މީ ދުވަހަކުވެސް ލަމްހާ ދުށުމަށް ބޭނުންވީ ފަދަ މަންޒަރެއް ނޫނެވެ. އީހާނު ވައަތުން ކާނައަތުގައި ހިފަހައްޓާލައިގެން އިންއިރު އެ އަތުގެ ތެރެއިން ލޭތަށް ފައިބަނީއެވެ. އީހާނު ގޮވައިގެން ލަމްހާ ހޮސްޕިޓަލަށް ދިޔައިރު ނީރާ ހުރީ ގޭގައެވެ. އެމީހުންނާއެކު ދާން އޭނާ ބޭނުންނުވީކީނޫނެވެ. ލަމްހާ އެކަމާ ބާރު ނޭޅީމައެވެ. އެވީ ވަގުތުކޮޅު ތެރޭ އެ މަންމައަށް އޭނާ ހުއްޓުން އަރާފައި ހުރިކަން ނުފެންނަ ފަދައެވެ.

ފުނޑުފުނޑުވެފައިވާ އެކިވަރުގެ ލޯގަނޑު ކޮޅުތައް ނަގައި ސާފުކުރުމުގައި ނީރާ އުޅުނެވެ. އެހެންވިޔަސް ރަގުގެ މައްޗަށް އެޅިފައި ހުރި ލޭތައް ދޮވުން އުނދަގޫވިއެވެ. ހުއްޓާލުމެއްނެތި އޭނާ ސާފުކުރުމުގައި އިންއިރު ސިކުނޑިއަށް ލިބިފައިވާ ސިހުން ނުފިލާކަން ޔަގީނެވެ. ފާރުގައި ހުރި ލޯގަނޑުގެ ފްރޭމް ނަގައި އެއްލާލަން ތައްޔާރުކުރިއެވެ. އެ ކޮޓަރިތެރެއަށް ނީރާ ބަލާލިއެވެ. ދެން ނުކުމެގެން އައިސް އޭނާ ވަނީ އަމިއްލަ ކޮޓަރިއަށެވެ. ރޮވެންފެށުނީ ދެނެވެ. މަޑުމަޑުން އަޑު ބާރުވަމުން ގޮސް އޭނާއަށް ގިސްލެވެން ފެށުނެވެ.

"އިޓްސް ނޮޓް މައި ފޯލްޓް... އިޓްސް ނޮޓް..." ނީރާ އަމިއްލަ ނަފްސު ދިފާއުކުރިއެވެ. ކުށްވެރިކަމުގެ އިހްސާސްގެ ތެރެއަށް އޭނާ ގަންބާލުމުގެ ކުރީން ނަފްސު ހިމާޔަތް ކުރަން އުޅޭ ފަދައިންނެވެ. އޭނާ ލޯ ފުހެމުން އަވަހަށް ތެދުވިއެވެ. ފޯނު ލެވުނުތަނެއް ހޯދިއެވެ. އެކަނިވާން ވެއްޖެނަމަ އޭނާގެ ބުއްދި ގޯސްވެދާނޭ ނީރާއަށް ހީވީއެވެ. ފޯނު އަތުޖެހުމުން އަވަހަށް އޭނާ ރިދާއަށް ގުޅިއެވެ. އެހީތެރިކަމަށް އެދެވުނީ ރޮމުންކަމެއް ނީރާއަކަށް ނޭނގުނެވެ. އެކުވެރިޔާ އަންނަނީކަމުގައި ބުނިއިރު އޭނާގެ އިންތިޒާރުގައި ނީރާ އިނީ ސިހިސިހިއެވެ. ހާސްވާ ވަރަކަށް އޭނާގެ ފައިގެ ތެޅުން ބާރުވެލައެވެ. ބެލްއަޅާލި އަޑާއެކު ސޯފާގަ އިން ނީރާ ފުންމައިގެން ތެދުވިއެވެ. ދޮރުހުޅުވާލީ ކާކުތީ ބަލާލުމެއް ވެސް ނެތިއެވެ.

"ނީރާ..." ދޮރުމަތީ ހުރީ ޔަމާނުއެވެ.

"ރިދާ..." ނީރާ އިތުރަށް ކަންބޮޑުވާގޮތް ވިއެވެ.

"މީޓިންގަ އިނީ... އަހަރެން މިއައީ. އިޓްސް އޯކޭ...އައި އޭމް ހިއާ ފޯ ޔޫ." ޔަމާނު ވަގުތުން ނީރާއަށް ވެފައި ހުރި ގޮތް ދެނެގަތެވެ.

"ބޭރަށް ނުކުމެލަންވީނު. ހިނގާ... ރިދާ ބުނީ އިރުކޮޅެއް އަދިވާނޭ. އޭނާ ނިމުނީމަ އަންނާނެ އަހަރެމެން ކައިރިއަށް." ޔަމާނު ވާހަކަދެއްކިއެވެ. ނީރާ މިފަހަރު ބޯޖަހާލީއެވެ. ޔަމާނު ދިއްކޮށްލި އަތުގައި އޭނާ ހިފިއެވެ. އެހިނދު ނީރާގެ ނިތްކުރިމަތިން އިސްތަށިގަނޑުގައި ލޭ ހިކިފައި ހުރިތަން ޔަމާނަށް ފެނުނެވެ. ހާސްވެ ކަންބޮޑުވީ ނަމަވެސް އޭނާ އެކަން ފާހަގައެއް ނުކުރިއެވެ. އިހަށް ނީރާ ހަމައަކަށް އެޅުވުން މުހިންމުކަމުގައި ޔަމާނު ދުށްޓެވެ.

އީހާނަށް ފަރުވާ ދެމުންދިޔަ ވަގުތު ލަމްހާ ގުޅީ ނީރާއަށެވެ. އޭރު އޭނާ ސުޖާއު ވެސް ގުޅައިފިއެވެ. ރިސޯޓުގައި ހުރި ސުޖާއަށް އަވަހަކަށް ނާދެވޭނެކަން ލަމްހާއަށް ވެސް އެނގެއެވެ. އެކަމަކު މިވަގުތު އޭނާއަކަށް ވެސް ކަންތައްކުރަންވީ ކިހިނެއްކަމެއް ނޭނގެއެވެ. އެއަށްވުރެ މާބޮޑަށް ހުރީ ހާސްވެފައެވެ.

"ނީރާ..." ފޯނު ނުނެގުމުން ލަމްހާއަށް މަޑުމަޑުން ކިޔާލެވުނެވެ. ޑަކްޓަރުން ވަކި އެއްޗެއް ނުބުނަނީސް އޭނާއަށް އީހާނު ދޫކޮށްލާފައި ގެއަށް ދެވޭކަށް ނެތެވެ. އެކަމަކު ނީރާ ހުރި ހާލެއް އެނގެން ވެސް ލަމްހާ ބޭނުމެވެ.

ލޭ އަޅަން ނުޖެހުނަސް ގިނަ އަދަދަކަށް ލޭ ފައިބާފަވާކަން އީހާނު ބެލި ޑަކްޓަރު ފާހަގަކުރިއެވެ. ކިހިނެއްވީ ކަމެއްކަން އޮޅުންފިލުވަން ޑަކްޓަރު ވެސް ހުރީ ބޭނުންވެފައެވެ. ލަމްހާއަށް ވެސް އީހާނާއި ނީރާއާ ދެމެދު ހިނގީ ކޮންކަމެއްކަން ބުނެދޭކަށް ނޭނގެއެވެ. އީހާނު އަމިއްލަ ދިން ގެއްލުމެއްކަން ޑަކްޓަރަށް ފާހަގަވާއިރު ލަމްހާއަށް ވެސް އެކަން އެނގެއެވެ. އީހާނަށް ނޫނީ އެކަމުގެ ސަބަބު ބުނެ ނުދެވޭނެއެވެ.

ޔަމާނާއެކު ނީރާ އިނީ ހުޅުމާލޭ އަތިރި މަތީގައެވެ. ދެއަތުގެ ތެރޭ ޔަމާނު އޭނާއަށް ގެނެސްދިން ފެންފުޅި އޮތެވެ. ނޭވާލާން ފަސޭހާވެއްޖެކަން ނީރާއަށް އިހްސާސް ކުރެވުނެވެ. ޔަމާނު ބުނި ފަދައިން ގަޑިއެއްހާއިރު ފަހުން ރިދާ އެމީހުންގެ ކައިރިއަށް އައެވެ. ނީރާ ގޮވައިގެން އެ ދެމީހުން އައީ ކެފޭއަށެވެ. މަތީގައި ހުސްކޮށް ހުރި ކަރޯކޭ ބޫތަކަށް ދެ އަންހެންކުދީން ވެއްދުމަށްފަހު ޔަމާނު ނުކުތީއެވެ. ކަންތައްވީގޮތް ޔަމާނަށް ނުކިޔާދިނަސް ރިދާ ކައިރީ ނީރާ ބުނާނޭކަން އެނގޭތީއެވެ.

"އައި ޓްރައިޑް..." މޭޒުމަތީ ބާއްވާލި ދެއަތުގެ ތެރޭ މޫނު ފޮރުވާލަމުން ނީރާ ބުންޏެވެ.

އިންސާނުން ނުބައިވެއްޖެނަމަ ޝައިތަނާކަށް ދޫނުކުރާނޭކަން މިއަދު ނީރާއަށް ފެނިއްޖެއެވެ. އޭނާއަށް އެންމެ ތަންފުކެއް ވެސް އީހާނު ދޫނުކުރާނޭކަން މިއަދު ސާބިތުކޮށްދީފިއެވެ. ވަކިވެގެންދާނަމަ ފުރާނަނެތް މަސްގަނޑު ދޫކޮށްފަކަން ދާނީ ބުނި ބަހުގެ ޔަގީންކަން އޭނާ ދީފިއެވެ.

"ފުރާނައިގެ އަޑު ނޭނގޭތަ؟ އެހިސާބަށް ދާއިރު އެއީ ކިހާވަރެއްގެ ކަމެއްކަން އީހާނަށް ނޭނގެނީތަ؟ އަހަރެން ލޯބިނުވާނޭކަން އެނގޭއިރު މިގުޅުމުގައި އީހާނަށް އޮތީ ކޮންއުފަލެއް." ބޯޖަހާލައިގެން އޮތް ނީރާ އަމިއްލަ ހިތާ ވާހަކަދެއްކިއެވެ.

"ނީރާ..." ރިދާ ގޮވާލީ ނީރާގެ ކޮނޑުގައި ފިރުމާލަމުންނެވެ.

"ދަރިއަކު ހޯދަން އޭނާ ބޭނުންވަނީ. ހީ ޓްރައިޑް ޓު...." މައްސަލަ ފެށުނު ހިސާބު ނީރާ ކިޔައިދޭން ފަށާފައި ހުއްޓާލިއެވެ. ކޮންމެ ތަފްސީލެއް ރިދާއަށް ދޭންވުމުން ނީރާ އަދިވެސް ފަސްޖެހެނީއެވެ. ބޯޖަހައިގެން އޮވެމެ ދެފަރާތަށް މަޑުމަޑުން ނީރާ ބޯހޫރާލިއެވެ. އިތުރަށް ނީރާ ބުނެލީ އީހާނު ދެން ކަންތައްކުރި ގޮތެވެ. އޭނާ ބޭނުންވާ ކަންތައް ހާސިލުނުވުމުން އަތުގެ ނާރުބުރިކޮށްލީކަމެވެ. އެ ދެ ލޮލުން ކުޑަވެސް ޖެހިލުންވުމެއް ނީރާއަށް ނުފެނުނުއިރު އީހާނު އެފަދައިން ކަންތައް އެކުރީ މަރުވިޔަސް ހެޔޮކަމަށެވެ. އެކަމަކު އޭރުން އެ މަރުގެ ޒިންމާ އެންމެން އަޅުވާނީ ނީރާގެ ބޮލުގައެވެ. އީހާނު ބުނާ ފަދައިންނެވެ.

ގެއަށް އައިސް ނީރާ ވަންއިރު އެކަކުވެސް ގެއަކުނެތެވެ. ނިއްވާލާފައި އޮތް ފޯނު ހުޅުވުމާއެކު ލަމްހާ ގުޅާފައި އޮތްކަން އެނގުނެވެ. ޖެހިލުންވެފައި އިނދެ ލަމްހާއަށް އޭނާ ގުޅިއެވެ. ނީރާގެ ހާލު އޮޅުންފިލުވައި އީހާނު ރަނގަޅުކަމުގައި ލަމްހާ ބުންޏެވެ. ހޮސްޕިޓަލަށް ނީރާ އަންނާނަންތޯ ލަމްހާ އެހުމުން ނޫނެކޭ ބުނާކަށް ނުކެރުނެވެ. އެހެންވެ ފެންވަރާލައިގެން ނީރާ އަނެއްކާ ވެސް ގެއިން ނުކުތީ ހޮސްޕިޓަލަށް ދާށެވެ.

* * * * *

ހޮސްޕިޓަލުގައި އީހާނު ބޭއްވީ ދެ ދުވަހެވެ. ނީރާ ވާހަކަދައްކާތީއެއް ނުފެނެއެވެ. އެކަމަކު އޭނާ އީހާނުގެ ގާތުގައި ހުރެއެވެ. އޭނާއަށް އެހީތެރިވާތީ ފެނެއެވެ. ލަމްހާ ހުންނަނީ އެ ދެމީހުންގެ ހަރަކާތްތަކަށް ސަމާލުވެއެވެ. އީހާނާއެކު ކޮޓަރިތެރޭގައި ހިނގާ އެއްވެސް ކަމެއް ލަމްހާއަށް ބުނާކަށް ނޭނގެއެވެ. އެހެންވިޔަސް ދެ މީހުން ދެބަސްނުވާކަން ފާހަގަވިއެވެ. އޭނާއަށް އަދިވެސް ވިސްނެނީ ނީރާގެ ފުށުން އިވުނު ބަސްތަކެވެ. ވަރިއަށް ނީރާ އެދޭންވީ ސަބަބެކެވެ. އެކަމަކު އީހާނާއި ނީރާ ވަރިވުމަކީ ލަމްހާ ދެކެން ބޭނުންވާ މަންޒަރެއް ނޫނެވެ. ދެމެދުގައި ހިނގި ދެބަސްވުމުގައި ރުޅީގެ ހޫނުކަމާއެކު ނީރާ ބުނެލީކަމަށް ވެދާނެއެވެ. ލަމްހާ ގަބޫލުކުރަން ބޭނުންވަނީ އެގޮތެވެ. އެހެންވިޔަސް ސުވާލެއް ނުކޮށް ހުންނަން އުނދަގޫވިއެވެ. އެހެންވެ އީހާނާއި ނީރާ ކައިރީގަ ބޭތިއްބުމާއެކު ލަމްހާ ސުވާލުކުރިއެވެ.

"އެކީގަ އުޅޭން ބޭނުންނުވާ ހިސާބަށް ކަންތައް ދިޔައީތަ؟" ލަމްހާ ދެވަނަ ސުވާލު ވެސް ކޮށްލިއެވެ. ނީރާ އިސްޖެހި ގޮތަށް އުފުލާނުލިއެވެ. އީހާނު ބަލަން އިނީ ނީރާއަށެވެ. އޭނާ އިސްއުފުލާލުމާއެކު އީހާނު އޭނާގެ އަތުގައި ހިފާލިއެވެ. ދެން ކުރިމަތީ އިން މަންމައަށް ބަލާލިއެވެ.

"ދެން ނުވާނެ އެހެނެއް. އައި އޭމް ސޮރީ." އީހާނު ބުންޏެވެ. އަދި ނީރާއަށް ބަލާލިއެވެ.

އީހާނު އެތައް ވާހަކައެއް ދެއްކިއެވެ. ނީރާގެ ހިމޭންކަން ލަމްހާއަށް ކަމަކު ނުދިޔައެވެ. އެހެންވިޔަސް އީހާނުކަން މައްސަލަ ފެށީ ބުނުމުން ލަމްހާއަށް އިތުރަށް ސުވާލުކުރާނޭ ފުރުސަތެއް ނުލިބުނެވެ. ނީރާއާ އެކަނި ވާހަކަދައްކާލަން ލަމްހާ ވިސްނިއެވެ. އީހާނު ގޭގައި ނޫޅޭ ވަގުތެއްގައި ނީރާއާ ވާހަކަދައްކަން ފަސޭހަވާނޭ ލަމްހާގެ ހިތް ބުންޏެވެ. ފަހަރެއްގައި ނީރާ ގަޔާނުވާ ކަމެއް އީހާނުގެ ހުއްޓަސް އެނގޭނީ އޭރުންނޭ ލަމްހާ ހިތަށް އެރިއެވެ. އޭނާގެ ފިރިހެން ދަރިފުޅަކީ ހުރިހާ ގޮތަކުން ފުރިހަމަ ފިރިހެނެއް ނޫންކަން ލަމްހާ ގަބޫލުކުރެއެވެ. އަދި ނީރާއާއި އީހާނަކީ ޒުވާން ދެމަފިރިންނެވެ. އެމީހުންނަށް މަގުދައްކާން ތިބީ ލަމްހާއާއި ސުޖާއުއެވެ.

ކޮޓަރިތެރެއަށް އޮތީ ހިމޭންކަން ވެރިވެފައެވެ. އެނދުގައި އީހާނާއެކު ނީރާ ވެސް އޮތެވެ. ނިދީގެ އަސަރު އެމީހުންގެ ލޮލަކު ނުވެއެވެ. ދޭތެރެއަކުން ފުންނޭވާއެއް އީހާނު ދޫކޮށްލައެވެ. ދެފަރާތަށް އެނބުރި ދެމީހުން ތިބިއިރު އެކަކުއަނެކަކަށް ވެސް ދެމީހުން ތިބީ ހޭލާކަން އެނގެއެވެ.

"ސޮރީ..." އީހާނު ބުނެލިއެވެ.

"އަހަންނަށް މިހެން ހެދީ ނީރާ. މިހެން އުޅޭން މަޖުބޫރުކުރުވީ ނީރާ. އެންމެ ފަހަރަކު... ހަމަ އެންމެ ފަހަރަކު އަހަރެން މީ ފިރިމީހާކަން ގަބޫލުކޮށްބަލަ. މި ގުޅުމަށް... އަހަންނަށް ޗާންސެއް ދީ. ލޯބިދޭން އަހަންނަށް ނޭނގެއޭ ނީރާއަށް ހީވަނީތަ؟. އެ ފުރުސަތު އަހަންނަށް ވެސް ދީބަލަ. އެނގޭތަ ނީރާއަށް އަހަރެން ބޭނުންވާވަރު. ކުރީން އެފަދަ ގުޅުމަކަށް ނީރާ ކައިރީ ނޭދެން. އެކަމަކު މިހާރު އަހަރެން މީ ހިލޭ ފިރިހެނެއްނޫން. އޭރު ހިލޭ ފިރިހެނަކާއެކު ނީރާ އުޅުނީ. މިހާރު ހަލާލު ފިރިމީހާ ގަބޫލުނުކުރެވެންވީ ކީއްވެ."

"ނީރާ... އަދިވެސް ތި ވިސްނަނީ ވަރިވާންތަ؟ އެކުގައި އުޅޭން އެއްފަހަރު ވެސް ނުވިސްނާނަންތަ؟"

އަމިއްލަ ކުށް ގަބޫލުކުރަން ބޭނުންނުވާ މީހަކު އަބަދުވެސް ފާހަގަ ކުރާނީ އެހެންމީހުންގެ ހުރި އުނިކަންތަކެވެ. އަނެކާއަށް އަންނަ ހުރިހާ ބަދަލަކީ ތިމާގެ ޢަމަލުތަކުން ނުކުތް ނަތީޖާކަން ގަބޫލެއް ނުކުރާނެއެވެ. އެހެން މީހުންގެ އިހްސާސްތައް އެފަދަ މީހަކަށް ނުފެންނާނެއެވެ. އަބަދުވެސް އިސްކަން ދެވޭނީ ތިމާއަށެވެ. އަމިއްލަ ނަފްސަށް ނުފުދި ހުރި ކަންކަމަށެވެ. ވިސްނޭނީ ތިމާ ބޭނުންވާ ކަންކަން ހާސިލު ކުރެވޭނެ ގޮތަކާމެދުއެވެ.

އީހާނު ގޮވާލީމާ ވެސް ނީރާ އަނގައިން ނުބުންޏެވެ. ބުނެވޭ ކޮންމެ ބަހެއް އީހާނު އަނބުރާލާނޭކަން އެނގޭތީއެވެ. މިހާރު ވެސް އީހާނު ކުށްވެރި އެކުރަނީ އޭނާއެވެ.

* * * * *

ކެފޭއަށް އީހާނު ނުކުންނަން ފެށިތާ ހަތަރުވަނަ ދުވަހެވެ. މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ވަންނަން ބޭނުންނުވާ ޔަމާނަށް މިފަހަރު ހިމޭނުން ނުހުރެވުނީއެވެ. ކައުންޓަރު ދޮށުގައި ދެ ޒުވާނުން އެކަނިވުމުން ޔަމާނު ވާހަކަފެށިއެވެ. އީހާނުގެ އަތުގައި އަޅާފައިވާ ބޭސްގަނޑު ހުރީ ނަގައިފިއެވެ. ޔަމާނު ފުރަތަމަ އެހީ އެ އަތާ ބެހޭ ގޮތުންނެވެ. ތަދުވޭތޯއާއި އެކީ ރަނގަޅުވީތޯއެވެ.

"ތި ދެމީހުން އޯކޭތަ؟" ވާހަކައިގެ ތެރެއިން ޔަމާނު އަހާލިއެވެ.

"އާން. މިދެން އެހެންވީ ކަމެއްނޫނޭ. މިހާރު ހުރިހާކަމެއް އޯކޭ." އީހާނު ހީނލީއެވެ.

"ނީރާ... މެރީކުރުމަށްފަހު ވަރަށް ބަދަލުވެއްޖެ. އޭނާ ބޭނުމެއްނުވޭ ދޯ އީހާނާއެކު އުޅޭކަށް." ޔަމާނު ޖެހިލުންވިޔަސް ހިތުގައި އޮތް ސުވާލު ބޭރުކޮށްލިއެވެ. (ނުނިމޭ)