ލައިފްސްޓައިލް

އެއްމާބަނޑު ކުދިން ގިނަ އަވަށެއް!

އިންޑިޔާގެ އަވަށްތައް އެންމެން ވެސް ދަންނަނީ ދަނޑުވެރިކަމާއި ލިޔަން ކިޔަން އެނގޭ މީހުން ތިބޭލެއް މަދުކަމާއި މަގުތަކުގެ ނުސާފުކަމާއި ކަންކަމާ ހެދި އެވެ. ނަމަވެސް މިކަންކަމާ ވަރަށް ތަފާތު ގޮތަކަށް ފާހަގަކޮށްލެވޭ ވަރަށް ޚާއްސަ އަވަށެއް ކެރެލާގައި އެބައޮތެވެ. މި އަވަށުގައި އިންސާނުން ފޮޓޯކޮޕީ ހަދާ މެޝިނެއް ހުރީ ހެން ވެސް ބައެއް މީހުންނަށް ހީވެދާނެ އެވެ. ސަބަބަކީ އަވަށުގައި އެއްމާބަނޑު ދެބެން ގިނަ ކަމުންނެވެ. އަދި މީގެ ތެރޭގައި އެއް ވައްތަރު ނުވަތަ ނިބޫ ކުދިން ވެސް ވަރަށް ގިނަ އެވެ.

މަލައްޕުރަމް ޑީސްޓްރިކްޓްގައި އޮންނަ ކޮޑިންހީ އަވަށުގައި އެއްމާބަނޑު ކުދިން އުފަންވާލެއް ގިނަކަމުން މި އަވަށަކީ މުޅި އިންޑިޔާގެ ހުރިހާ އަވަށަކަށް ބަލާއިރުވެސް ނިސްބަތުން އެންމެ ގިނަ އެއްމާބަނޑު ދެބެން އުފަންވާ އަވަށަށް ވަނީ ވެފަ އެވެ.

ކޮޑިންހީ އަވަށަށް ނަޒަރު ހިންގާލާއިރު އެ އަވަށަކީ ކެރެލާގެ އެހެނިހެން އަވަށްތަކާ އެއްކަހަލަ ވަރަށް އާދައިގެ އަވަށެކެވެ. މަގުގެ ދެފަރާތުގައި ހުންނަނީ ރުއް އިންދާފަ އެވެ. ހަނޑޫދަނޑުތަކާއި އެނޫން ވެސް ތަފާތު ކާނާގެ ބާވަތްތައް ހައްދާފައިވާ ދަނޑުތައް އަވަށުގެ ވަށައިގެން ވެއެވެ. ނަމަވެސް އަވަށުގެ ހަނި މަގުތަކުން ލާފައި ގޮސް އަވަށް ތެރެއަށް ވަންނައިރު އެއްކަމެއް ފާހަގަ ކުރެވޭނެ އެވެ. އެއްވައްތަރެއް ޖަހާ ދެ ކުދިން ގިނަ ކަމެވެ.

މި އަވަށުގެ ގިނަ މީހުންނަކީ މުސްލިމުންނެވެ. އާބާދީގައި 2000 ވަރަކަށް މީހުން އުޅޭއިރު 400 މީހުންނަކީ އެއް ވައްތަރެއް ޖަހާ އެއްމާބަނޑު ދެބެންނެވެ. މިހާ ކުޑަ އާބާދީއެއްގައި މިހާ ގިނަ ނިބޫ ކުދިން ތިބުމުން ވަރަށް ފަސޭހައިން މީހުންގެ ލޮލުގައި މިކަން އަޅައިގަނެ އެވެ.

މި އަވަށުގައި ދިރިއުޅޭ އެންމެ ދުވަސްވީ އެއްމާބަނޑު ދެބެންނަކީ އަބްދުލް ހަމީދު އާއި އޭނާގެ އެއްމާބަނޑު އަންހެން ކޮއްކޮ ކުންހީ ކާޑިއާ އެވެ. މި ދެބެން އުފަންވީއިރު އެ އަވަށުގައި އެއްމާބަނޑު ކުއްޖެއް ނެތެވެ. ނަމަވެސް މަޑުމަޑުން ކޮންމެ އަހަރަކު އެއްމާބަނޑު ދެ ކުދިން ވިހާ މިންވަރު އިތުރުވަމުން ދިޔަ އެވެ. އެގޮތުން 2008 ގައި އެ އަވަށުގައި އުފަންވި 300 ކުދިންގެ ތެރެއިން 30 ކުދިންނަކީ އެއްމާބަނޑު ދެބެންނެވެ. އަދި އޭގެ މަދު އަހަރެއް ފަހުން އަހަރަކު އުފަންވާ އެއްމާބަނޑު ކުދިންގެ އަދަދު 60 އަށް ވަނީ އަރާފަ އެވެ.

އެއްމާބަނޑު ކުދިން ގިނައިން ލިބުނަސް މި އަވަށުގެ ކުދިންގެ އަދި އެ ކުދިންގެ މައިންގެ އެއްވެސް ކަހަލަ އައިބެއް ނުވަތަ ޚާއްސަ ބައްޔެއް ނެތެވެ.

ދުނިޔޭގައި އެއްމާބަނޑު ދެބެން އުފަންވީ ކޮންމެ 1000 ކުއްޖަކުން ހަތަރު ކުއްޖެކެވެ. އިންޑިޔާގައި ކޮންމެ 1000 ކުއްޖަކުން ނުވަ ކުއްޖަކީ އެއްމާބަނޑު ދެބެންނެވެ. ނަމަވެސް މި ގޮތްނޭނގޭ އަޖައިބުތަކެއް އެކުލެވޭ އަވަށުގައި އުފަންވާ ކޮންމެ 1000 ކުއްޖަކުން 45 ކުދިންނަކީ އެއްމާބަނޑު ދެބެންނެވެ. އެވްރެޖަށް ބަލާއިރު މި އަވަށަކީ ދުނިޔޭގެ ދެ ވަނަ އެވެ.

އެންމެ ގިނަ އެއްމާބަނޑު ދެބެން އުފަންވަނީ ނައިޖީރިޔާގެ އިގްބޯ-އޯރާގަ އެވެ. "ޓްވިން ކެޕިޓަލް އޮފް ދަ ވޯލްޑް"ގެ ނަމުން މަޝްހޫރުވެފައިވާ މި އަވަށުގައި އުފަންވާ ކޮންމެ 1000 ކުއްޖަކުން 145 ކުދިންނަކީ އެއްމާބަނޑު ދެބެންނެވެ.

ފާއިތުވީ އަހަރުތަކުގައި ދުނިޔޭގެ އެކި ހިސާބުތަކުންނާއި އިންޑިޔާގެ މަޝްހޫރު ބައެއް ސައިންސްވެރިންގެ ޓީމުތައް ވެސް މި އަވަށަށް އައިސް މިކަން ވާ ގޮތެއް ހޯދުމަށް މަސައްކަތްތަކެއް ކޮށްފައި ވެއެވެ. މި ސައިންސްވެރިން އެއްމާބަނޑު ކުދިންގެ އަނގައިގެ ކުޅާއި އިސްތަށި ވެސް ދިރާސާ ކޮށްފައި ވެއެވެ. ނަމަވެސް އެއްވެސް މީހަކަށް އަދި މިކަން ދިމާވާ ސަބަބު ހޯދިފައެއް ނެތެވެ.

މި އަވަށުގެ ދިރާސާތައްކުރުމުގައި ހަރަކާތްތެރިވި ޑރ. ކްރިޝްނަން ސްރިބިޖޫ ބުނިގޮތުގައި ބޭސްވެރިކަމުގެ ދުނިޔޭގައި މި އަވަށަކީ މުއުޖިޒާތެއް ފަދަ ތަނެއްގެ ގޮތުގައި ދެކޭ ކަމަށެވެ. ސަބަބަކީ މި އަވަށުގެ މީހުންނަށް މި ދިމާވަނީ ސައިންސްގެ ނަޒަރުން ބަލާއިރު ވަރަށް ވުން ނާދިރުކަމަކަށް ވާތީ އެވެ.