އިންޑިޔާގެ ބިހާރުގެ މަދުބަނީ ޑިސްޓްރިކްޓްގެ ކޯޓަކުން ވަރަށް އާދަޔާޚިލާފު ހުކުމެއް ކޮށްފި އެވެ. މިއީ އަންހެނަކު ރޭޕްކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 20 އަހަރުގެ ޒުވާން ފިރިހެނަކު ކަފާލާތުގެ ދަށުން މިނިވަން ކޮށްދޭން އެދި ހުށަހަޅާފައިވާ ހުށަހެޅުމަށް ރިއާޔަތްކޮށް ކޯޓުން އިއްވި ހުކުމެކެވެ.
މި ހުކުމްގައި ބުނެފައިވަނީ އޭނާ ޖިންސީ ގޯނާ ކުރި އަންހެންމީހާ އާއި އެ އަވަށުގައި ދެން ވެސް ތިބި ހުރިހާ އަންހެނުންނެއްގެ އައުންނައުނު ހަ މަސް ދުވަސް ވަންދެން ދޮވެ އިސްތިރިކުރުން އޭނާގެ މައްޗަށް އަމުރު ކުރާ ކަމަށެވެ. އަދި އޭނާ ކަފާލާތުގެ ދަށުން މިނިވަން ކުރެވޭނީ މި ޝަރުތުގެ މަތިން ކަމަށެވެ. ކޯޓުގެ އަމުރުގައި ބުނެފައިވަނީ އޭނާ މިމަސައްކަތް ކޮށްދޭން ޖެހޭނީ މުޅިން ހިލޭ ކަމަށެވެ. މިކަމަށް އެއްވެސް އުޖޫރައެއް އެއްވެސް މީހެއްގެ އަތަކުން އެމީހާއަކަށް ނުނެގޭނެ އެވެ. މީގެ އިތުރުން 10،000 ރުފިޔާގެ ބެއިލް ބޮންޑެއް ވެސް އެމީހާއަށް ދައްކަން ޖެހުނެވެ.
ލަލަން ކުމާރު ސާފީ، 20، އަކީ ދޮވެއިސްތިރިކުރުމުގެ މަސައްކަތްކުރާ މީހެކެވެ. އޭނާގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން މިދިޔަ އެޕްރީލް މަހުގެ 19 ވަނަ ދުވަހުން ފެށީގެން އޭނާ ހުރީ ޖަލުގަ އެވެ.
ކޯޓު އަމުރާ އެއްގޮތަށް ލަލަން އާ ހަވާލު ކުރެވުނު މަސައްކަތް ފުރިހަމަ ކުރުމަށްފަހު އަވަށުގެ ވެރިމީހާގެ ސޮއި އޮތް ލިއުމެއް ކޯޓަށް ހުށަހަޅަން ޖެހެ އެވެ. އަދި މި މީހާއަށް ކޯޓުގެ އަމުރާ އެއްގޮތަށް އަމަލު ނުކުރެވިއްޖެނަމަ ނުވަތަ ނުކޮށްފިނަމަ އަވަށުގެ އިސް މީހާ އެކަން ކޯޓަށް އަންގަން ޖެހޭނެ ކަމަށް ވެސް ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.
ލަލަންގެ ގާނޫނީ ވަކީލު ކޯޓުގައި ބުނީ އޭނާ ދިރިއުޅުމަށް ކުރާ މަސައްކަތަކީ އެއްޗެތި ދޮވެ އިސްތިރި ކުރުން ކަމަށް ވާތީ ކޮމިއުނިޓީ ސާވިސްގެ ގޮތުގައި އެ މަސައްކަތް ކޯޓުން އަންގާ ގޮތަކަށް ކުރަން އޭނާ ތައްޔާރުކަމަށެވެ. ކޯޓުގެ އަމުރުގައި ބުނެފައިވަނީ މިގޮތަށް މި ހުކުމް އައީ އޭނާ "އަންހެނުންނަށް އިހުތިރާމް"ކުރާކަން އަމަލު ދައްކަން ޖެހޭ ގޮތް ހެދުމަށް ކަމަށެވެ.
މި ހުކުމް އިއްވި ފަނޑިޔާރު އަވިނީޝް ކުމާރަކީ މިފަދަ އާދަޔާޚިލާފު ހުކުމްތައް ކުރާކަމަށް މަޝްހޫރު މީހެކެވެ. މީގެ ކުރިން ވެސް އޭނާ މިފަދަ ބައެއް ހުކުމްތައް ކޮށްފައި ވެއެވެ. އެގޮތުން ހައްޔަރުގައި ހުރި އެހެން މީހަކު ކަފާލާތުގެ ދަށުން މިނިވަން ކުރުމުގެ ޝަރުތެއް ކަމުގައި ފަގީރު ފަސް ކުއްޖަކަށް ތިން މަސް ވަންދެން ތައުލީމު ދިނުމަށް ފަނޑިޔާރު ހުކުމް ކޮށްފައި ވެއެވެ. އަދި މިކަން ފުރިހަމަ ކުރުމަށްފަހު އެ ކުދިންގެ މައިންބަފައންގެ އަތުން ލިޔުން ހޯދައި ކޯޓަށް ހުށަހަޅަން ވެސް އެމީހާއަށް ކުރި ހުކުމްގައި ބުނެފައި ވެއެވެ.