ސާފް ޗެމްޕިއަންޝިޕް

ގައުމީ ޓީމުގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް އައިލެންޑް އެޕެރެލްސް

އަންނަ މަހު ފަށާ އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރާ ގައުމީ ފުޓްބޯޅަ ޓީމުގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް އައިލެންޑް އެޕެރެލްސް ހަމަޖައްސައިފި އެވެ.

ގައުމީ ޓީމުގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް އައިލެންޑް އެޕެރެލްސް ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ބުރާސްފަތި ދުވަހު ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ރަސްމީޔާތެއްގަ އެވެ. މިއީ ގައުމީ ޓީމުގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް ރާއްޖޭގެ ކުންފުންޏެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބޭނުންކުރާނެ ޖާޒީ ޕްރިންޓްކޮށް ތައްޔާރުކުމުގެ ހުރިހާ މަސައްކަތެއްވެސް ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަ އެވެ.

މިފަހަރުގެ މުބާރާތުގައި ގައުމީ ޓީމު ބޭނުންކުރާނެ ޖާޒީއަށް ޕްރީ-އޯޑާ ކުރަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 25 ވަނަ ދުވަހު އެ ފުރުސަތު ހުޅުވާލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޖާޒީއަށް ޕްރީ-އޯޑާ ކުރަން ބޭނުންވާ ފަރާތްތަކުން 9721111 އަށް ވައިބާ ކުރުމަށް އައިލެންޑް އެޕެރެލްސް އިން އެދެ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ފުޓްބޯޅަ ޓީމު ބޭނުންކުރާ ޖާޒީ ރަސްމީކޮށް އާމުންނަށް ދައްކާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ހާއްސަ އިވެންޓެއްގަ އެވެ. ޖާޒީ ފަރުމާކޮށް ޑިޒައިންކޮށްފައިވަނީ މަޝްހޫރު ޑިޒައިނަރު އަބްދުﷲ ނަޝާތު އެވެ.

ގައުމީ ޓީމުގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް އައިލެންޑް އެޕެރެލްސް ހަމަޖެއްސި އިރު، މުބާރާތުގެ ޓައިޓަލް ސްޕޮންސަރުކަން ނަގާފައިވަނީ އުރީދޫ އިންނެވެ.

މިއީ ރާއްޖެއަށް ނިސްބަތްވާ ކުންފުންޏަކުން ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސާކަން ނެގި ފުރަތަމަ ފަހަރެވެ. އުރީދޫ މޯލްޑިވްސް އަކީ ގަތަރުގެ މަލްޓި ނޭޝަނަލް މުއާސަލާތީ ކުންފުނި އުރީދޫން ރާއްޖޭގައި ހިންގާ ރާއްޖެއަށް ނިސްބަތްވާ ކުންފުންޏެކެވެ. އުރީދޫއިން ޓައިޓަލް ސްޕޮންސާކަން ނެގުމާއެކު މިފަހަރުގެ މުބާރާތް ކުރިއަށް ދާނީ "އުރީދޫ ސާފް ޗެމްޕިއަންޝިޕް" ގެ ނަމުގަ އެވެ. އެއީ މުބާރާތުގެ ނަމަށް ޓައިޓަލް ސްޕޮންސާ ލުމަށް ހަމަޖެހިފައި ވާތީ އެވެ.