ބޮލީވުޑް

"ބިގް ބޮސް" އަކީ އެންމެ ދުވަސްވީ ގުޅުން: ސަލްމާން

ކަލާޒް ޓީވީގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 15 ވަނަ ސީޒަން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ލޯންޗު ކޮށްފަ އެވެ. ގިނަ ބަޔަކު ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދާ މި ޝޯ ފެށުމުގެ ރަސްމިއްޔާތުގައި ކުރީގެ ސިޒަންތަކުގެ ބައެއް ބައިވެރިން ކަމަށްވާ އާރްތީ ސިންގް އާއި ދެވޮލީނާ ބަޓަޗަޖީ ބައިވެރިވި އެވެ.

އަންނަ އޮކްޓޯބަރު ދެވަނަ ދުވަހު ދައްކަން ފަށަން ހަމަޖެހިފައިވާ މި ޝޯގައި ކުރީ ސީޒަން ތަކަށް ވުރެ ގޮންޖެހުންތައް ބޮޑުވާނެ އެވެ. ސަބަބަކީ މިފަހަރުގެ ސީޒަން ރާވާފައި އޮތީ "ޖަންގަލް ތީމް" އަކަށް ކަމަށް ވާތީ އެވެ.

"ބިގް ބޮސް" އާއި ސަލްމާންގެ އޮންނަ ގުޅުމާ ބެހޭ ގޮތުން މި ހަފުލާގައި ނޫސްވެރިއަކު ސަލްމާނާ ސުވާލު ކުރި އެވެ. ސަލްމާން ބުނީ އޭނާގެ ހަޔާތުގައި މިހާތަނަށް "ބިގް ބޮސް" އާ އޮތް ގުޅުން ފިޔަވައި އެހާ ގިނަ ދުވަހު އެއް ގުޅުމެއް ނުބޭއްވޭ ކަމަށެވެ. ކޮންމެވެސް ސަބަބަކާ ހުރެ ގުޅުން ކެނޑޭ ކަމަށެވެ. ނަމަވެސް ބިގް ބޮސް އާ އޮތް ގުޅުން ދާއިމީ އެއްޗަކަށް ވެފައިވާ ކަމަށެވެ.

"ބިގް ބޮސް" އާއި ސަލްމާންގެ އެއްގޮތް ކަންތައްތަކަކީ ކޮބައިތޯ އެހެން ނޫސްވެރިއަކު ސުވާލު ކުރުމުން ސަލްމާން ބުނި ދެ މީހުން ވެސް ހުސްހަށިބައި ކަމަށެވެ. އެއްވެސް ބިރެއް ނެތި އެމީހުން "ބޮސް" އަކަށް ވަނީ އެހެންވެ ކަމަށެވެ.

"ބިގް ބޮސް" ހޯސްޓް ކޮށްގެން ސަލްމާނަށް ލިބޭ ފައިސާގެ އަދަދާ ބެހޭ ގޮތުން ވެސް ނޫސްވެރިން ސަލްމާނަށް ސުވާލުތައް ހުށަހެޅި އެވެ.
"ބިގް ބޮސްގެ ޕްރޮޑިއުސަރުން ކައިރީ އަބަދު އަހަރެން އެބަ ކިޔަން އަހަރެން ވަރަށް ބުރަ މަސައްކަތެއް ނޫންހޭ މި ކުރަނީ. އެހެންވެ އުޖޫރަ ވެސް އިތުރުކުރަން ޖެހޭނެ ނޫންހޭ. އެކަމަކު އެމީހުން އެ ވާހަކަ އަޑެއް ނާހާ. އަހަރެން ދުއާ ކުރަން އެމީހުން އަހަރެން ކައިރީގައި އުޖޫރަ ބޮޑުކޮށްފީމޭ ބުނާނެ ދުވަހެއް އާދޭތޯ. އެ ދުވަހަކުން އަހަރެން ބުނާނަން ކޮންމެހެން ބޮޑުކުރާނެ ކަމެއް ނެތޭ. އެ ފަދަ ކަމެއް ވެދާނެހެން ހީވޭތަ؟" ސަލްމާން ނޫސްވެރިންނާ ސުވާލު ކުރި އެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި "ބިގް ބޮސް 15" ހޯސްޓްކުރަން ސަލްމާން މިފަހަރު އެއްބަސްވީ 350 ކްރޯޑު ރުޕީސް އަށެވެ. މި ޝޯ އޭނާއަށް އެހާ ކަމުދާ ސަބަބު ކިޔައިދެމުން ސަލްމާން ބުނީ އޭނާގެ ކެތްތެރިކަމަށް ގޮންޖަހާ އަދި ޓެސްޓްކުރާ ޝޯއަކަށް މި ޝޯ ވާކަމަށެވެ.

"އަހަންނަށް ރުޅި އާދެވޭތޯ ކޮންމެ ފަހަރަކު ރުޅި މަޑުވުމުން ހިތަށް އަރާ އެގޮތަށް ރުޅި ނާދެވުނު ނަމައޭ. އަދި އަނެއް ފަހަރު އަހަރެން އެޔަށް ވުރެ ގަދައަޅާ މަސައްކަތްކުރަން ރުޅި ނައިސް ވޭތޯ. ނަމަވެސް ޝޯގެ ބައިވެރިން އަނެއްކާވެސް ކުރާ ގޯސް ކަންތައްތަކުން އަހަރެން ކައިރިއަށް ރުޅި އަންނަނީ،" ސަލްމާން ބުންޏެވެ.

"ބިގް ބޮސް 15" ގައި ބައިވެރިވާނެކަން ޔަގީންވެފައިވާ މީހުންގެ ތެރޭގައި "ބިގް ބޮސް އޯޓީޓީ" ގެ ރަނަރަޕް ޝަމީތާ ޝެޓީ އާއި ނިޝާންތު ބަޓް ހިމެނެ އެވެ. އަދި "ބިގް ބޮސް 13" އިގެ ރަނަރަޕް އާސިމް ރިޔާޒްގެ ކޮއްކޮ އުމަރު ރިޔާޒް އާއި ޓީވީ ބަތަލާ ޑޯނަލް ބިޝްތު ވެސް ޝޯގައި ބައިވެރިވާކަން ވަނީ ޔަގީން ވެފަ އެވެ.