ޕަލާއޫގައި ބާއްވަން ހަމަޖައްސާފައިވާ ހަތްވަނަ އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދައުވަތު އަރުއްވައިފި އެވެ.
އެންމެ ކުދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ޕަލާއޫގައި އޯޝަން ކޮންފަރެންސް ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 16 އިން 17 އަށެވެ.
ރައީސް ސޯލިހަށް ދައުވަތު އެރުއްވީ އދގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް އެމެރިކާގެ ނިއުޔޯކަށް މިހާރު ވަޑައިގެން އުޅުއްވާ ޕަލާއޫގެ ރައީސް ސުރަންގެލް އެސް. ވިޕްސް ޖޫނިއަ އާއި އެކު ރައީސް ސޯލިހު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ކޮވިޑް-19 އާއި، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި، ފަތުރުވެރިކަމާ ގުޅޭގޮތުން ކަމަށެވެ.
މިބައްދަލުވުމުގައި ޕަލާއޫގެ ރައީސް ވަނީ ކޮވިޑް 19 އާއި ގުޅިގެން އެ ގައުމުގެ ބޯޑަރުތައް ބަންދުކުރުމާއެކު އެ ގައުމުން ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައިވާ ކަމާއި މިހާތަނަށް އެ ގައުމުން ކޮވިޑްގެ ސަބަބުން މީހަކު މަރުވެފައި ނުވަތަ ވައިރަސްގެ ސަބަބުން ހޮސްޕިޓަލްގައި އެނދުމަތިކޮށްފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުމުން ކުރިމަތިވި ގޮންޖެހުންތަކާއި ވީހާވެސް އަވަހަށް ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ޖަހައި ނިންމުމަށް ބޭނުންފުޅުވާ ކަން ވަނީ ވިދާޅުވެފަ އެވެ.
މިބައްދަލުވުމުގައި ދެބޭފުޅުންވެސް ވަނީ ސްކޮޓްލޭންޑްގެ ގްލަސްގޯގައި ބާއްވާ ކޮޕް-26 ސަމިޓުގައި ގުޅިގެން މަސައްކަތް ކުރުމަށާއި ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރުމަށްޓަކައި ބޭނުންވާ ފަންނީ ލަފާ ދެ ގައުމުގެ ދެމެދުގައި ހިއްސާކޮށް އެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް ވެސް މަޝްވަރާކުރައްވާފަ އެވެ.
ރާއްޖެ އާއި އެއްގޮތް ސިފަތަކެއް ލިބިގެންވާ ޕަލާއޫ އަކީ ޕެރިސް އެގްރީމަންޓް އެންމެ ފުރަތަމަ ތަސްދީގު ކުރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އަދި ދުނިޔެ ހޫނުވަމުންދާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރާ ގައުމެކެވެ.
އާބާދީގައި 18،000 މީހުން ދިރިއުޅޭ ޕަލާއޫ އަކީ ޕެސިފިކް އޯޝަންގެ ހުޅަނގުގައި މުރަކައާއި ފަރުބަދައިގެ މައްޗަށް އެކުލެވޭ 340 ރަށް ހިމެނޭ ޖަޒީރާ ގައުމެކެވެ.