އައިޖީއެމްއެޗް

ހުމާއި ރޯގާ ފެތުރުން އިތުރުވުމުން ފްލޫ ކުލިނިކެއް

Sep 25, 2021

ހުމާއި ރޯގާ ފެތުރުން އިތުރުވެފައިވާތީ ފްލޫ ކްލިނިކެއް ހުޅުވަން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ނިންމައިފި އެވެ.

އައިޖީއެމްއެޗުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ މާދަމާ އިން ފެށިގެން ފްލޫ ކްލިނިކުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ފްލޫ ކްލިނިކު ހުޅުވާ ހިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ ފުޓްބޯލް އެސޯސިއޭޝަން މޯލްޑިވްސް (އެފްއޭއެމް) ކުރިން ހިންގި އިމާރާތުގަ އެވެ.

ކްލިނިކުން ހިދުމަތް ދިނުމަށް ނިންމާފައިވަނީ ކޮންމެ ދުވަހަކު ހެނދުނު 08:30 އިން ރޭގަނޑު 10:00 އަށެވެ.

އައިޖީއެމްއެޗުން ބުނީ މިދިޔަ ތިން މަސް ދުވަހުގެ ރެކޯޑްތަކަށް ބަލާއިރު ހުމާއި ރޯގާގެ އަލާމާތްތައް މިދުވަސްވަރު ގިނައިން ފެންނަމުންދާ ކަމަށެވެ. އެހެންކަމުން ކްލިނިކް ހުޅުވީ ރޯގާގެ އަލާމާތްތައް ހުރި މީހުންނަށް ހިދުމަތް ދިނުން ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ރޯގާގެ އަލާމާތްތައް ފެނިއްޖެނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި ފްލޫ ކުލިނިކަށް ދިއުމަށްވެސް އައިޖީއެމްއެޗުން އިލްތިމާސް ކުރެ އެވެ.