އިންޑިޔާގެ ބިހާރުގެ މާޑީ ނަމަކަށް ކިޔާ އަވަށުގައި މިހާރު އެންމެ މުސްލިމަކު ވެސް ދިރިއެއް ނޫޅެ އެވެ. މާ ކުރީ ޒަމާނެއްގައި އެ އަވަށުގައި މުސްލިމުން އުޅުނަސް މަޑުމަޑުން އެހެން ހިސާބުތަކަށް ހިޖުރަ ކުރަމުން ގޮސް އެ އަވަށުން މުސްލިމުން ވަނީ މުޅިން ހުސްވެފަ އެވެ.
މުޅިން ވެސް ހިންދޫން ދިރިއުޅޭ މި އަވަށުގެ މެދުގައި މިހާރު ވެސް މިސްކިތެއް އެބަހުއްޓެވެ. މި މިސްކިތަށް އެ އަވަށުގައި ދިރިއުޅޭ ހިންދޫން ޚާއްސަ ސަމާލުކަމެއް ދެއެވެ.
އެމީހުން ކޮންމެ ދުވަހަކު އެތަން ފޮޅާ ސާފުކުރެ އެވެ. އަދި މި މިސްކިތުން ފަސް ވަގުތު ބަންގި ވެސް ގޮވަ އެވެ. މުސްލިމުން ނޫޅޭ އަވަށެއްގައި ހުރި މިސްކިތަކަށް އެ އަވަށުގެ ހިންދޫން އެހާ ބޮޑު ސަމާލުކަމެއް ދީގެން ބަލަހައްޓާ ކުލަލާ ޒީނަތްތެރިކޮށް، ބަންގި ގޮވާ ހަދާތީ ގިނަ ބަޔަކު ހައިރާންވެ އެވެ.
އަވަށުގެ މީހުން ބުނާ ގޮތުގައި އެ އަވަށުގައި ކުރިން މުސްލިމް އާއިލާތައް ދިރިއުޅުނެވެ. ނަމަވެސް އެންމެ އެހެން ހިސާބުތަކަށް ހިޖުރަކޮށް އަވަށުން މުސްލިމުން ހުސްވީ އެވެ. އެ މިސްކިތަކީ އެމީހުން ދިރިއުޅުނު އަޅާފައި ހުރި މިސްކިތެކެވެ. ނަމަވެސް އެ އަވަށުގެ ހިންދޫން ވެސް އެ މިސްކިތް ދެކެ ވަރަށް ލޯބިވެ އެވެ. އެ މިސްކިތަކީ ބަރަކާތްތެރި ތަނެއްގެ ގޮތުގައި އަދި އަވަށުގެ މީހުންނަށް ހެޔޮ ގޮތްގޮތް މެދުވެރިވާ ތަނެއްގެ ގޮތުގައި އެ އަވަށުގެ މީހުން ގަބޫލު ކުރެ އެވެ. މިސްކިތް ބަލަހައްޓާ އެތަނުން ފަސް ވަގުތު ބަންގި ގޮވާ ގޮތަށް ހަދާފައިވަނީ އެހެންވެ އެވެ.
އެމީހުން ގަބޫލުކުރާ ގޮތުގައި ބަންގި ގޮވުން ހުއްޓާލައިފިނަމަ އަވަށަށް ކޮންމެވެސް ދެރަ ކަމެއް މެދުވެރިވެދާނެ އެވެ.
"އަހަރެމެންނަކަށް ނޭނގޭ އާޒާން (ބަންގި) ގޮވާކަށް. އެހެންވެ އަހަރެމެން އެކަން ކުރަނީ ޕެން ޑްރައިވް އަކަށް ބަންގި ރެކޯޑް ކޮށްގެން. މި މިސްކިތަކީ އަހަރެމެންގެ ހިތުގެ އީމާންކަމާ ވެސް ގުޅިފައިވާ ތަނެއް. ހެނދުނާއި ހަވީރު އަހަރެމެން އެތަން ސާފުކުރަން،" އަވަށުގެ މީހަކު ބުންޏެވެ.
އަވަށުގެ އާއިލާއަކަށް ހިތާމައެއް ކުރިމަތިވިޔަސް އެމީހުން މިސްކިތަށް އައިސް ތިބެ އެކަމުން ސަލާމަތް ވެތޯ ދުއާކޮށް ހަދަ އެވެ. އަދި ކައިވެނި ކުރުމުގެ ކުރިން ވެސް އެންމެން މިސްކިތް ކައިރިއަށް އައިސް ބޯ ތިރިކޮށްގެން ތިބި ދުއާ ކުރެ އެވެ. މިސްކިތް ބަލަހައްޓަން ކުރާ ޚަރަދުތައް ވެސް ކުރަނީ އަވަށުގެ އެންމެން އަތުން ޗަންދާ ނަގައިގެންނެވެ.