ލައިފްސްޓައިލް

މުސްލިމުންނާއެކު ހިންދޫ ގައިދީން ރޯދަ ހިފާ ޖަލެއް!

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ޖަލެއްގައި ތިބި މުސްލިމް ގައިދީން ރޯދަ ހިފާތީ އެމީހުންނާއެކު އެ ޖަލުގައި ތިބި ހިންދޫ ގައިދީން ވެސް ރޯދަޔަށް ތިބެން ފަށައިފި އެވެ. އަދި މުސްލިމުން ރޯދަ ވީއްލާ ގަޑީގައި ހިންދޫ ގައިދީން ވެސް އެމީހުންނާއެކު އެއް ސުފުރާއެއްގައި ރޯދާ ވީއްލަ އެވެ.

ބަބަރަބަންކީ ޖަލުގައި މި މީހުން އެއްކޮށް ތިބެގެން ރޯދަ ވީއްލާ މަންޒަރުތައް ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެފައި ވެއެވެ.

ނިއުސް24 ޓީވީ ޗެނަލުން ދެއްކި މި ވީޑިއޯގައި ބުނެފައިވަނީ ޖަލުގައި ތިބޭ ހިންދޫން އަމިއްލަ އަށް ބޭނުންވެގެން އެމީހުންގެ އެކުވެރި މުސްލިމް ގައިދީންނާއެކު ކޮންމެ ދުވަހަކު ރޯދަ ހިފާ ކަމަށެވެ. އަދި ރޯދަޔަށް ތިބޭ އެންމެންނަށް ރޯދަ ވީއްލުމުގެ އިންތިޒާމްތައް ޖަލުގެ ފަރާތުން އިންތިޒާމްކޮށްދޭ ކަމަށެވެ.

މި އެންމެން ރޯދަ ވިއްލަން ތިބިއިރު މީގެން ހިންދޫންނަކީ ކޮބައިކަމެއް މުސްލިމުންނަކީ ކޮބައިކަމެއް ފާހަގަކުރާކަށް ނޭނގެ އެވެ. އެމީހުންގެ މެދުގައި އޮތީ އެހާވެސް އެއްބައިވަންތަ ގުޅުމެއް ކަމަށް މި ވީޑިއޯގައި ބުނެފައި ވެއެވެ.

އިންޑިޔާގައި އެކި ދީންތަކުގެ މީހުން ދިރިއުޅޭއިރު މުސްލިމުންނަށް ގިނަ ފަހަރަށް ހިންދޫންގެ ފަރާތުން ގިނަގުނަ އުނދަގޫތައް ކުރިމަތިވެ އެވެ.