އާދަމް ޝަރީފު އުމަރު

އެމްޑީޕީ އިންތިހާބުގައި ޕީޕީއެމްގެ ސަޕޯޓަރުން ވޯޓުލި: އާދަމް ޝަރީފު

Sep 26, 2021
5

އިއްޔެ ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ޕީޕީއެމްގެ ބައެއް ސަޕޯޓަރުން ވޯޓުލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓާސް ލިސްޓުގައި ޕީޕީއެމް / ޕީއެންސީގެ ސަޕޯޓަރުންގެ ނަން އޮތް ކަމަށާއި އަދި ބައެއް ސަޕޯޓަރުން ވޯޓު ވެސް ލައިފައިވާ ކަމަށެވެ.

މި ޓްވީޓާއި ގުޅިގެން އަވަސް އިން ސުވާލުކުރުން އާދަމް ޝަރީފް ވިދާޅުވީ އެހެން ޓްވީޓު ކުރެއްވީ އެކަމުގެ ހަގީގަތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ. އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ދާއިރާއިން އެ ޝަކުވާ ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެސް އިދިކޮޅު ކޯލިޝަންގެ "ހާޑްކޯ" ސަޕޯޓަރުންގެ ނަން އެމްޑީޕީގެ ވޯޓާސް ލިސްޓުގައި ހިމަނާފައިވާކަމުގެ ޝަކުވާ ލިބިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު ސަޕޯޓަރުންގެ ތެރެއިން ރ. މީދޫއިން ޔަގީނުންވެސް ތިން މީހަކު އެމްޑީޕީގެ އިންތިހާބުގައި ވޯޓުލާފައިވާ ކަމަށެވެ. އެހެން ޕާޓީތަކުގެ ސަޕޯޓަރުންގެ ނަން އެމްޑީޕީގެ ލިސްޓުގައި އޮތުމާއިއެކު ވޯޓުލާން ދިއުމަކީ ކުދިކުދި ރަށްތަކުގައި މައްސަލައަކަށް ނުވާތީ އެފަދަ މީހުން ވޯޓުލާން ދަނީ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވަނީ ވަކި ޕާޓީއަކުން ގަސްދުގައި ކަމެއް ކުރަނީއެއް ނޫން. މިފަދަ މައްސަލަތައް އަސްލު ދިމާވަނީ ރަޖިސްޓްރޭޝަން މަރުހަލާގައި. ޕީޕީއެމް ޕީއެންސީ ލިސްޓުގައި އެމްޑީޕީ ސަޕޯޓަރުންގެ ނަން ވެސް އޮވެދާނެ. އެހެންވީމާ މިއީ ވަރަށް ކަންބޮޑުވާކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ އެގޮތަށް އިދިކޮޅު ކޯލިޝަންގެ ނަން އެމްޑީޕީގެ ވޯޓާސް ލިޓުގައި އޮތުމުގެ ސަބަބުން އެ ޕާޓީގައި ވޯޓުލާން ތިބޭ މީހުންގެ އަދަދު ދެނެގަންނަން އުނދަގޫވާނެ ކަމަށެވެ.