ކަނޑުމަތީގެ ހާދިސާ

ސަފާރީގައި ހުރި ތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެ

މޫސުން ގޯސްވެ މިއަދު އަޑިއަށް ދިޔަ ސަފާރީގައި ހުރި ބައެއް ތަކެތި އޮޔާދާތީ ސަމާލުވާން އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.

ތިލަފުށީގެ ހުޅަނގު ދެކުނުން ހަަތަރު ނޯޓިކަލް މޭލު ބޭރުގައި އޮއްވާ މިއަދު ހެނދުނު ދިޔަވި ހޭންޑީ ކްރޫސާ ސަފާރީ މިހާރު ވަނީ އަޑިއަށް ގޮސްފަ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ސަފާރީ އަޑިއަށް ދިއުމުގެ ސަބަބުން އޭގައި ހުރި ބައެއް މުދާތައް އެ ސަރަހައްދުން އިރަަށް އޮޔާދަމުންދާ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ހާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ސަފާރީ ދިޔަވަމުން ދިޔައިރު އޭގައި 17 މީހުން ތިއްބެވެ.

އެ ހާދިސާގައި 41 އަހަރުގެ ބިދޭސީއަކު ނިޔާވެފައިވާ އިރު ހަ މީހެއްގެ ހާލު ގޯހެވެ. އަދި އެ މީހުންނަށް އައިޖީއެމްއެޗްގައި ދަނީ އިތުރު ފަރުވާ ދެމުންނެވެ.