އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ބެހޭ ގާނޫނުގެ ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ބަންޑާރަނައިބްގެ އޮފީހުން ބުނެފި އެވެ.
ބަންޑާރަނައިބުގެ އޮފީހުން މިހެން ބުނެފައިވަނީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ބެހޭ ގާނޫނުގެ ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުންފިލުވުމަށް މަޖިލީހުގެ ގަވައިދު ކޮމިޓީން ފޮނުވި ސިޓީ އަކަށް ދިން ޖަވާބުގަ އެވެ.
ބަންޑާރަނައިބް އޮފީހުގެ ސިޓީގައި ބުނެފައިވަނީ އަބުރުގެ ބިލް ޑްރާފްޓްކޮށް ދެ ހަފްތާ ތެރޭގައި ނިންމާލުމަށްފަހު މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވާނެ ކަމަށެވެ.
އަބުރުގެ ބިލްގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ކޮމިޓީން ބެލީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދަށް އަމަލު ކުރުުމުގެ މުއްދަތު އިތުރުކުރުމާ މެދު ކޮމިޓީގައި ކުރެވުނު މަސައްކަތްތަކަކާ ގުޅިގެންނެވެ.
ގަވައިދު ކޮމިޓީން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ އަބުރުގެ ބިލްގެ މަސައްކަތްތައް އަވަހަށް ނިންމުމަށްފަހު މަޖިލީހަށް ބިލް ފޮނުވައިދިނުމަށް ބަންޑާރަނައިބަށް ދަންނަވަން ވެސް ފާސްކޮށްފަ އެވެ.
މިހާރު އަމަލުކުރަމުންދާ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދަކީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 2007 ވަނަ އަހަރު އަމަލުކުރަން ފެށި ގަވައިދެކެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެ ގަވައިދު އުވާލެއްވުމަށްފަހު ނޫސްތަކާއި ނޫސްވެރިންނަށް ބޮޑެތި އަދަބުތައް ލިބޭ ގޮތަށް އަދި ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގާނޫނަކަށް އަމަލުކޮށްފަ އެވެ. އެ ގާނޫނުގެ ދަށުން ބައެއް އޮންލައިން ނޫސްތަކާއި ބައެއް ޓީވީ ޗެނަލްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ބައެއް ނޫސްވެރިން ޖަލަށް ވެސް ލާފައިވެ އެވެ.
އަބުރުގެ ގާނޫނު އުވާލީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު އެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި އެންމެ ފުރަތަމަ އުވާލެއްވި ގާނޫނަކީ ވެސް އަބުރުގެ ގާނޫނެވެ. އެ ގާނޫނު އުވާލެއްވީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދަށް މަޖިލީހުން ގާނޫނީ ބާރު ދީފަ އެވެ.