ރައްޔިތުންގެ މަޖިލިސް

މިދައުރަށް ލިބެންޖެހޭ 22 ބިލް، ލިބުނީ ދެ ބިލް

May 25, 2022
1

ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރަށް ސަރުކާރުގެ ފަރާތުން 22 ބިލެއް މަޖިލީހަށް ހުށަހަޅާފައިވީ ނަމަވެސް މިހާތަނަށް މަޖިލީހަށް ލިބިފައިވަނީ އެންމެ ދެ ބިލެއް ކަމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ހިނގަމުންދާ ދައުރަށް ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކުނި ނައްތާލުމާއި މެނޭޖުކުރުމުގެ ބިލް އެކަނި ކަމަށެވެ.

މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވީ 17 މެއިގައި އޮތް ޖަލްސާގަ އެވެ. ކުނި ނައްތާލުމާއި މެނޭޖުކުރުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވީ 16 މެއިގައި އޮތް މަޖިީހުގެ ޖަލްސާގަ އެވެ.


މަޖިލީހުގެ މިދައުރު ފެށީ މިމަހުގެ 16 ވަނަ ދުވަހު އެވެ. ދައުރު ނިންމާލާނީ ކުރިއަށް އޮތް ޖޫން 30 ދުވަހު އެވެ.

މިދައުރަށް ސަރުކާރުން ހުށަހަޅާ ބިލްތައް

  • ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ކުނި ނައްތާލުމާއި މެނޭޖުކުރުމުގެ ބިލް
  • ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް
  • ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލް
  • ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓް ބިލް
  • އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • އާބިޓްރޭޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • މޯލްޑިވްސް ހެލްތު ސާވިސަސްގެ ބިލް
  • ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލް

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ ތެރެއިން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އަދި ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ވަރަށް ހާއްސަ ހަތަރު ބިލް ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ ހަތަރު ބިލާ އެކު ޝަރުއީ ނިޒާމަށް ދިމާވެފައިވާ ކަންކަމާ ގުޅޭގޮތުން ބަހުސްކުރެވި މުތޯލިއާ ކުރެވި އިސްލާހު ހުށަހެޅި ކަންކަން ރަނގަޅުކުރުމަށް މަޖިލީހުގެ މިދައުރުގައި ބޮޑު މަސައްކަތެއް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ސަރުކާރުން މަޖިލީހުގެ މިދައުރުގެ ޖަލްސާތަކަށް ހުށަހެޅުމަށް ނިންމާފައިވާ 22 ބިލްގެ ތެރޭގައި މަޖިލީހުގެ ކުރީގެ އެކި ދައުރުތަކަށް ވެސް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ބިލްތައް ހިމެނޭ ކަމަށެވެ. އެހެންނަމަވެސް އެ ބިލްތައް އޭރުވެސް މަޖިލީހަށް ނުފޮނުވާ ކަމުގައި ވިދާޅުވި އެވެ.

"މިދައުރުގައި މަޖިލީހަށް ގެނެވިދާނެ ކަމަށް އަޅުގަނޑު މިދެކެނީ ޖުޑިޝަރީއާ ގުޅޭ ބިލްތައް،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުން ހުށަހަޅާ ބިލްތަކުގެ މައުލޫމާތު ހިއްސާކުރުމާ އެކު ބަންޑާރަނައިބްގެ އޮފީހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މަޖިލީހުގެ މިދައުރަށް ސަރުކާރުން ހުށަހަޅާ ބިލްތަކުގެ ލިސްޓް ރައީސް އޮފީހުން އިއްޔެގެ ވަގުތެއްގައި މަޖިލީހަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި އެ ބިލްތަކުގެ ނަންތައް މީޑިއާގެ މައުލޫމާތަށްޓަކައި ހިއްސާކޮށްފައިވެ އެވެ. ނަމަވެސް މަސައްކަތް އެއްކޮށް ނިންމުމަށްފަހު މަޖިލީހަށް ފޮނުވީ ކިތައް ބިލް ކަމެއް ބުނެފައެއް ނުވެ އެވެ.