އަބްދުﷲ ޝާހިދު

މޫސުމީ ވައުދުތައް ފުއްދެވުމަށް ޝާހިދު ގޮވާލައްވައިފި

Sep 26, 2021

މޫސުމީ މައްސަލަތަކަށް ހައްލު ގެނައުމުގެ ގޮތުން ބޮޑެތި ގައުމުތަކުން ވެފައި ހުރި ވައުދުތައް ފުއްދުމައް ފޮރިން މިނިސްޓަރު އަދި އދ ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ދަ ގްލޯބަލް ސިޓިޒެން ލައިވް ޕްލެޓްފޯމްގައި ވާހަކަ ދައްކަވަމުންނެވެ. ޝާހިދު ވިދާޅުވި ގޮތުގައި މޫސުމީ ބަދަލަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އަދި އެ ނުރައްކާ ބައެއް ގައުމުތަކަށް އިތުރަށް ބޮޑުކަން ފާހަގަ ކުރެއްވިއެވެ.

އެގޮތުން ރާއްޖެއަކީ ކަނޑުގެ ލޮނުގަނޑު މަތިވުމުގެ ސަބަބުން އެންމެ ފުރަތަމަ އަސަރު ކުރާނެ ގައުމުތަކުގެ ތެރެއިން ގައުމެއް ކަމަށް ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ މުޅި ދުނިޔެ އެކުވެ މޫސުމީ ބަދަލުތަކަށް ހައްލެއް ގެނައުނަށް މަސައްކަތް ނުކޮއްފިނަމަ ދިވެހި ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތައް މި ގަރުނު ނިމެންވާއިރަށް ނެތި ދިއުމުގެ ބިރު އެބައޮތެވެ.

އެމަނިކުފާނު ވަނީ ދުނިޔޭގެ ބޮޑެތި ގަައުމުތަކުން މޫސުމީ ފަންޑަށް ކޮންމެ އަހަރަކު ދިނުމައް މީގެ ފަސް އަހަރު ކުރިން ވައުދުވެފައިވާ 100 ބިލިއަން ޑޮލަރު ދިނުމައް ގޮވާލައްވާފައެވެ. އޭގެން މޫސުމީ ބަދަލުތައް ހައްލު ކުރުމަށް ބޭނުންކުރުމަށްވެސް ގޮވާލެއްވިއެވެ.