މީހަކު އޭނާގެ އަނބިމީހާ ވަރިކުރުމަށްފަހު ކޯޓުގައި ރަނގަޅު ބަހަނާއެއް ދައްކައިފި އެވެ.
އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ އަލީގަޅްގައި ދިރިއުޅޭ މި މީހާ ކޯޓުގައި ބުނީ އަންހެނުން ވަރިކުރަން ބޭނުންވަނީ ކޮންމެ ދުވަހަކު ފެން ނުވަރާތީ ކަމަށެވެ.
މިކަން އެންމެންނަށް އެނގުނީ ވިމެން ޕްރޮޓެކްޝަން ސެލްގައި އަންހެން މީހާ މިކަމާ ދެކޮޅަށް މައްސަލަ ޖެއްސީމަ އެވެ. މިހާރު އެ ފަރާތުން ގެންދަނީ މި ދެމަފިރިންނަށް ކައުންސެލިން ދެމުންނެވެ.
އަންހެން މީހާ އަކީ ކުވާރްސީ އަވަށުގެ މީހެކެވެ. ފިރިހެން މީހާ އަކީ ޗަންދައުސް އަވަށުގެ މީހެކެވެ. ދެ މީހުންގެ ކައިވެންޏަށް ދެ އަހަރު ފުރިފައިވާއިރު އެއް އަހަރުގެ ފިރިހެން ދަރިއެއްވެސް އެމީހުންގެ ހުރެ އެވެ.
ވިމެން ޕްރޮޓެކްޝަން ސެލްގެ އޮފިޝަލަކު ބުނީ އެތަނަށް އަންހެނަކު ލިޔުމުން ކުރި ޝަކުވާގައި އޭނާގެ ފިރިމީހާ ތިން ފަހަރަށް "ތަލާގް ތަލާގް ތަލާގް" ކިޔައި އޭނާ ވަރިކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ސަބަބެއް ކަމަށް ފިރިހެން މީހާ ބުނަނީ ކޮންމެ ދުވަހަކު އަންހެން މީހާ ފެން ނުވަރާތީ ކަމަށެވެ.
މި ދެ މީހުންނަށް މިހާރު ކައުންސެލިން ދެމުން ގެންދާއިރު އަންހެން މީހާ ތަކުރާރުކޮށް ބުނަނީ ވަރިވާން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ފިރިހެން މީހާ އެއްގޮތަކަށް ވެސް އަންހެން މީހާ އާ އިނދެގެން އުޅޭކަށް ބޭނުމެއް ނުވެ އެވެ. އަދި އޭނާ ވެސް މިހާރު ވަނީ އަނބިމީހާ ވަރި ކުރެވޭނެ ގޮތް ހަދައިދޭން އެދި އެޕްލިކޭޝަން ހުށަހަޅާފައި ކަމަށް ވެއެވެ.
ފިރިހެން މީހާގެ ޕެޓިޝަންގައި ބުނެފައިވަނީ އަންހެނުން ކައިރީގައި ކޮންމެ ދުވަހަކު ފެންވަރަށް ބުންޏަސް ފެން ނުވަރާ ކަމަށެވެ. އަދި މިކަމާ ކޮންމެ ދުވަހަކު ދެ މީހުން ޒުވާބުކުރަން ޖެހޭ ކަމަށެވެ.
"މިހާ ކުޑަކުޑަ ކަމަކާ އަންހެނުން ވަރިނުކުރުމަށާއި ވަރިކޮށްފިނަމަ އޭގެ ނޭދެވޭ އަސަރު އެމީހުންގެ ކުޑަ ކުޑަ ދަރިފުޅަށް ވަރަށް ބޮޑަށް ކުރާނެކަން ފިރހެން މީހާ އަށް ވިސްނައިދެވޭތޯ އަހަރެމެން ވަރަށް އެބަ މަސައްކަތް ކުރަން،" ކައުންސެލަރު ބުންޏެވެ.
މިހާރު އިތުރަށް ވިސްނާނެ ފުރުސަތެއް ވިމެން ޕްރޮޓެކްޝަން ސެލް އިން މި ދެމަފިރިންނަށް ވަނީ ދީފަ އެވެ.