އަފްޣާނިސްތާންގައި އުފައްދާފައި އޮތް ތާލިބާނުންގެ ވެރިކަން ރަޝިއާއިން އަދި ބަލައިނުގަންނަ ކަމަށް ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ތާލިބާނުން ބަލައިގަތުން މަޝްވަރާ ކުރަން ވެސް އަދި ހުށަހަޅާފައި ނެތް ކަމަށެވެ.
ތާލިބާނުންނާ މެދު ރަޝިއާ ގަބޫލުކުރަނީ ޓެރަރިސްޓް ޖަމާއަތެއް ގޮތުގަ އެވެ. ތާލިބާނުން އަފްޣާނަށް ވެރިވެގަތް ފަހުން ރަޝިއާ އާއި ތާލިބާނުން މަޝްވަރާކޮށް ގާތް ގުޅުމެއް އުފައްދާފައި އޮތް ނަމަވެސް ފޮރިން މިނިސްޓަރު ވިދާޅުވީ އެ ޖަމާއަތާ މެދު އޮތް ގަބޫލުކުރުމަށް އަދި ބަދަލެއް ނާންނަ ކަމަށެވެ.
އދ. އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި ނޫސް ކޮންފަރެއްސެއްގައި ވާހަކަދައްކަވަމުން ސަރުގޭ ލަވްރޯފް ވިދާޅުވީ ތާލިބާނުންގެ ޒައާމަތު މިހާރު އޮތް ގޮތަށް ބަލައިގަތުމާ މެދު ދުނިޔެ އަދި ގޮތެއް ނުނިންމާ ކަމަށެވެ.
ފޮރިން މިނިސްޓަރު ވިދާޅުވީ ތާލިބާނުން ދައްކާ ވާހަކަތަކުގައި އޮއްޓަރު ހުންނަން ވާނެ ކަމަށާއި އެކި ފަހަރު އެކި ގޮތަށް ސިޔާސަތު ކަނޑައެޅުމުން ތާލިބާނުންނާ މެދު ގޮތެއް ނިންމުން ދިގުދެމިގެން ދާނެ ކަމަށެވެ.
ސީރިއާގެ އިދުލީބަށް ރަޝިއާއިން ހަމަލާދެނީ ކީއްވެތޯ ސުވާލު ދެންނެވުމުން ލަވްރޯފް ވިދާޅުވީ ސެޕްޓެމްބަރު 29 ގައި އޮންނަ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ ބައްދަލުކުރެއްވުމުގައި ސީރިއާގެ އިދުލީބާ ބެހޭ ގޮތުން މައުލޫމާތު ދެއްވާނެ ކަމަށެވެ.
ސީރިއާގެ މައްސަލަތަކުގައި ރަޝިއާ އާއި އެމެރިކާ ދޭތެރެ ދޭތެރެއިން މަޝްވަރާ ކުރާއިރު ވިސްނުންފުޅަކީ ކޮބައިތޯ ދެންނެވުމުން ފޮރިން މިނިސްޓަރު ވިދާޅުވީ ސީރިއާއިން އެމެރިކާ ފައިބަންޖެހޭ ކަމަށާއި އެމެރިކާއިން އެ ހަދަނީ ގޯހެއް ކަމަށެވެ.