ބޮލީވުޑް

މުހްސިން އާއި ޝިވާންގީ "ޔޭ ރިޝްތާ ކިޔާ ކެހެލަތާހޭ"އަށް އަލްވަދާއު

ސްޓާ ޕްލަސްގެ ޒަމާންވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ޒުވާން ދެ އެކްޓަރުން ކަމަށްވާ މުހްސިން ޚާން އާއި ޝިވާންގީ ޖޯޝީ އެ ސިލްސިލާ އަށް އަލްވަދާއު ކިޔަން ނިންމައިފި އެވެ.

"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ދައްކަން ފަށާފައިވަނީ 2009 ގައެވެ. ސިލްސިލާ ދައްކާތާ މިވީ 12 އަހަރުގެ ތެރެއިން ފަސް އަހަރު މުހްސިން އާއި ޝިވާންގީ މި ސިލްސިލާގެ ލީޑް ރޯލު ކުޅެފައިވެ އެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި މި ސިލްސިލާ އިން ވަކިވާން ބޭނުންވެގެން އެ ވާހަކަ ޝޯގެ ޕްރޮޑިއުސަރުންނާއި މުހްސިން ދައްކާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ފަހުން ޝިވާންގީ ވެސް ޝޯ ދޫކޮށްލަން ނިންމީ އެވެ. މި ދެ އެކްޓަރުން ބައިވެރިވާ އެންމެ ފަހު އެޕިސޯޑް ދައްކަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު އެވެ.

އެހިސާބުން އަނެއްކާވެސް މި ޝޯ އިތުރު އެތައް އަހަރެއް ކުރިއަށް ޖައްސާލައި ދެން ޝޯގައި ދައްކާނީ މުހްސިން އާއި ޝިވާންގީ ކުޅެމުންދާ ކާރްތިކް އާއި ނައިރާގެ ކެރެކްޓާގެ ދަރިން ބޮޑެތި ވެގެން އެމީހުންގެ ހަޔާތުގައި ދިމާވާ ކަންތައް ތަކެވެ.

އިންޑިއާގެ ނޫހަކުން ބުނެފައިވާ ގޮތުގައި ޝިވާންގީގެ ކެރެކްޓާ ވިހެއުމުގެ ތެރޭގައި މަރުވާ ކަމަށް ދައްކަން ވަނީ ހަމަޖެހިފަ އެވެ. އަދި ކާރްތިކް އަށް ވީނުވީއެއް ނޭނގި ގެއްލެނީ އެވެ. އެހިސާބުން ޝޯގެ ލީޑް ރޯލުން ފެންނަނީ ކައިރަވް އާއި އަކްޝޫ އަދި އައިޝްވަރިޔާ އެވެ.

ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ކަލާޒްގެ "ބިގް ބޮސް 15"ގައި ބައިވެރިވުމުގެ ދައުވަތު މުހްސިން އާއި ޝިވާންގީއަށް މިހާރު ވަނީ ލިބިފަ އެވެ.

މި ދެ ތަރިންނަށް ޝޯގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި ހަތަރު ކްރޯޑު ރުޕީސް ހުށަހަޅާފައިވާ ކަމަށްވެ އެވެ. ނަމަވެސް މި ދެ ތަރިން ޝޯގައި ބައިވެރިވާ ކަމުގެ ޔަގީންކަން އަދި އެއްވެސް ފަރާތަކުން ދީފައެއް ނުވެ އެވެ.

"ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" މީގެ 12 އަހަރު ކުރިން ފެށިއިރު ޝޯގެ ލީޑް ރޯލު އަދާކުރީ ހީނާ ޚާން އާއި ކަރަން މެހެރާ އެވެ. މި ދެ އެކްޓަރުން 2016 ގައި ޝޯ ދޫކޮށްލީ އެ ޝޯ ކުޅޭތާ އަށް އަހަރު ފަހުންނެވެ.