ބޮލީވުޑް

ފިލްމު ބަލާ މީހުންނަށް އީދެއް، ބޮޑެތި ފިލްމުތައް އިއުލާންކޮށްފި

އަންނަ އޮކްޓޯބަރު 22 ވަނަ ދުވަހުން ފެށިގެން މަހަރަޝްތުރާގެ ސިނަމާތައް ފުލް ކެޕޭސިޓީގައި ހުޅުވުމުގެ ހުއްދަ ދޭން ކަމާ ބެހޭ އިދާރާތަކުން ނިންމުމާ ގުޅިގެން ފިލްމު އުފައްދާ މީހުން އެމީހުންގެ ފިލްމުތައް ރިލީޒްކުރާނެ ތާރީޚްތައް އިއުލާން ކުރަން ފަށައިފި އެވެ.

އެގޮތުން އިއްޔެ އަކީ އެންމެ ގިނަ ފިލްމުތައް ރިލީޒްކުރާ ދުވަސްތައް އިއުލާންކުރި ދުވަހަށް ވަނީ ވެފަ އެވެ.

މިހާރު އިއުލާންކޮށްފައިވާ ބޮޑެތި ފިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ރިލީޒް ކުރާނީ ވަރަށް ގިނަ ބަޔަކު އެ ފިލްމެއްގެ އިންތިޒާރުގައި ތިބި އަކްޝޭ ކުމާރާއި ކެޓުރީނާ ކައިފްގެ "ސޫރިޔަވަންޝީ" އެވެ. މިފިލްމު ރިލީޒްކުރާނީ އިންޑިޔާގައި ފާހަގަކުރާ ދީވާލީއާ ދިމާކޮށް ނޮވެމްބަރު ފުރަތަމަ ހަފުތާގަ އެވެ.

ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަތަރު ފިލްމެއް ރިލީޒްކުރާ ދުވަސް ވެސް އިއްޔެ އިއުލާން ކޮށްފައި ވެއެވެ. އޭގެ ތެރޭގައި "ބަންޓީ އައުރު ބަބްލީ 2" އާއި "ޝަމްޝޭރާ"، "ޕްރިތުވީރާޖް" އަދި "ޖަޔޭޝްބާއީ ޖޯރްދާރް" އެވެ.

ވައިއާރްއެފުން މި ފިލްމުތައް އިއުލާންކޮށްފައި މިވަނީ ކޮވިޑް-19 ޕެންޑެމިކާ ހެދި އެއްވެސް ފިލްމެއް ރިލީޒް ނުކުރާތާ ދެ އަހަރު ފަހުންނެވެ.

ވައިއާރްއެފުން ޕްރޮޑިއުސްކުރާ ފިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ރިލީޒްކުރާނީ "ބަންޓީ އައުރް ބަބްލީ 2" އެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ ނޮވެމްބަރު 19 ގައެވެ. ފިލްމުގެ ތަރިންނަކީ ރާނީ މުކަރުޖީ އާއި ސައިފް އަލީ ޚާން އަދި ސިދާންތު ޗަތުރަވޭދީ އާއި ޝަރްވަރީ އެވެ.

ދެން އެންމެ އަވަހަށް ރިލީޒްކުރާނީ އަކްޝޭ ކުމާރާއި މާނޫޝީ ޗިލާގެ "ޕްރިތުވީރާޖް" އެވެ. މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

ތިންވަނަ ފިލްމެއް އަންނަ އަހަރުގެ ފެބްރުއަރީ 25ގައި ރިލިޒްކުރާނެކަން ވަނީ އިއުލާންކޮށްފަ އެވެ. މި ފިލްމަކީ ރަންވީރު ސިންގް އާއި ޝާލިނީ ޕާންޑޭގެ "ޖަޔޭޝްބާއީ ޖޯރްދާރް" އެވެ. ހަތަރު ވަނަ ފިލްމަކީ "ޝަމްޝޭރާ" އެވެ. އަކްޝޭ ކުމާރާއި ވާނީ ކަޕޫރު ލީޑް ރޯލް ކުޅޭ މި ފިލްމު އަންނަ އަހަރުގެ މާޗް 18ގައި ރިލިޒްކުރަން ވަނީ ހަމަޖެހިފަ އެވެ.

އެހެން ޕްރޮޑިއުސަރުންގެ ފިލްމުތަކުގެ ތެރެއިން ރަންވީރު ސިންގްގެ ކްރިކެޓް ފިލްމު "83" އަންނަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރާނެ ކަމަށް އިއްޔެ ވަނީ އިއުލާން ކޮށްފަ އެވެ. މިއީ އިންޑިޔާގެ ކްރިކެޓް ލެޖެންޑް ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމުގައި ކަޕިލްގެ އަންހެނުން ރޯމާގެ ރޯލު އަދާކުރަނީ ރަންވީރުގެ އަންހެނުން ދީޕިކާ ޕަދުކޯން އެވެ.

އިއްޔެ އިއުލާން ކުރި ފިލްމުތަކުގެ ތެރެއިން ދެން އެންމެ ފާހަގަ ކޮށްލެވެނީ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އެވެ. ކުރިން ހީކުރެވިފައި އޮތީ މިއަހަރުގެ ޑިސެމްބަރުގައި މި ފިލްމު ރިލީޒްކުރާނެ ކަމަށެވެ. ނަމަވެސް މިހާރު މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ވެލެންޓައިންސް ޑޭ ކަމަށްވާ 14 ފެބްރުއަރީ ގައެވެ.

ޝާހިދު ކަޕޫރާއި މުރުނާލް ޓާކޫރްގެ "ޖާޒީ" ރިލީޒްކުރާ ތާރީހު ވެސް އިއްޔެ އިއުލާން ކުރި އެވެ. ޝާހިދުގެ ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ އެންމެ ފަހު ދުވަސް ކަމަށްވާ ޑިސެމްބަރު 31ގައި "ޖާޒީ" ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.