އަކްޝޭ ކުމާރާއި ކެޓުރީނާ ކައިފްގެ "ސޫރިޔަވަންޝީ" ހުކުރު ދުވަހު ވަނީ އިންޑިޔާ އާއި ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުމުގެ ސިނަމާތަކުގައި ރިލީޒް ކޮށްފަ އެވެ.
ރޯހިތު ޝެޓީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ އޭނާ އުފައްދަމުންދާ ކޮޕް ޔުނިވާސް ފިލްމުތަކުގެ ތެރެއިން ހަތަރު ވަނަ ފިލްމެވެ. މި ފިލްމުގައި އަކްޝޭ ކުޅެފައި ވަނީ އެންޓި-ޓެރޮރިޒަމް ސްކޯޑް ޗީފް ޑީސީޕީ ވީރް ސޫރިޔަވަންޝީގެ ރޯލެވެ. ފިލްމުގައި އަޖޭ ދޭވްގަން އާއި ރަންވީރު ސިންގް ވެސް އެމީހުންގެ "ސިންގަމް" އާއި "ސިމްބާ" ގެ ކެރެކްޓާތަކުން ފެނިފައި ވެއެވެ.
ސޫރިޔަވަންޝީ މިހާތަނަށް ބެލި ގިނަ މީހުން ބުނަނީ ފިލްމަކީ ބްލޮކްބަސްޓާއެއް ކަމަށެވެ. ފިލްމަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި މިފަދަ މީހުން ތަފާތު ރިވިއުތައް ލިޔަމުން ދިޔައަސް ފިލްމު ކަމުނުދާ މީހުން ވެސް މަދެއް ނޫނެވެ. އެމީހުންގެ ނަޒަރުގައި ފިލްމަކީ "ގާބޭޖް" އެކެވެ.
ޓްރޭޑް އެނަލިސްޓް ތަރަން އާދާޝްގެ ރިވިއުގައި ފިލްމަށް ވަރަށް ތައުރީފު ކޮށްފައި ވެއެވެ. އަދި އޭނާ މިފިލްމަށް ފަސް ތަރީގެ ތެރެއިން 4.5 ތަރި ދީފައި ވެއެވެ. ހަމަ އެގޮތަށް ފިލްމު ރިވިއުތައް ލިޔާ އެހެން ބައެއް މީހުން ފިލްމަށް އެންމެ 1.5 ސްޓާ ދީފައި ވެސް އެބަހުއްޓެވެ. އެމީހުން ބުނާ ގޮތުންނަމަ ފިލްމުގައި މާ ރަނގަޅު ސްޓޯރީލައިނެއް ނެތެވެ. އަދި ކޮމެޑީ ވެސް ކެތް ނުކުރެވޭހާ ފީކަޅަ އެވެ.
ނަމަވެސް ކޮރޯނާވައިރަސް ޕެންޑެމިކް ފެށުނުފަހުން ސިނަމާތަކަށް ފިލްމެއް ބަލަން ނުވަންނަ މިންވަރަކަށް އިއްޔެ މި ފިލްމު ބަލަން އިންޑިޔާ ސިނަމާތަކަށް މީހުން ވަނެވެ. ފިލްމީ ވިޔަފާރީގެ މާހިރުން މިހާރު ލަފާ ކުރަނީ އިއްޔެ އެކަނިވެސް މި ފިލްމަށް 20-21 ކްރޯޑު ރުޕީސްގެ ވިޔަފާރި ހަމައެކަނި އިންޑިޔާ އިން ވާނެ ކަމަށެވެ.
ފިލްމު ރިލީޒް ކުރިތާ މާ ގިނައިރެއް ނުވެ ޓެމިލް ރޮކާސް ކިޔާ ވެބްސައިޓަކުންނާއި ޓެލެގްރާމުން މި ފިލްމު ލީކު ކޮށްލާފައި ވެއެވެ. ނަމަވެސް މީގެ ނޭދެވޭ އަސަރު މާ ބޮޑަކަށް މި ފިލްމަށް ނުކުރާނެ ކަމަށް ބޮލީވުޑްގެ ބައެއް މީހުން ގަބޫލުކުރެ އެވެ. ސަބަބަކީ މި ފިލްމަކީ ބޮޑު ސްކްރީނުން ބަލަން ޚާއްސަކޮށް ތައްޔާރު ކޮށްފައިވާ ފިލްމަކަށް ވާތީ އެވެ.