ބޮލީވުޑް

2020 ގައި އެންމެ ބަލާހިތުން ތިބީ "ސޫރިޔަވަންޝީ"

މިއަހަރު ނުކުންނަ ބޮލީވުޑް ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބަލާލާ ހިތުން އިންތިޒާރުގައި ތިބި ފިލްމަކީ އަކްޝޭ ކުމާޜުގެ "ސޫރިޔަވަންޝީ" ކަމަށް ފިލްމުތަކަށް ރޭޓިންގްދޭ އައިއެމްޑީބީ އިން ނެރުނު ލިސްޓަކުން ވަނީ ހާމަވެފަ އެވެ.

ކެޓުރީނާ ކައިފް ބަތަލާގެ ރޯލު ކުޅޭ މި ފިލްމުގައި އަކްޝޭ ތިން ކެރެކްޓާއެއް ކުޅޭ ކަމަށް ޚަބަރުތައް ބުނެ އެވެ.
މި ލިސްޓަށް ފިލްމުތައް ހޮވާފައި ވަނީ އައިއެމްބީޑީޕްރޯ މޫވީމީޓާ ޑޭޓާ އަށް ބިނާ ކޮށެވެ. މި ވެބްސައިޓަކީ މަހަކު 200 މިލިއަން މީހުން ޒިޔާރަތްކުރާ ވެބްސައިޓެކެވެ.

މި ލިސްޓުގެ ދެ ވަނައިގައި އޮތީ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ "ބްރަހްމަޝްތުރާ: ޕާޓް 1" އެވެ. އަޔާން މުކަރުޖީގެ ސުޕަހީރޯ ފިލްމުގައި އަމީތާބް ބައްޗަން، ނާގްއަރްޖުނާ އަދި މޯނީ ރޯއީ ވެސް ބައިވެރިވެ އެވެ. މިއަހަރުގެ ޑިސެމްބަރު 4 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމު އިންޑިޔާ މީހުން އާއްމުކޮށް ވާހަކަ ދައްކާ ހަތަރު ބަހަކުން ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.

ތިން ވަނައިގައި އޮތީ މިހާރު ރިލީޒްކޮށް ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރަމުންދާ އަޖޭ ދޭވްގަންގެ ފިލްމު "ތާނާޖީ: ދި އަންސަންގް ވޮރިއާ" އެވެ. ހަތަރު ވަނަ އަށް މިހާރު އެންމެ ގިނަ ބަޔަކު ބަލާހިތުން ތިބި ފިލްމަކީ ރަންވީރު ސިންގްގެ "83" އެވެ. މިއީ އިންޑިޔާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.

ފަސް ވަނައިގައި "ރާމްބޯ" އެވެ. ހަ ވަނައިގައި "ކޭއެފްޖީ: ޗެޕްޓާ 2" އެވެ. ހަތް ވަނަ ލިބިފައިވަނީ ވެސް މިހާރު ރިލީޒް ކޮށްފައިވާ ފިލްމަކަށެވެ. އެއީ ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރުގެ "ސްޓްރީޓް ޑާންސާ 3ޑީ" އެވެ.
އަށް ވަނައިގައި އޮތީ ޓައިގާ ޝްރޮފްގެ "ބާޣީ 3" އެވެ. "އިންޑިއަން 2" އާއި ދީޕިކާ ޕަދުކޯންގެ "ޗަޕާކް" އުޅެނީ ނުވަ ވަނަ އާއި 10 ވަނައިގަ އެވެ.