ބޮލިވުޑްގައި މިހާރު މަސައްކަތްކުރާ ބަތަލާއިންގެ ތެރެއިން އެންމެ ރީތިކޮށް ނަށަނީ ކާކުތޯ ސުވާލު ކޮށްފިނަމަ ގިނަ މީހުން ބުނާނީ ކެޓުރީނާ ކައިފް ކަމަށެވެ. ކެޓުރީނާ ނަށާފައިވާ ގިނަ ލަވަތަކަކީ އާދަޔާހިލާފު ރީތި އަދި އެހާމެ ބޮޑު ތަރުހީބެއް ހޯދާފައިވާ ލަވަ ތަކެކެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "ސޫރިޔަވަންޝީ" ގައި ހިމެނޭ ކެޓުރީނާ އާއި އަކްޝޭ ނަށާފައިވަނީ "ޓިޕް ޓިޕް ބަރްސާ ޕާނީ 2.0" ހިމެނޭނީ މިހާތަނަށް ރިލީޒްކުރި ކެޓުރީނާގެ އެންމެ ފަރި ހަރަކާތްތައް ހިމެނޭ ލަވައަށް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އަކްޝޭ އާއި ރަވީނާ ޓަންޑަން 1994 ގައި ކުޅުނު "މޮހްރާ" އަށް އެ ދެ މީހުން ނަށާފައިވާ މި ހިތްގައިމު ލަވައިގެ މުޅިން އާ ވާޝަންއެއް އަކްޝޭ އާއި ކެޓުރީނާ ކައިފް މިފަހަރު ކުޅެފައިވާއިރު ކުރީގެ ލަވަޔަށް ވުރެ ވެސް މި ލަވަ ރީތިކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.
ނޮވެމްބަރު ހަވަނަ ދުވަހު މި ލަވަ ޔޫޓިއުބުގައި ރިލީޒްކުރުމާއެކު 24 ގަޑިއިރު ތެރޭގައި 20 މިލިއަނަށް ވުރެ ގިނަ ވިއުޒް ލިބިފައި ވެއެވެ. އަދި އެއް މިލިއަނަށް ވުރެ ގިނަ ލައިކްސް މި ލަވަޔަށް ވަނީ ލިބިފަ އެވެ.
އުޑިތު ނާރަޔަން އާއި އަލްކާ ޔަގްނިކް ކިޔައިދީފައިވާ މި ޒަމާންވީ މަޝްހޫރު ލަވައިގެ މިފަހަރުގެ ވާޝަން ޔޫޓިއުބުގައި މިހާރު އެއްވަނައިގައި ދަނީ ޓްރެންޑް ވަމުންނެވެ.
މި ލަވަ ބެލި ގިނަ މީހުން ބުނަނީ ލަވަ އެހާ ރީތީ ކެޓުރީނާގެ ފަރި އަދި ރީތި ނެށުމުގެ ސަބަބުން ކަމަށެވެ. އަދި މި ލަވައިގެ ކޯރިއޮގްރާފަރުގެ މޮޅުކަން ވެސް ބައެއް މީހުން ފާހަގަ ކޮށްފައި ވެއެވެ. ކެޓުރީނާ އަށް އެހާ މޮޅަށް ނެށުނީ ކޯރިއޮގްރާފަރު ފަރާ ޚާންގެ ކުޅަދާނަކަމުން ކަމަށް ގިނަބަޔަކު ގަބޫލު ކުރެ އެވެ.