ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި އެކްޓަރު އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" ނޮވެމްބަރު 5 ގައި ރިލީޒް ކޮށްފައިވާއިރު މި ފިލްމުން ވަނީ ބޮކްސް އޮފީހަށް ވަރުގަދަ އިންގިލާބެއް ގެނެއްސަ އެވެ. ކޮވިޑް-19 އިގެ ވަބާ ފެށުނު ފަހުން ފިލްމު ބަލަން ސިނަމާތަކަށް ދާން ބިރުން ތިބި އެތައް ބަޔަކު މި ފިލްމު ބަލަން ދިއުމުގެ ސަބަބުން ފިލްމަށް ވަނީ މުޅިން އާ ރެކޯޑްތަކެއް ގާއިމް ކުރެވިފަ އެވެ.
އިންޑިއާ ނޫހަކަށް ޑައިރެކްޓަރު ރޯހިތު ދާދިފަހުން ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި މީގެ 27 އަހަރު ކުރިއްސުރެ ވެސް އޭނާ އަކްޝޭ ދަނެ އެވެ.
"މީގެ 27 އަހަރު ކުރިން "ސުހާގު" ކިޔާ ފިލްމެއް ރިލީޒްކުރި. އެ ފިލްމުގެ ބަތަލުންނަކީ އަކްޝޭ އާއި އަޖޭ ދޭވްގަން. އެ ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އަހަރެން މަސައްކަތް ކުރިން. އަދި އަކްޝޭގެ ޑުޕްލިކޭޓެއްގެ ރޯލު ވެސް އެ ފިލްމުގައި އަހަރެން ކުޅުނިން. އެހެންވެ އަހަންނަށް 'ސޫރިޔަވަންޝީ' ގެ ޓީމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ފަދަ ކަމެއް،" ރޯހިތު ބުންޏެވެ.
އަކްޝޭގެ ފަރާތުން ދަސްވީ ކޮން ކަމެއްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރޯހިތު ބުނީ އަކްޝޭ އަކީ ވަރަށް އަހުލާގު ރަނގަޅު އެކްޓަރެއް ކަމަށެވެ. އަދި އެހެން މީހުންނާ ރަނގަޅަށް މުއާމަލާތްކުރުމުގެ ގާބިލްކަން އޭނާގެ ހުންނަ ކަމަށެވެ.
"އޭނާ [އަކްޝޭ] އެއްގޮތަކަށް ވެސް ރުޅިއެއް ނާންނާނެ. ވަރަށް ހިތްހަމަނުޖެހޭ ކަންތައްތައް ދިމާވިޔަސް އެކަންކަމާ އެހާ ބޮޑަކަށް އަޅައެއް ނުލާނެ. އަނެއްކާ އޭނާގެ މަސައްކަތުގެ އަޚުލާގު ވަރަށް ރަނގަޅު. އުމުރުން މިހާރު 53 އަހަރު ވެފައި ހުއްޓަސް އަދިވެސް އެކްޝަން މަންޒަރުތައް ވެސް ވަރަށް ފުރިހަމައަށް އެ ކުޅެލެވޭވަރުގެ ފިޓްނަސް އޭނާގެ ހުރޭ،" ރޯހިތު ބުންޏެވެ.
"ސޫރިޔަވަންޝީ"އަކީ ރޯހިތު އުފައްދާ ފުލުހުންގެ ކާއިނާތު ދައްކާ ހަތަރުވަނަ ފިލްމެވެ.