ބޮލީވުޑް

އަކްޝޭގެ "ސޫރިޔަވަންޝީ" ބްލޮކްބަސްޓާއަކާ ދިމާލަށް

އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އަށް ފުރަތަމަ ހަފުތާ ބަންދުގެ ތިން ދުވަސް ތެރޭގައި 77 ކްރޯޑު ރުޕީސް ލިބިއްޖެ އެވެ. މިއީ ކޮވިޑް-19 އިގެ ވަބާ ފެތުރެން ފެށި ފަހުން މިހާތަނަށް އިންޑިޔާގެ އެއްވެސް ފިލްމަކަށް ސިނަމާތަކުން ނުހޯދޭ ވަރުގެ އަދަދެކެވެ. އަދި މި ފިލްމުން ގާއިމް ކޮށްފައިވާ ރެކޯޑާއެކު އަކްޝޭ ވަނީ އޭނާގެ ކުރީގެ ފިލްމުތަކުގެ ރެކޯޑް މި ފިލްމުން އަނެއްކާ ވެސް މުގުރާލާފަ އެވެ. އަދި މި ފިލްމަށް ބްލޮކްބަސްޓާއެއްގެ ދަރަޖަ ލިބޭނެކަމަށް މިހާރު ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ރިލީޒްކުރާ ހަފުތާ ބަންދުގައި އެންމެ ރަނގަޅު ވިޔަފާރިއެއް ވީ ފިލްމުގެ ރެކޯޑް ކުރިން އޮތީ އަކްޝޭގެ "މިޝަން މަންގަލް" އަށެވެ. އެ ފިލްމަށް ލިބިފައިވަނީ 67.13 ކްރޯޑު ރުޕީސް އެވެ.

ބޮކްސް އޮފީސް އިންޑިޔާގައިވާ ރިޕޯޓެއް ބުނާ ގޮތުގައި "ސޫރިޔަވަންޝީ" އަށް އާދީއްތަ ދުވަހު އެކަނިވެސް 27.50 ކްރޯޑު ލިބިފައި ވެއެވެ. ހުކުރު ދުވަހު ރިލީޒްކުރި މި ފިލްމަށް ހުކުރާއި ހޮނިހިރުގައި ލިބުނު އަދަދާއެކު މިފިލްމުގެ ކަލެކްޝަން 77.50 ކްރޯޑަށް ވަނީ އަރާފަ އެވެ.
ފިލްމީ ވިޔަފާރީގެ މާހިރުން ބުނާ ގޮތުގައި ޕެންޑެމިކްގެ ކުރިން މި ފިލްމު ރިލީޒް ކުރިނަމަ ހަފުތާ ބަންދުގެ ތިން ދުވަސް ތެރޭ 100 ކްރޯޑަށް ވުރެ ގިނައިން ލިބުނީހެވެ.

އިންޑީޔާގެ ބައެއް ސިނަމާތަކަށް އަދިވެސް ފިލްމު ބަލަން ވައްދަނީ އެ ސިނަމާއެއްގެ ކެޕޭސިޓީގެ ދެބައިކުޅަ އެއްބަޔަށް ކަމަށް ވެފައި ކޮވިޑް-19 އިގެ ފިޔަވަޅުތައް ބައެއް ސަރަހައްދުތަކުގައި އަދިވެސް އަޅާފައި އޮތުމުން ފިލްމުގެ ވިޔަފާރި ކޮންމެވެސް ވަރަކަށް ދަށްވިކަމަށް ވެސް ޓްރޭޑް އެނަލިސްޓުން ބުނެ އެވެ.

"ސޫރިޔަވަންޝީ" އަކީ ރިލީޒްކުރި ހަފުތާ ބަންދުގެ ދުވަސްތަކުގައި އެންމެ ގިނައިން ފައިސާ ލިބުނު އަކްޝޭގެ ފިލްމަށް ވުމުގެ އިތުރުން މިއީ މުމްބާއި އާ ގުޅިފައިވާ ހިސާބުތަކުން 30 ކްރޯޑު ލިބުނު އަކްޝޭގެ ފުރަތަމަ ފިލްމު ވެސް މެއެވެ.

އަކްޝޭގެ ފިލްމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ރަނގަޅު ފެށުން ލިބުނު ފިލްމުތަކުގެ ލިސްޓުގައި 77.5 ކްރޯޑާއެކު "ސޫރިޔަވަންޝީ" އޮތް އިރު ދެ ވަނައިގައި އޮތީ 67.13 ކްރޯޑާއެކު "މިޝަން މަންގަލް" އެވެ. ތިން ވަނައިގައި އޮތީ 64.13 ކްރޯޑު ލިބުނު "ގުޑް ނިއުޒް" އެވެ. ހަތަރު ވަނައިގައި 61.29 ކްރޯޑު ލިބުނު "2.0" އޮތްއިރު ފަސް ވަނައިގައި އޮތީ 54.35 ކްރޯޑު ލިބިގެން "ކެސާރީ" އެވެ. ދެން މި ލިސްޓުގައި ހިމެނެނީ "ހައުސް ފުލް 3" އާއި "ރުސްތުމް"، "ހައުސްފުލް 4"، "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" އަދި "ޖޮލީ އެލްއެލްބީ" އެވެ.