އެފްއޭއެމް

ގައުމީ ޓީމުގެ ސްކޮޑު ފައިނަލްކޮށްފި

ރާއްޖޭގައި މިއަންނަ މަހު ފަށާ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ޓީމުގެ ސްކޮޑު ފައިނަލް ކޮށްފި އެވެ.

ރާއްޖެ ޓީމުގެ ފައިނަލް ސްކޮޑު އިއުލާންކުރީ ގަތަރު ކޭމްޕުގައި ބައިވެރިވި ފަސް ކުޅުންތެރިން ސްކޮޑުން އުނިކޮށްފަ އެވެ.

ސާފް ޗެމްޕިއަންޝިޕާއި ދިމާކޮށް ރާއްޖެއިން އެކުލަވާލި ޕްރިލިމިނަރީ ސްކޮޑުގައި ހިމެނުނީ 34 ކުޅުންތެރިންނެވެ. އެކަމަކު ގަތަރު ކޭމްޕުގައި ބައިވެރިވީ 29 ކުޅުންތެރިންނެވެ. ގަތަރު ކޭމްޕުގައި 30 ކުޅުންތެރިން ބައިވެރިކުރާ ގޮތަށް އެންމެ ފުރަތަމަ ހަމަޖެހިފައި އޮތް ނަމަވެސް، އަނިޔާގެ ސަބަބުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ޒުވާން ގޯލްކީޕަރު ހުސައިން ޝަރީފް (ހުސެން) ކޭމްޕުގައި ބައިވެރިވެފައެއް ނުވެ އެވެ.

މި ސްކޮޑުން ބާކީކުރި ފަސް ކުޅުންތެރިންނަކީ ތިން ޑިފެންޑަރުން ކަމަށްވާ އަލީ ޝާމިސް (ތޮއްޕޭ) އާއި، އަހްމަދު އަބްދުﷲ (ލިލީ) އާއި، މޫސާ ޔާމީން (ޔާމްބެ) އާއި، މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ)ގެ އިތުރުން ޒުވާން ފޯވާޑް ހަސަން ނަޒީމް (ޗޯޓު) އެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖެއިން ގަތަރުގައި ކޭމްޕުކޮށް، މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދެ މެޗު ކުޅުނެވެ. ފުރަތަމަ މެޗުގައި ގަތަރުގެ ދެވަނަ ޑިވިޝަންގެ ލުސައިލް ސްޕޯޓްސް ކްލަބާއި ވާދަކޮށް ރާއްޖެ ޓީމު ކުރިހޯދީ 3-4 ގެ ނަތީޖާ އަކުންނެވެ. އޭގެ ފަހުން މިދިޔަ އަންގާރަ ދުވަހު ގަތަރު އާމީ ޓީމާއި ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ރާއްޖެ އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި 2018 ވަނަ އަހަރު ވެސް ގައުމީ ޓީމު ވަނީ މުބާރާތް ފެށުމުގެ ކުރިން ގަތަރުގައި ކޭމްޕު ކޮށްފަ އެވެ. އެފަހަރު ރާއްޖެ ޓީމުން ކުޅުނީ އެންމެ ޕްރެކްޓިސް މެޗެކެވެ. މި މެޗުގައި އަލް-މަރްއިޔާ ސްޕޯޓްސް ކްލަބާއި ވާދަކޮށް ގައުމީ ޓީމު ކުރިހޯދީ 4-3 ގެ ނަތީޖާ އަކުންނެވެ.

މިފަހަރުގެ މުބާރާތް އޮންނާނީ ލީގު އުސޫލުންނެވެ. އަދި ފައިނަލުގައި ވާދަ ކުރާނީ ހުރިހާ ޓީމެއް ބައްދަލުކުރުމަށްފަހު އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެކެވެ. މިގޮތަށް މުބާރާތުގެ އޮނިގަނޑު ބަދަލު ކުރީ މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ޓީމު ތަކުގެ އަދަދު މަދުވީމަ އެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވާނީ ފަސް ގައުމެކެވެ. އެއީ ދިވެހިރާއްޖެ، ނޭޕާލް، އިންޑިއާ، ބަންގްލަދޭޝް އަދި ސްރީލަންކާ އެވެ. ބޫޓާނުގައި ކޮވިޑްގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުން ތަކަށް ފިޔަވާ އެގައުމުން ބޭރަށް ދިއުން މަނާ ކޮށްފައި ވާތީ އެގައުމު މިފަހަރުގެ މުބާރާތުގައި ބައިވެރި ނުވާނެ އެވެ. ޕާކިސްތާނަށް މުބާރާތުގައި ބައިވެރި ނުވެވެނީ ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުންނެވެ.

ގައުމީ ޓީމުގެ ފައިނަލް ސްކޮޑު

  • ގޯލްކީޕަރުން: މުޙައްމަދު ފައިސަލް, މުޙައްމަދު ޝަފީއު (ޗެކް)، އަލީ ނާޖިހު
  • ޑިފެންޑަރުން: އަޙްމަދު ނޫމާން (ހެލްމެޓް)، ހުސައިން ސިފާއު ޔޫސުފް (ކުރޯ)، ހައިޝަމް ހަސަން (ބިޑި)، އަކުރަމް އަބްދުލް ޣަނީ (އަކޫ)، ސަމޫހު އަލީ (ސަމުއްޓެ)، ގާސިމް ސައްމާމު (ސައްމެ)
  • މިޑްފީލްޑަރުން: އަސްއަދު އަލީ (އަޑުބަރޭ)، އިބްރާހިމް އައިސަމް، މުޙައްމަދު އުމައިރު، ހުސައިން ނިހާން (ނިހާޓް)، ހަމްޒާ މުޙައްމަދު (ހަމްޕު)، އިސްމާއީލް އީސަ (މެސީ)، އިބްރާހީމް ވަހީދު ހަސަން (އިއްބެ)
  • ފޯވާޑުން: ހަސަން ރާއިފް އަހްމަދު (ހަންނަ)، މުއްހަދު ނާއިމް، އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)، އަސަދުﷲ އަބްދުﷲ (އަސަކޮ)، އަލީ ފާސިރު (ސެންޓޭ)، އަލީ އަޝްފާގު (ދަގަނޑޭ)، ނާއިޒު ހަސަން (ދާދު)، އަލީ ހައިޝަމް (ޗުމްޕު)