ރައީސް އަބްދުﷲ ޔާމީން

ކަފާލާތުގައި ޔާމީން ދޫކޮށްލުމާ މެދު ހޯމަ ދުވަހު ގޮތެއް ނިންމަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުމާ މެދު އަންނަ ހޯމަ ދުވަހު ވާހަކަދެއްކުމަށްފަހު ގޮތެއް ކަނޑައަޅަން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށް ދަނީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލައިގެ އިސްތިއުނާފީ މައްސަލަ އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމާއި އަދި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުން ފަސްކޮށްދިނުމަށެވެ. ރައީސް ޔާމީނަށް މި ހުށަހެޅުމާ މެދު ވާހަކަދައްކަވަން ރިޔާސަތުން ދެއްވި ފުރުސަތުގައި ވިދާޅުވެފައިވަނީ މިކަމާ ގުޅިގެން ވާހަކަ ދައްކަވާނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ނިމި އަދި ދައުލަތުން ވެސް ރައްދު ދިނުމުން ކަމަށެވެ.

މި މައްސަލައިގައި ދެފަރާތުން އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން މިހާރު ވަނީ ވާހަކަދައްކާ ނިންމާފަ އެވެ. މިއަދުގެ އަޑުއެހުމުގައި ދެން އޮންނާނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅަން ބޭނުންވާ އާ ހެކިތަކާ ގުޅިގެން ވާހަކަދެއްކުމެވެ. އެއަށްފަހު އެ ހެކިތައް ބަލައިގަތުމާ މެދު ފަނޑިޔާރުން ގޮތެއް ނިންމަވާނެ އެވެ.

ސުޕްރީމް ކޯޓުގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ޖަލު އަދަބާ ގުޅިގެން ޝަރީއަތުން އެންމެ ފަހުން އަޑުއެހުން ބޭއްވި ދުވަހު ކުރެއްވި ސުވާލަށް ވެސް ޖަވާބު ދީފަ އެވެ. އެ ސުވާލަކީ ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން ކޮށްފައިވާ ސުވާލެކެވެ.

"ޖަލު އަދަބުގެ އެންމެ ދަށް މިންގަނޑު އިހުތިޔާރު ކުރުމަށް ފަހު، މި މައްސަލައިގައި މިއުޅެނީ އެއް މިލިއަން ޑޮލަރު. އެ ފައިސާ ފަސް ގުނަ ވެގެން ދިޔައީމަ މި ދަނީ ޖޫރިމަނާގެ އެންމެ މައްޗަށް. ކީއްވެގެންތޯ ޖަލު ހުކުމުގެ އެންމެ ދަށް އަދި ޖޫރިމަނާގެ އެންމެ މަތި ކަނޑައެޅީ؟" ފަނޑިޔާރު މަހާޒު އަލީ ޒާހިރު އެއްސެވި އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލާ މަރިޔަމް ޝަހުމާ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އަދަބު ކަނޑައެޅުމުގެ އުސޫލު އޮންނަނީ ކުރާ ކުށާއި އެކަމުގެ މިންވަރަށް ބަލައިގެން ކަމަށެވެ. މި މައްސަލައިގައި ލޯންޑާ ކޮށްފައިވާ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއަށްވާއިރު، ލޯންޑާކޮށްފައި ވަނީ ގިނަ އަދަދެއްގެ ފައިސާ ކަމަށް ވަނީ ފާހަގަކުރައްވާފަ އެވެ.

އިތުރަށް ވިދާޅުވެފައި ވަނީ ކުށް ކޮށްފައި ވަނީ މާލީ މަންފާއެއް ލިބިގަތުމަށް ކަމަށްވާތީ އަދަބު ވެސް ކަނޑައެޅުމުގައި މާލީ އަދަބެއް ދިނުމަށް ދައުލަތަށް ގަބޫލު ކުރެވޭ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.