މިއަންނަ މަހު ރާއްޖޭގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގަތަރުގައި ކޭމްޕު ކުރުމަށްފަހު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އެނބުރި މާލެ އައިސްފި އެވެ.
ރާއްޖެ ޓީމުން ގަތަރުގައި ކޭމްޕު ކުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ޓީމު ގަތަރުގައި ދެ މެޗު ކުޅުނެވެ.
ފުރަތަމަ މެޗުގައި ގަތަރުގެ ދެވަނަ ޑިވިޝަންގެ ލުސައިލް ސްޕޯޓްސް ކްލަބާއި ވާދަކޮށް ރާއްޖެ ޓީމު ކުރިހޯދީ 3-4 ގެ ނަތީޖާ އަކުންނެވެ. އޭގެ ފަހުން މިދިޔަ އަންގާރަ ދުވަހު ގަތަރު އާމީ ޓީމާއި ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
ރާއްޖެ އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު 2018 ވަނަ އަހަރު ވެސް ގައުމީ ޓީމު ވަނީ މުބާރާތް ފެށުމުގެ ކުރިން ގަތަރުގައި ކޭމްޕު ކޮށްފަ އެވެ. އެފަހަރު ރާއްޖެ ޓީމުން ކުޅުނީ އެންމެ ޕްރެކްޓިސް މެޗެކެވެ. އެ މެޗުގައި އަލް-މަރްއިޔާ ސްޕޯޓްސް ކްލަބާއި ވާދަކޮށް ގައުމީ ޓީމު ކުރި ހޯދީ 4-3 ގެ ނަތީޖާ އަކުންނެވެ.
މިފަހަރުގެ މުބާރާތް އޮންނާނީ ލީގު އުސޫލުންނެވެ. އަދި ފައިނަލުގައި ވާދަކުރާނީ ހުރިހާ ޓީމެއް ބައްދަލުކުރުމަށްފަހު އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެކެވެ. މިގޮތަށް މުބާރާތުގެ އޮނިގަނޑު ބަދަލު ކުރީ މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ޓީމު ތަކުގެ އަދަދު މަދުވުމުންނެވެ.
މިފަހަރުގެ މުބާރާތުގައި ބައިވެރިވާނީ ފަސް ގައުމެކެވެ. އެއީ ދިވެހިރާއްޖެ، ނޭޕާލް، އިންޑިއާ، ބަންގްލަދޭޝް އަދި ސްރީލަންކާ އެވެ.
ބޫޓާނުގައި ކޮވިޑްގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުން ތަކަށް ފިޔަވާ އެގައުމުން ބޭރަށް ދިއުން މަނާ ކޮށްފައި ވާތީ އެގައުމު މިފަހަރުގެ މުބާރާތުގައި ބައިވެރި ނުވާނެ އެވެ. ޕާކިސްތާނަށް މުބާރާތުގައި ބައިވެރި ނުވެވެނީ ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުންނެވެ.