ހަބަރު

ބަންގްލާދޭޝް އިން ރާއްޖެ އަށް އާ ސަފީރަކު އައްޔަންކުރަނީ

Jan 16, 2015

ބަންގްލާދޭޝް އިން ދިވެހިރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް ރިއާ އެޑްމިރަލް ކާޒީ ސަރްވާން ހުސައިން އައްޔަންކުރަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ބަންގްލާދޭޝްގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައިި ބުނެފައި ވަނީ ހުސައިން ހަމަޖައްސާފައި ވަނީ ބަންގްލާދޭޝް އިން މިހާރު ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރިއާ އެޑްމިރަލް އަބްދުލް އަވާލްގެ ބަދަލުގައި ކަމަށެވެ.

ސަފީރު ކަމަށް އައްޔަންކުރާ ހުސައިން އަކީ ބަންގްލާދޭޝްގެ ކޯސްޓް ގާޑުގެ ޑިރެކްޓަ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ އަދި އައިވަރީ ކޯސްޓްގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ވެސް ބައިވެރިވެ ވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެމެރިކާގެ ޔުނިވަސިޓީ އޮފް ހޮނޮލުލޫ އިން އެމްބީއޭ ހައްދަވައި ޔުނިވަސިޓީ އޮފް މެޑްރާސް އިން ސައިން އިން ޑިފެންސް ސްޓަޑީޒް އިން މާސްޓާސް ހައްދަވައިފަ އެވެ. އޭނާ ބަންގްލާދޭޝްގެ އަސްކަރިއްޔާއާ ގުޅިވަޑައިގަތީ 1980 ވަނަ އަހަރު އެވެ.