ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕް: އިންޝުއަރަންސް ޕާޓްނަރަަކަށް އެލައިޑް އިންޝުއަރަންސް

މިއަންނަ މަހު ރާއްޖޭގައި ފަށާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް" ގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް ކުންފުނި ހަމަޖައްސާ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

ފުޓުބޯޅަ އެސޯސިއޭޝަނާއި އެކު އެއްބަސްވުމަށް މިއަދު ގަލޮޅު ސްޓޭޑިއަމްގައި ކުރިޔަށްގެންދިޔަ ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެލައިޑް އިންޝުއަރަންސް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒު އެެވެ. އަދި ފުޓުބޯޅަ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

އޮކްޓޫބަރު މަހުގެ 1-16 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ އިންޝުއަރަންސް ޕާޓްނަރުގެ ހައިސިއްޔަތުން އެލައިޑް އިންޝުއަރަންސުން ވަނީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭގޮތަށް ހާއްސަ އިންޝުއަަރަންސް ޕެކޭޖެއް ފޯރުކޮށްދީފަ އެވެ. އެގޮތުން ކުޅުންތެރިންނަށް ދަނޑުމަތީގައި ކުރިމަތިވެދާނެ ހާނީއްކަ ތަކާއި އެހެނިހެން ހާލަތްތައް ކަވަރު ކުރާ ގޮތަށް ތައްޔާރުކޮށްފައިވާ މި "ގްރޫޕް ޕާސަނަލް އެކްސިޑެންޓް" އިންޝުއަރަންސް ޕްލޭންގެ ރައްކާތެރިކަން 29 ކުޅުންތެރިންނާއި 6 އޮފިޝަލުން ހިމެނޭގޮތަށް މުޅި ޓީމަށް މުބާރާތް ނިމެންދެން ލިބޭނެ ކަމުގައި އެލައިޑުން ބުންޏެވެ.

މީގެ އިތުރުން މުބާރާތުގެ ފޯރިއާއި ގައުމީ ރޫހު އިތުރު ކުރުމަށް އިތުރު ކަންތައްތަކެއް ރާވަމުން ދާކަމަށްވެސް އެކުންފުނިން ބުންޏެވެ.