ޕީޕީއެމް

ނަހުލާގެ ވާހަކަ ޕީޕީއެމުން ދޮގުކޮށްފި

ޕީޕީއެމްގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ ކައުންސިލަރު ނަހްލާ އަލީ ސަސްޕެންޑް ކޮށްފައިވަނިކޮށް އެއީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ ނަހުލާ ދައްކަވާ ވާހަކަތައް ޕީޕީއެމުން ދޮގުކޮށްފި އެވެ.

ޕީޕީއެމުން 2024 ވަނަ އަހަރުގެ ނިޔަލަށް ބާއްވާ އެއްވެސް އިންތިހާބެއްގައި ނަހްލާ އަށް ވާދަނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަން ޕީޕީއެމުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

ޕީޕީއެމުން ނަހްލާ އަށް ފިޔަވަޅު އަޅާފައިވަނީ އެ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް އޭނާ އަމަލުކުރެއްވި ކަމަށް ނިންމުމަށްފަހު އެވެ.

ނަމަވެސް ނަހުލާ ވަނީ އެ ވާހަކަތައް ދޮގުކޮށް ބައެއް ނޫސްތަކަށް އިންޓަވިއު ދެއްވާފައެވެ. އަދި އެ ހަބަރާއި ގުޅިގެން އަބްދުއްރަހީމްއާ ބައްދަލު ކުރެއްވި ކަމަށާ ސަސްޕެންޑް ނުކުރައްވާ ކަމުގެ ޔަގީންކަން އަބްދުއްރަހީމް ދެއްވި ކަމަށެވެ.

އެ ވާހަކަތަކާއި ގުޅިގެން ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ ނަހުލާ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި ނަހުލާ ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ނަހްލާއާ ދެކޮޅަށް ފިޔަވަޅު އަޅަން ޕީޕީއެމުން ނިންމީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބުގައި އޭނާ ޕާޓީގެ ނިންމުންތަކާ ދެކޮޅަށް އަމަލުކުރެއްވުމުންނެވެ. އެ ނޫންވެސް ބައެއް ޝަކުވާ ނަހުލާއާ ދެކޮޅަށް ހުށައަޅާފައިވެއެވެ.

މާލެ ސިޓީ ކައުންސިލްގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް ނަމަވެސް ޕީޕީއެމްގެ އެހެން ކައުންސިލަރުންނާއި ނަހްލާއާ ގުޅުން ކުޑަ ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް އަވަސް އަށް މައުލޫމާތު ދެއްވި ޕީޕީއެމްގެ މާލޭގެ ކައުންސިލަރަކު ވަނީ ވިދާޅުވެފަ އެވެ.