ސިޔާސީ ޕާޓީ ތަކާ ބެހޭ ގާނޫނުގެ ރޫހަށް ބަލާއިރު ޕާޓީ ތަކުގެ ބެލެނިވެރި ފަރާތަކީ އިލެކްޝަންސް ކޮމިޝަނެވެ. ޕާޓީތައް އުފައްދަން ހުއްދަ ދިނުމާއި ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމާއި ޕާޓީތައް ޖަވާބުދާރީކުރުވުމުގެ މައިގަނޑު މަސްއޫލިއްޔަތު ވެސް ހަވާލުކުރެވިފައިވަނީ އިލެކްޝަންސް ކޮމިޝަނަށެވެ. އެ ބާރު ކޮމިޝަނަށް ދީފައި އޮތް ނަމަވެސް ކޮމިޝަންގެ އިހްމާލުން ކަންތައްތަކެއް ބޮއްސުންލަމުންދާ މަންޒަރު ތަކުރާރުވަމުން އެބަދެ އެވެ. ކޮމިޝަނުން އެ މައްސަލަތައް ސީރިއަސް ކޮށް ނަގާ ހައްލު ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރާ ތަނެއް ނުފެނެ އެވެ.
ގާނޫނުއަސާސީއާއި ގާނޫނުތަކުގައި މަނާ ކަމަކަށް ނުވާތީ ކޮންމެ ކަމަކަށް ފުރުސަތު ދިނުމަކީ އިލެކްޝަންސް ކޮމިޝަން ފަދަ ދައުލަތުގެ އިދާރާ އަކުން ކޮށްގެން ވާނެ ކަމެއް ނޫނެވެ. ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައި ޕާޓީ ތަކުން އަދި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަން ޖެހޭ ހަމަތަކެއް، އުސޫލުތަކެއް ހުރީ ބުނެދީފަ އެވެ. ރާއްޖޭގައި މިވަގުތު 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާއިރު 11 ވަނަ ޕާޓީއެއް ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު މަރުހަލާ އެދަނީ ހިނގަމުންނެވެ.
ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ 18 ވަނަ މާއްދާގައި ޕާޓީ ތަކުގެ ދަފްތަރެއް ކޮމިޝަނުން ލިޔެ ބެލެހެއްޓުމަށް ލާޒިމުކުރެ އެވެ. ގާނޫނުގެ 27 ވަނަ މާއްދާގެ (ހ)ގައި ވެސް ކޮމިޝަންގެ މައްޗަށް އެކަން ކުރަން ލާޒިމް ކުރެ އެވެ. ޕާޓީ ތަކުގެ މެންބަރުންނަށް އަންނަ ބަދަލުތައް އެނގޭ ގޮތަށް ކޮންމެ ހަމަހަކުން އެއް ފަހަރު މައުލޫމާތުތައް ކޮމިޝަނާ ހިއްސާކުރުމަކީ ގާނޫނުގެ 27 ވަނަ މާއްދާގެ (ށ)ގެ ދަށުން ޕާޓީ ތަކަށް އޮތް ގާނޫނީ ޒިންމާ އެކެވެ. ޕާޓީ ތަކުން އެ މައުލޫމާތުތައް ފޮނުވުމުން ލަސްވެގެން 30 ދުވަހުގެ ތެރޭގައި ކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އެ ބަދަލެއް ހިމަނަން ގާނޫނުގެ 24 ވަނަ މާއްދާގެ (ރ)ގައި ބުނެފައިވެ އެވެ. އެކަމަކު ބައެއް ސިޔާސީ ޕާޓީ ތަކުން އަދި އިލެކްޝަންސް ކޮމިޝަނުން ވެސް ގާނޫނުގައި ބުނާ ގޮތަށް އެކަމެއް ނުކުރެ އެވެ.
ވަސީލަތްތައް ނެތް ކަމުގެ އުޒުރު ދެއްކުމަށްފަހު ކޮމިޝަނުގެ ގާނޫނީ އެފަދަ މުހިއްމު ޒިންމާތަކުން ރެކިގަތުމަކީ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އަމަލުކުރާ ގޮތެވެ. ކޮމިޝަނުން ގާނޫނު ބޮލާލައި ޖެހުމުން ސިޔާސީ ޕާޓީ ތަކުން ގެންދަނީ އެކަމުގެ ނާޖާއިޒު މަންފާ ނަގަމުންނެވެ. ޕާޓީ ތަކުން ބާއްވާ ޕްރައިމަރީ ތަކާއި ޕާޓީ ތަކުގެ މަގާމުތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުތަކުގައި ވޯޓާސް ލިސްޓުގެ ގޮތުގައި ގެންގުޅެނީ އެ ޕާޓީ އަކުން އަމިއްލައަށް ބަލަހައްޓާ ދަފްތަރެކެވެ.
މިކަމުގެ އެއް މިސާލަކީ ނިމިގެން ދިޔަ ހޮނިހިރު ދުވަހު އެމްޑީޕީން ބޭއްވި އެ ޕާޓީގެ ދާއިރާ ތަކުގެ އިންތިހާބެވެ. އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައި އޮތީ 53،139 މެންބަރުންނެވެ. އެކަމަކު އެމްޑީޕީގެ ދާއިރާ ތަކުގެ އިންތިހާބުގައި އާންމުކުރި ވޯޓާސް ލިސްޓުގައި 93،000 މެންބަރުންގެ ނަން އޮތެވެ. އެއީ ޕާޓީ ތަކުގެ އެތެރޭގެ އިންތިހާބަށް އެ ޕާޓީއެއްގެ ލީޑަޝިޕްގައި ތިއްބަވާ ބޭފުޅުން ނުފޫޒު ފޯރުވާ، ނަތީޖާ ވަކި ގޮތަކަށް ނެރުމަށްޓަކައި ކުރާ ޒިންމާދާރުކަން ކުޑަ އަމަލެކެވެ. ޕާޓީ ތަކުގެ އެތެރޭގެ އިންތިހާބު ތަކުގައި ވޯޓުލުމުގެ ފުރުސަތު އެގޮތަށް ހުޅުވާލުމުން އިންތިހާބުގެ ނަތީޖާ އަށް ފަހު ޕާޓީ ތަކުގެ ތެރޭގައި ވަރަށް ބޮޑެތި ކޯޅުންތައް ހިނގާ ހަމަނުޖެހުން ވެސް ހިންގާފައި އެބަހުއްޓެވެ. އެއީ ޕާޓީ ތަކުން ނުބައި މަގަކުން ކުރިއަށް ދިއުމަށް ސީދާ ކޮމިޝަނުން ފަހިކޮށްދިން ފުރުސަތު ނުބައި ނަތީޖާ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ގޮތުގައި ޕާޓީ ތަކުގެ އެތެރޭގެ އިންތިހާބު ތަކުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރު ކޮށްފައި ނުވާ ލިސްޓަކަށް ވޯޓުލާން ފުރުސަތު ދީފައިވަނީ ޕާޓީ ތަކުގެ އިންތިހާބުތަކަށް ވަނުމާއި އެފަދަ އިންތިހާބު ތަކުގައި ބޭނުންކުރާ ވޯޓާސް ލިސްޓަށް ގޮތް ކިޔައި ހެދުމަކީ ކޮމިޝަނުން ކުރަން ބޭނުންވާ ކަމަކަށް ނުވާތީ އެވެ. އަދި އެ ފުރުސަތު ދީފައި އޮތީ އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީ ތަކާއި އެކު މީގެކުރިން ބޭއްވި ބައްދަލުވުމެއްގައި ޕާޓީ ތަކުން އެގޮތަށް އެދިގެން ކަމަށެވެ.
"ބައެއް ބޭފުޅުން ތިކަމުގެ ޝަކުވާ ކުރައްވާ. ކޮމިޝަންގައި އޮންނަ ލިސްޓެއް ނޫނޭ ޕާޓީގައި މިއޮންނަނީ ވޯޓުލާންދާއިރު. މިކަހަލަ ޝަކުވާތައް ބައެއް ދުވަސްވަރު ވަރަށް ގިނައިން ލިބޭ. އަޅުގަނޑު ދަންނަވާނީ ޕާޓީ ތަކުން އެ ގެންގުޅެނީ ކޮމިޝަނުން އެންޑޯސްކޮށްފައިވާ ލިސްޓެއް ނޫނޭ،" ފުއާދު ވިދާޅުވި އެވެ.
ޕާޓީ ތަކުން އަމިއްލަ އަށް ހަދައިގެން ގެންގުޅޭ ވޯޓާސް ލިސްޓާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ދައްކަނީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެކެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ނުވަވަނަ މާއްދާގައި ޕާޓީ ތަކުގެ މެންބަރުންނަށް ވެވޭ ގޮތްތައް ވަނީ ބުނެދީފަ އެވެ. އެ މާއްދާގެ (ނ)ގައި ބުނެފައިވަނީ އެއްވެސް މީހަކަށް އެއް ފަހަރާ އެއް ސިޔާސީ ޕާޓީ އަށް ވުރެ ގިނަ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުހުރެވޭނެ ކަމަށެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާ އެހެން ޕާޓީ ތަކުގެ ދަފްތަރުގައި ނަން އޮތް ބޭފުޅުން ނިމިގެން ދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލާފައިވެ އެވެ. އެ ފުރުސަތު ލިބިފައި އެވަނީ އެމްޑީޕީން އަމިއްލަ އަށް ހަދާފައިވާ ވޯޓާސް ލިސްޓަކަށް ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ދިނުމުންނެވެ. ކޮމިޝަންގެ ބައިވެރިވުމާއި އެކު އެ ހިސާބުން އެވަނީ ގާނޫނީ މައްސަލައެއް އުފެދިފަ އެވެ.
އެމްޑީޕީއާއި އަދި އެހެން ޕާޓީ ތަކުގެ އަމިއްލަ ވޯޓާސް ލިސްޓެއްގެ މައްޗަށް ބާއްވާ އިންތިހާބު ތަކަށްފަހު އެކުލަވާލައި ޕާޓީގެ ބައެއް ކަހަލަ ގުނަންތަކުން ނިންމާ ނިންމުންތަކަކީ ކޮމިޝަނަށް އަންގަން ޖެހޭ އަދި ކޮމިޝަނުން ބަލައިގަންނަންޖެހޭ ނިންމުންތަކެކެވެ. އެކަމަކު ކޮމިޝަނުން ބަލައިގެންފައި ނުވާ ވޯޓާސް ލިސްޓަކުން ހޮވާ މަގާމުތަކަށްފަހު، އެކުލަވާލައި ޕާޓީގެ އެކި ގުނަންތަކުން ނިންމާ ނިންމުންތަކުގެ ސައްހަކަން ކޮމިޝަނުން ބަލައިގަންނަ ގާނޫނީ ހަމައާ މެދު ސުވާލު އުފައްދަން ފުރުސަތު އެބައޮތެވެ.
އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އެ ޕާޓީގެ ޗެއާޕާސަން ހޮވަނީ އާންމު މެންބަރުންގެ ވޯޓުންނެވެ. އެ ވޯޓުގައި ވެސް އެމްޑީޕީން އަމިއްލަ އަށް ބަލަހައްޓާ ވޯޓާސް ލިސްޓެއްގައި ތިބޭ މެންބަރުންނަށް ވޯޓު ލެވެ އެވެ. ކޮމިޝަނުން ބަލައިގެންފައި ނުވާ ވޯޓާސް ލިސްޓަކަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ދާއިރާތަކުގެ އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅުންނަކީ އެމްޑީޕީގެ ގައުމީ މަޖިލީހަށް އިންތިހާބުވި ބޭފުޅުންނެެވެ. ޕާޓީގެ ޗެއާޕާސަންގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާ، އޭނާ މަގާމުން ވަކިކުރުމުގެ ބާރު ގައުމީ މަޖިލީހުގެ މެންބަރުންނަށް ލިބިގެންވެ އެވެ. އަދި ގައުމީ މަޖިލީހުގެ ކޮންމެ މެންބަރަކަށް އެމްޑީޕީގެ އެންމެ އިސް ގުނަން ކަމުގައިވާ ކޮންގްރެސްގެ މެންބަރުކަން އޮޓޮމެޓިކުން ލިބެ އެވެ. އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީގެ އަސާސީ ގަވައިދަށް ބަދަލު ގެނައުމުގެ ބާރު ކޮންގްރެސް އަށް ލިބިގެންވެ އެވެ. އެމްޑީޕީން އިލެކްޝަންސް ކޮމިޝަންގައި އެ ޕާޓީ ތަމްސީލް ކުރަން ހަމަޖައްސާފައިވާ ބޭފުޅަކީ ވެސް ޕާޓީގެ ޗެއާޕަސަނެވެ.
ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ގޮތުގައި ސިޔާސީ ޕާޓީއެއްގެ ނަމަށް، ނުވަތަ އެޑްރެހަށް، ނުވަތަ އަސާސީ ގަވައިދަށް، ނުވަތަ މެނިފެސްޓޯ އަށް، ނުވަތަ ޕާޓީ ތަމްސީލް ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތަށް ނުވަތަ އެ ފަރާތުގެ އެޑްރެހަށް އެއްވެސް ބަދަލެއް އަތުވެއްޖެ ކަމުގައިވާނަމަ، އެ ބަދަލެއް އަންނަތާ 15 ދުވަހުގެ ތެރޭގައި އެކަން ކޮމިޝަނަށް ލިޔުމަކުން އަންގަންޖެހެ އެވެ. އަދި އެ މާއްދާގެ (ރ)ގައިވާ ގޮތުން އެގޮތަށް އެންގުމުން، އެ އެންގުން ކޮމިޝަނަށް ލިބޭތާ ލަސްވެގެން 30 ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި އެ ބަދަލެއް ހިމެނުމަކީ ކޮމިޝަންގެ ޒިންމާ އެކެވެ.
މިހިސާބުން އުފެދޭ ސުވާލަކީ ކޮމިޝަނުން ބަލައިގެންފައި ނުވާ ވޯޓާސް ލިސްޓެއްގައި ހިމެނޭ ބޭފުޅުން ތަކެއް ބައިވެރިވާ ގުނަންތަކުން ނިންމާ ނިންމުންތަކަށް ކޮމިޝަނުން ގާނޫނީ ހައިސިއްޔަތު ދޭނެ ގޮތަކާ މެދު އެވެ. އިލެކްޝަންސް ކޮމިޝަނުގެ ޒިންމާދާރު ކަމެއް ނެތް ނިންމުންތަކާ ގުޅިގެން އެހެން ބައެއް ޕާޓީ ތަކުގެ ނިންމުންތަކާ މެދުވެސް ކޮމިޝަނުން ނިންމާނެ ގޮތްތަކާ މެދު ސުވާލު އުފެެއްދޭނެ ހާލަތްތައް ކުރިމަތިވާނެ އެވެ.
ޕާޓީ ތަކުން ނިންމާ ބައެއް ކަހަލަ ނިންމުންތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ގާނޫނުގައި ދީފައިވާ 15 ދުވަހުގެ މުއްދަތުގައި ބައެއް ޕާޓީ ތަކުން އެކަމެއް ނުކުރެ އެވެ. ސިޔާސީ ޕާޓީއެއްގެ މެންބަރުންގެ އަދަދު 3،000 މެންބަރުންނަށް ވުރެ ދަށަށް ވެއްޓިއްޖެނަމަ އެ އަދަދު ހަމަކުރަން އެ ޕާޓީ އަކަށް އެންގުމަކީ ކޮމިޝަންގެ ޒިންމާ އެކެވެ. ކޮމިޝަނުން އެ ޕާޓީ އަކަށް ތިން މަސް ދުވަހުގެ ނޯޓިސް ދިނުމަށް ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ 27 ވަނަ މާއްދާގެ (ނ)ގައި ލާޒިމުކޮށްފައިވެ އެވެ. ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އޮތް ޑީއާރްޕީ އަދި ލޭބަ ޕާޓީގައި 3،000 މެންބަރުން ނެތި އެ ޕާޓީތައް ހިންގާތާ ކިތަންމެ ދުވަހެކެވެ. އަދަދު ހަމަކުރަން ކޮމިޝަނުން އަންގާފައެއް ނެތެވެ. ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ޓ)ގައި ކޮންމެ ސިޔާސީ ޕާޓީ އަކުން ވެސް މަދުވެގެން ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ގައުމީ ބައްދަލުވުން ބާއްވަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު ޑީއާރްޕީން އެ މުއްދަތުގައި ގައުމީ ބައްދަލުވުމެއް ބާއްވާފައެއް ނުވެ އެވެ. ޕާޓީގެ މެންބަރުންގެ އަދަދު 3،000 އިން ދައްވުމާއި ގައުމީ ބައްދަލުވުން ގާނޫނުގައި ބުނާ ގޮތަށް ނުބޭއްވުމަކީ ގާނޫނީ އިޖުރައާތްތައް ފުރިހަމަ ކުރުމަށްފަހު އެ ޕާޓީއެއް އުވާލެވޭނެ ހާލަތްތަކެކެވެ. އެކަން ނުވެ އޮތީ ޕާޓީ ތަކުގެ އިހްމާލާއި އެއްވަރަށް އިލެކްޝަންސް ކޮމިޝަންގެ އިހްމާލު ވެސް އޮތުމުންނެވެ.
ސިޔާސީ ޕާޓީ ތަކުގެ ހިންގުން ހަރުދަނާކޮށް، ހައްލުކުރަން ޖެހޭ އެތައް މައްސަލައެއް ޕާޓީ ތަކުގެ ތެރޭގައި އެބަހުއްޓެވެ. ޕާޓީ ތަކުގެ ލީޑަޝިޕުން ޕާޓީ ތަކުގެ އެތެރޭގެ އިންތިހާބުތަކަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތްތައް ހުއްޓުވަން ޖެހެ އެވެ. ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައި ލާޒިމުކުރާ ކަންކަމަށް ޕާޓީ ތަކުން އިހްމާލުވާނަމަ އެކަންކަމަށް ފިޔަވަޅު އަޅަންޖެހެ އެވެ. އެ ހުރިހާ ކަމެއް ކުރެވޭނީ އިލެކްޝަންސް ކޮމިޝަން މިހާރަށް ވުރެ ޒިންމާދާރުވެގެންނެވެ. އިންތިހާބުތައް ބޭއްވުން އެއީ ކޮމިޝަންގެ ހަމައެކަނި ޒިންމާ ކަމަށް ނުދެކޭށެވެ.