ބޮލީވުޑް

"ޚަތުރޯން ކޭ ކިލާޅީ 11" ޓްރޮފީ އަރްޖުން އަށް، ދިވްޔަންކާގެ ފޭނުން ރަތަށް!

ކަލާޒްގެ ރިއަލިޓީ ޝޯ "ޚަތުރޯން ކޭ ކިލާޅީ"ގެ 11 ވަނަ ސީޒަންގެ އެއްވަނަ އަރްޖުން ބިޖިލާނީ ހޯދައި ޓްރޮފީ އުފުލާލައިފި އެވެ.

މި ޝޯގެ ރަނަރަޕަކަށް ހޮވުނީ ޓީވީ ބަތަލާ ދިވްޔަންކާ ޓްރިޕާތީ އެވެ. ދިވްޔަންކާ އަށް ވުރެ އަރްޖުން މޮޅުވީ ގްރޭންޑް ފިނާލޭ ޓާސްކްގައި ވަރަށް ކުޑަ ތަފާތަކުންނެވެ. އެހެންވެ ދިވްޔަންކާގެ ފޭނުން ވަނީ މިކަމާ ވަރަށް ރުޅިގަދަ ވެފަ އެވެ.

އެމީހުން ގަބޫލުކުރާ ގޮތުގައި ޝޯ ފެށުނުތަނާ ކަހަލަ ގޮތަކަށް މި ޝޯ ދައްކާ ޗެނަލުން އަރްޖުން ކޮޅަށް ޖެހިއްޖެ އެވެ. އަދި އޭނާއަށް ރަނގަޅުވާނެ ގޮތް ގޮތަށް ޗެނަލުން ކަންތައް ކުރާ ކަމަށް ވެސް ދިވްޔަންކާގެ ފޭނުން ތުހުމަތު ކުރި އެވެ.

ޓުވިޓާގައި ދިވްޔަންކާގެ ފޭނުން ރުޅިއައިސްގެން ތަފާތު މެސެޖުތައް ދަނީ ޕޯސްޓް ކުރަމުންނެވެ. އެމީހުން ބުނަނީ އަރްޖުން ނޫން މީހަކަށް އެހާ މޮޅަށް ފަތަން ނޭނގޭ ކަން އެނގި ހުރެ ޗެނަލުން ގްރޭންޑް ފިނާލޭ ޓާސްކަކަށް ފެނުގެ ޓާސްކެއް ހެދީ އެވެ. ދިވްޔަންކާ އަށް ޝޯ ކާމިޔާބު ނުކުރެވުނީ އެހެންވެ އެވެ. ދިވްޔަންކާގެ ބޭނުން ޗެނަލުން ހިފީ ނަހަމަ ގޮތުގައި ކަމަށް ވެސް އޭނާގެ ބައެއް ފޭނުން ދަނީ ބުނަމުންނެވެ.

ގްރޭންޑް ފިނާލޭގައި އަރްޖުން އާއި ދިވްޔަންކާގެ އިތުރުން ދެން ހިމެނުނީ ވިޝާލް އަދިތުޔާ ސިންގް އެވެ. ރޯހިތު ޝެޓީ ހޯސްޓްކުރި މިފަހަރުގެ ސީޒަންގެ ޝޫޓިން ބާއްވާފައިވަނީ ސައުތު އެފްރިކާގެ ކޭޕް ޓައުންގަ އެވެ.

"ޚަތުރޯން ކޭ ކިލާޅީ 11"ގެ ފިނާލޭ އެޕިސޯޑު ޝޫޓްކުރީ ދާދިފަހުން މުމްބައިގަ އެވެ.

ޝޯގެ ޓްރޮފީއާ އެކު އަރްޖުން އަށް 20 ލައްކަ ރުޕީސް އާއި މާރޫޓީ ސްވިފްޓް ކާރެއް ލިބުނެވެ.