ލައިފްސްޓައިލް

ގުޅިފައިވާ ދެބެން ވަކިކުރިޔަސް ދުރެއް ނުވެވޭ

އިނގިރޭސި ވިލާތުގެ އީމާން އާއި ސަންޗިއާ މޯވަޓް އަކީ ކޮންޖޮއިންޑް ދެބެންނެވެ.

އުފަންވީއިރު މައިބަދައިން ގުޅިފައި ހުރި މި ދެބެން ވަރަށް ކުޑައިރު ސާޖަރީ ހަދައި ވަކިކޮށްފައިވެ އެވެ. ނަމަވެސް މިހާރު އުމުރުން 20 އަހަރު ވެފައިވާ މި ދެބެންނަށް އަދިވެސް އެކަކު އަނެކަކާ ވަކިން ދިރިއުޅެން ވަރަށް އުނދަގުލެވެ. އަދި ޚާއްސަކޮށް ނިދާ ގަޑީގައި ދެބެން ވެސް ބޭނުންވަނީ އެ ކުދިން ގުޅިފައި ތިބިއިރު ތިބިގޮތަށް އެ ޕޮޒިޝަނުގައި ތިބެގެން ނިދާށެވެ.

އިނގިރޭސި ވިލާތު ނޫހެއްގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ބާމިންހަމް ޗިލްރަންސް ހޮސްޕިޓަލުގައި މި ކުދިން ވަކިކުރުމުގެ ސާޖަރީ ހެދިއިރު މި ކުދިންނަށް އެންމެ ތިން މަހެވެ.

ސޯޅަ ގަޑިއިރަށް ދެމިގެން ދިޔަ މި އޮޕަރޭޝަނަކީ އޭގެ ޒާތުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވި އޮޕަރޭޝަނެކެވެ. އެއީ މިފަދަ ސާޖަރީތައް އޭރު އެހާ އާއްމު އެއްޗަކަށް ނުވާތީ އެވެ. އެހެންވެ މި ސާޖަރީ ވެގެން ދިޔައީ އެކަން ކުރި ޑޮކްޓަރުންނަށް ވެސް ލިބުނު ވަރަށް ބޮޑު ތަޖުރިބާ އަކަށެވެ. އަދި ބޭސް ވެރިކަމުގެ ރޮނގުން އިނގިރޭސި ވިލާތުން ކުރިއަށް އެޅި ފިޔަވަޅަކަށެވެ. ސަބަބަކީ މިފަދަ އޮޕަރޭޝަނެއް އޭގެ ކުރިން ޔޫކޭގައި ކޮށްފައި ނުވާތީ އާއި މި ސާޖަރީ އަކީ އެހާތަނަށް ދުނިޔޭގައި ވެސް ހެދި މިފަދަ ދެވަނަ ސާޖަރީ އަށް ވުމެވެ.

މި ސާޖަރީ ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އޭރު އޮތީ އެންމެ 5-25 ޕަސެންޓަށެވެ. މި ކުދިން ދުނިޔޭގައި ހުރުމުގެ ފުރުސަތު އޭރު އެހާ ވެސް ހަނިކަމަށް އޮތީ ބެލެވިފަ އެވެ.

"އަހަރެމެން ދެބެން ވަކިކޮށްލާފައި ވިޔަސް އަދިވެސް އަހަރެމެން ދެބެން ވަރަށް ގާތް. އަހަރެމެން ބައެއް ފަހަރަށް ނިދަނީ ވެސް ގުޅިފައި ތިބިއިރު އެ ތިބި ޕޮޒިޝަނަށް ތިބެގެން. އަދި އަބަދުވެސް ބައްދާލާ ގާތްކޮށް އުޅެން ބޭނުންވޭ،" އީމާން ބުންޏެވެ.

އީމާން ބުނި ގޮތުގައި އެންމެ ތުއްތުއިރު ވެސް ދެބެން މިނިވަންކަމާއެކު އުޅެން ބޭނުންވާކަމުގެ އިހްސާސް އެމީހުންގެ މައިންބަފައިންނަށް ވެސް ކުރެވުނެވެ. އޭރު އެ ކުދިންނަށް ވަކި ގޮތެއް އިޚްތިޔާރުކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް އެކުދިން ބޭނުންވީހީ ދެބެންގެ ހަށިގަނޑު ވަކިކޮށްލާށެވެ.

"އަހަރެމެން ދެމީހުން އަބަދު އެކުގައި އުޅެން ބޭނުންވިޔަސް މިޒާޖުގެ ގޮތުން އަހަރެމެން ވަރަށް ތަފާތު،" އީމާން ބުންޏެވެ.

ސަންޗިއާ ބުނީ ފާއިތުވީ ދުވަސްތަކަށް ވިސްނާފައި އޭނާއަށް ވެސް ބުނެވޭނީ ދެބެން ވަކިކުރުން އެއީ ވަރަށް ރަނގަޅަށް ކުރި ކަމެކޭ ކަމަށެވެ. މިއީ ތަންކޮޅެއް ބުއްދި ގަބޫލުކުރަން ދަތި ކަމަކަށް ވިޔަސް އޭނާވެސް ބޭނުންވަނީ މިނިވަންކަމާއެކު ވަކި ދިރިއުޅުމެއް އުޅެން ކަމަށް ސަންޗިއާ ބުންޏެވެ.

ދެބެންގެ މިޒާޖު ތަފާތަސް ވަރަށް އެއްގޮތް ވެސް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އަދި އެކަކަށް މައްސަލައެއް ކުރިމަތިވާ ވަގުތު އަނެކަކު އޭނާއަށް އެހީތެރިވުމުގައި ވަރަށް ސާބިތުވެ ހުރެ އެވެ.

އީމާން ބުނި ގޮތުގައި ސަންޗިއާ އަކީ ތަންކޮޅެއް މީހުންނާ ގުޅޭ އެކުވެރި މިޒާޖެއްގެ ކުއްޖެކެވެ. އޭނާ އަކީ ތަންކޮޅެއް މަޑުން ހުންނަ އަދި މީހުންނާ އެހާ ފަސޭހައިން އެކުވެރި ނުވެވޭ ޒާތުގެ ކުއްޖެކެވެ.

އެ ދެބެންގެ މެދުގައި ހުރި އެންމެ ބޮޑު ތަފާތެއް ކަމަށް އީމާން ގަބޫލުކުރަނީ ސަންޗިއާ ބޭނުންވަނީ ތުރިލާ އާއި ސައިންސް ފިކްޝަން ފިލްމުތައް ބަލާށެވެ. އީމާން ބަލާހިތްވަނީ ލޯބީގެ ފިލްމު ތަކެވެ.

އީމާން ބުނި ގޮތުގައި ދެބެން ވަކި ނުކޮށް ތިބިނަމަ ހުރިހާ ކަމެއް ވެސް މިހާރާ ވަރަށް ތަފާތު ވީހެވެ. ދެބެންނަށް ތަފާތު ދެ ޔުނިވަސިޓީއަކަށް ކިޔަވާކަށް ނުދެވުނީހެވެ. އަދި ތަފާތު މީހުންނާ އެކު ވަކި ތަންތަނަށް ގޮސް ވަގުތު ހޭދައެއް ނުކުރެވުނީހެވެ.