ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓް މާދަމާ ވިއްކަން ފަށަނީ

މިއަންނަ ހުކުރު ދުވަހު ރާއްޖޭގައި ފަށާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް"ގެ މެޗު ތަކުގެ ޓިކެޓް މާދަމާ ވިއްކަން ފަށާނެ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓް ވިއްކަން ފަށާނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން އޮލިމްޕަސް ކުރިމަތީގައި ބަހައްޓާފައިވާ ޓިކެޓް ކައުންޓަރުންނެވެ.

މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހާއި ހަމައަށް ޓިކެޓް ވިއްކާނީ ހުކުރު ދުވަހު ކުޅޭ ދެ މެޗަށް އެކަންޏެވެ. ހުކުރު ދުވަހު ހަވީރު ކުޅޭނީ ބަންގްލަދޭޝް އާއި ސްރީލަންކާ އެވެ. އެރޭ އޮންނާނީ ރާއްޖެ އާއި ނޭޕާލު ބައްދަލުކުރާ މެޗެވެ.

އެފްއޭއެމްއިން ބުނި ގޮތުގައި ކޮންމެ މެޗަކަށް ވެސް ޓިކެޓް ވިއްކާނީ އެ މެޗެއް އޮންނަ ދުވަހެއްގެ ދެ ދުވަސް ކުރިންނެވެ. އެހެންކަމުން ހުކުރު ދުވަހު ރާއްޖެ ބައްދަލުކުރާ މެޗުގެ ޓިކެޓް މާދަމާ ވިއްކަން ފަށާއިރު، އޮކްޓޫބަރު ހަތްވަނަ ދުވަހު ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކާނީ އޮކްޓޫބަރު ފަހެއް އަދި ހަވަނަ ދުވަހު އެވެ. އަދި އޮކްޓޫބަރު 10 ވަނަ ދުވަހު ރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކާނީ އަށްވަނަ ދުވަހާއި ނުވަވަނަ ދުވަހު އެވެ. ލީގު ބުރުގެ ފަހު މެޗުގައި އޮކްޓޫބަރު 13 ވަނަ ދުވަހު އިންޑިއާ އާއި ރާއްޖެ ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކާނީ 11 އަދި 12 ވަނަ ދުވަހު އެވެ.

ދަނޑަށް ވަންނަ ބެލުންތެރިންނަށް ގޮނޑިބަރިން ޓިކެޓް ވިއްކާނީ 100 ރުފިޔާ އަށެވެ. ސިޑިބަރީގެ ޓިކެޓް އުޅެނީ 75 ރުފިޔާ އަށެވެ.

ކޮވިޑްގެ ހާލަތާއި އެކު މިފަހަރުގެ މުބާރާތަށް ދަނޑަށް ވަދެވޭނީ ކޮވިޑްގެ ވެކްސިން ދެ ޑޯޒް ޖަހާފައިވާ ފަރާތް ތަކަށް އެކަނި ކަމަށް އެފްއޭއެމްއިން މައުލޫމާތުދެ އެވެ. އެހެންކަމުން ޓިކެޓް ވިއްކާނީ ހަމައެކަނި ދެ ޑޯޒު ޖަހާފައިވާ ފަރާތް ތަކަށްކަން ފާހަގަކުރަމުން އެފްއޭއެމުން ބުނީ ދަނޑަށް ވަންނައިރު ވެކްސިން ކާޑު ބޭނުންވާނެ ކަމަށެވެ. އަދި މާސްކު އެޅުން މަޖުބޫރުވާނެ ކަމަށެވެ.

މިފަހަރުގެ މުބާރާތް އޮންނާނީ ލީގު އުސޫލުންނެވެ. އަދި ފައިނަލުގައި ވާދަކުރާނީ ހުރިހާ ޓީމެއް ބައްދަލުކުރުމަށްފަހު އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެކެވެ. މިގޮތަށް މުބާރާތުގެ އޮނިގަނޑު ބަދަލު ކުރީ މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ޓީމު ތަކުގެ އަދަދު މަދުވުމުންނެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވާނީ ފަސް ގައުމެކެވެ. އެއީ ދިވެހިރާއްޖެ، ނޭޕާލް، އިންޑިއާ، ބަންގްލަދޭޝް އަދި ސްރީލަންކާ އެވެ.

ބޫޓާނުގައި ކޮވިޑްގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުން ތަކަށް ފިޔަވާ އެ ގައުމުން ބޭރަށް ދިއުން މަނާ ކޮށްފައި ވާތީ އެގައުމު މިފަހަރުގެ މުބާރާތުގައި ބައިވެރި ނުވާނެ އެވެ. ޕާކިސްތާނަށް މުބާރާތުގައި ބައިވެރި ނުވެވެނީ ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުންނެވެ.