ހުޅުމާލޭގެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު ގެޒެޓް ކުރުން ލަސްވެގެން އުޅޭ ސަބަބު އޮޅުންފިލުވަން މަޖިލީހުގެ ގަވައިދު ކޮމިޓީން ނިންމައިފި އެވެ.
ގަވައިދު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީ މުގައްރިރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވީ އާންމު ގަވާއިދުތަކާއި ބެހޭ ގާނޫނުގެ ޖަދުވަލުގައި ހިމެނޭ ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު އިސްލާހު ކުރުމަށްފަހު ފްލޭނިން މިނިސްޓްރީއަށް ކޮމިޓީން ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ގަވައިދު އަދިވެސް ގެޒެޓްކޮށްފައި ނުވާ ކަމަށެވެ.
މިކަމާ ގުޅިގެން ފްލޭނިން މިނިސްޓްރީއަށް ގަވާއިދު ކޮމިޓީން ސިޓީއެއް ފޮނުވި ކަމަށާއި، ޖަވާބުގައި އެ މިނިސްޓްރީން ބުނެފައިވަނީ މި އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެ ގަވައިދު ގެޒެޓް ކުރުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އެހެންކަމުން ގަވައިދު ގެޒެޓް ނުވެގެން އުޅޭ ސަބަބު ދެނެގަތުމަށް ރައީސް އޮފީހަށް ނޯޓެއް ފޮނުވުމަށް ގަވާއިދު ކޮމިޓީގެ ނައިބު މުގައްރިރު އަދި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ހުށަހެޅުއްވި އެވެ. މި ހުށަހެޅުމަށް އެއްވެސް މެމްބަރަކު އިއުތިރާޒް ނުކުރައްވާތީ ހުށަހެޅުން ފާސްވި އެވެ.
މިހާރު އަމަލުކުރަމުންދާ ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު ގެޒެޓްކޮށްފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގަ އެވެ. ގަވައިދުގައިވާ ގޮތުން ހުޅުމާލެ ނޭބަހުޑް 12 އަދި 3 ގައި ފަސް ބުރީގެ އިމާރާތްތައް ބިނާކުރެވޭނެ އެވެ. އަދި އަލަށް ގެ އަޅާ ފަރާތްތަކުގެ އިތުރުން މިހާރު ހުރި އިމާރާތްތަކަށް ވެސް މި ބަދަލު ގެނެވޭނެ އެވެ.
ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ އުސޫލު ގެޒެޓްކުރީ ގަވައިދާ ހިލާފަށް ކަމަށް ފޭދޫ ދާއިރާގެ މެމްބަރު އަހްމަދު ނިހާދު އަވަސް އަށް ވިދާޅުވި އެވެ. އެހެންކަމުން އެ ގަވައިދަށް އިސްލާހް ގެނެސް މިހާރު ގެޒެޓްކުރުމަށް ފޮނުވާފައިވަނީ އުސޫލުތަކުގެ ތެރެއިން ގަވައިދު ކޮމިޓީން ބަލައި ފާސްކޮށްފައިވާ އުސޫލެއް ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން އޮތް ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު ބުނާާ ގޮތުން ނެއިބަ ހުޑް 1،2 އަދި 3 ހިމެނޭ ސަރަހައްދުގައި އިމާރާތް ކުރެވޭނެ އެންމެ އުސް މިނަކީ 15.5 މީޓަރެވެ. އަދި މި ގަވާއިދުގެ ދަށުން މިހާތަނަށް އެ ސަރަހައްދުތަކުގައި އެންމެ އުސްކޮށްވެސް އަޅައިފައިވަނީ 4 ބުރީގެ އިމާރާތްތަކެވެ.