ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގައި ބޭނުންކުރަމުންދާ "ވެށިފާރަ" ސޮފްޓްވެއާ ޑިވެލޮޕްކުރަން ހަވާލުކުރީ އިއުލާނު ކުރުމެއް ނެތި ކަމަށް ބުނާ މައްސަލާގައި ދައުވާކޮށް ދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.
މި މައްސަލާގައި، ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝިފާއުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
އޭސީސީން ބުނީ މި މައްސަލައިގެ ތަހުގީގުން ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ކަސްޓަމާ ރިލޭޝަންޝިޕް މެނޭޖްމަންޓް ސިސްޓަމެއް ހޯދުމުގެ މަސައްކަތް ވެމްކޯއިން ހަވާލުކޮށްފައިވަނީ އިއުލާން ނުކޮށް އިމަޖެންސީ މަސައްކަތެއްގެ ގޮތުގައި ނޮނި ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކަށް ކަމަށެވެ. ވެށިފާރަ ސޮފްޓްވެއާ ޑިވެލޮޕް ކުރުމަށް ނޮނި ސޮލިއުޝަންއާ ހަވާލުކުރިއިރު ވެމްކޯ ހިންގުމާ ހަވާލުވެހުރީ މުހައްމަދު ޝިފާއު ކަމަށާ ވެށިފާރަ ސޮފްޓްވެއާ ޑިވެލޮޕްކުރުމަށް ހަވާލުކުރުމުގެ ހުރިހާ ކަމެއް ދިޔައީ އޭނާގެ ބެލުމުގެ ދަށުންކަން ތަހުގީގަށް ލިބިފައިވާ މަޢުލޫމާތުން އެނގޭ ކަމަށެވެ. މީގެއިތުރުން ނޮނި ސޮލިއުޝަންގެ އޯނާ އާއި މުހައްމަދު ޝިފާއު އާ ގާތް ގުޅުން އޮންނަކަން ކޮމިޝަންގެ ތަހުގީގަށް އެނގިފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.
ވެމްކޯގެ އިމަޖެންސީ ރިކުއެސްޓްތަކަށް ކޯޓޭޝަން ހޯދަނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް އެ ރިކުއެސްޓެއް ހުށަހެޅުމުން އެ ޑިޕާޓްމަންޓުން ކަމަށް ވީނަމަވެސް ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް ނޮނި ސޮލިއުޝަންއާ ހަވާލުކުރީ މި އުސޫލާ ހިލާފަށް އަދި ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީއާ ހިލާފަށް ކަމަށްވެސް އޭސީސީން ބުންޏެވެ.
އޭގެއިތުރުން ވެށިފާރަ ސޮފްޓްވެއާ ޑިވެލޮޕް ކުރުމަށް ވެމްކޯއިން ނޮނި ސޮލިއުޝަންއާ ހަވާލުކުރުމާ ހަމައިން ފެށިގެން ނޮނި ސޮލިއުޝަންގެ އޯނާގެ އެކައުންޓުން މުހައްމަދު ޝިފާއުގެ އެކަންޓަށް އެކި ދުވަސްމަތިން ފައިސާ ޓްރާންސްފާ ކޮށްފައިވާކަން ތަހުގީގުން އެނގޭ ކަމަށްވެސް ބުންޏެވެ.