ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ ހިއްސާ އޮތް ކުންފުންޏަކަށް ފައިދާ ވާ ގޮތަށް އޮޅުވާލައިގެން ބާ ޓްރަކެއް ގަތް މައްސަލާގައި އޭނާގެ މައްޗަށް ދައުވަ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ވެމްކޯގެ ކުރީގެ އެމްޑީއަކީ މުހައްމަދު ޝިފާއު އެވެ. އޭސީސީ އިން އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ވެމްކޯ އިން އެމަޖެންސީކޮށް އެއް ޑަމްޕްޓްރަކް ގަތުމަށް ކިއުބެކް އިންވެސްޓްމަންޓާ އެކު އެއްބަސްވުމެއް އެކުލަވާލާފައިވާއިރު، އެކުންފުންޏަކީ ޝިފާއުގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެއް ތަހުގީގު ކުރުމަށް ފަހުގަ އެވެ.
އެގޮތުން ޝިފާއުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ "ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު"ގެ ދަށުން، މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ. އެ މާއްދާގައިވާ ގޮތުން ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން، ކުރާ ކަމަކުން ނުވަތަ ކުރާކަމަކާ ގުޅިގެން ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެން ނުވަތަ އެ މުވައްޒަފެއްގެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި، ހޯދައިދިނުމަކީ ކުށެކެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީ އިން މިއަދު ހާމަ ކުރި ރިޕޯޓުގައި ބުނެފައި ވަނީ ޝިފާއުގެ މައްޗަށް ތުހުމަތު ކުރެވެނީ ވެމްކޯގެ މެނޭޖިން ޑިރެކްޓާގެ މަގާމުގައި ހުރެ، އިމްޕޯޓަރެއް މެދުވެރިކޮށް ރާއްޖެއަށް އެތެރެކޮށްފައިވާ 350 ކިލޯގެ ޑަމްޕްޓްރަކަކީ އެތެރެކުރިއިރު ބޭނުންކޮށްފައި އޮތް ޑަމްޕްޓްރަކެއްކަން އެނގިހުރެ، ސައްހަ ނޫން ސިޓީއެއް މެދުވެރިކޮށް ޑަމްޕްޓްރަކްގެ މިލްކުވެރިކަން ޝިފާއުއާ ވިޔަފާރީގެ ގުޅުން އޮންނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ ކިއުބެކް އިންވެސްޓްމަންޓަށް ބަދަލުކުރުމަށް ހުއްދަ ދީފައިވާތީ ކަމަށެވެ.
އެ ޑަމްޕްޓްރަކްގެ ރަޖިސްޓްރީ އެމްކޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުގު ނަންމަތީ އޮއްވާ، ވެމްކޯގެ ބޭނުމަށް މި ޑަމްޕްޓްރަކް ކިއުބެކް އިންވެސްޓްމަންޓުން އާ ޑަމްޕްޓްރަކެއް ގޮތަށް ގަތުމަށް ނިންމާފައިވާ ކަމަށާއި ޑަމްޕްޓްރަކް ގަތުމަށް ވެމްކޯ އާއި ކިއުބެކް އިންވެސްޓްމެންޓާ ދެމެދު އެކުލަވާލާފައިވާ ވެމްކޯގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ވެސް ޝިފާއު ކަމަަށް އޭސީސީ އިން ބުންޏެވެ.
އޭގެ އިތުރުން ޑަމްޕްޓްރަކަށްވާ ފައިސާ ހޯދުމަށް ކިއުބެކް އިންވެސްޓުމެންޓުން ހުށަހެޅި އިންވޮއިސްގައި ފުލް ޕޭމަންޓް ކިއުބެކް އިންވެސްޓްމެންޓަށް ދޫކުރުމަށް އަންގާ ޝިފާއު ސޮއިކޮށްފައިވާ ކަމަށާއި އެއީ އާ ޑަމްޕްޓްރަކެއް ނޫންކަން އެނގިހުރެ ގަސްދުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ޑަމްޕްޓްރަކްގެ ފައިސާ ކިއުބެކް އިންވެސްޓްމެންޓަށް ދޫކޮށްފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ. އެ ފައިސާއިން ކިއުބެކް އިންވެސްޓްމެންޓަށާއި މޮންއާކް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު ފާއިދާއެއް ހޯދާ ދީފައިވާތީ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.