މުހައްމަދު ސައީދު

ސައީދު ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުން ކުރުމުގެ ގަވައިދު ގާނޫނުއަސާސީން ލިބިދޭ ހައްގުތަކާ ތައާރަޒުވާކަމަށް ބުނެ މާވަށު ދާއިރާަގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައި ނުގަނެ ބޭރު ކޮށްލައިފި އެވެ.

ސައީދު ހުށަހެޅި މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަކަމަށް ވޯޓު ދެއްވީ އެންމެ ހަތް މެމްބަރުން ނެވެ. ނުފެންނަ ކަމަށް 22 މެމްބަރުން ވޯޓު ދެއްވި އެވެ. އެހެންކަމުން އެ މައްސަލަ ބަލައިގަންނަށް ފާހެއް ނުވިއެވެ.

މައްސަލަ ހުށަހަޅުއްވަމުން ސައީދު ވިދާޅުވީ މިިދިޔަ އަހަރު ފާސްކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުން ކުރުމުގެ ގަވައިދު ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ބައެއް އަސާސީ ހައްގުތަކާއި މިނިވަންކަމާއި ތައާރަޒުވާ ކަމަށެވެ.

އެ ގަވައިދުގެ ސަބަބުން ފަރުދުންގެ ޒާތީ ދިރިއުޅުމުގެ މިނިވަން ކަމަށް ހުރަސް އެޅިގެން ދާނެ ކަަމަށް ސައީދު ދެކެވަޑައިގަންނަވަ އެވެ. އެގޮތުން ފަރުދުންގެ އަމިއްލަ ހުރިހާ ހަރަކާތްތަކެއް ބަލާ ޗެކްކޮށް ފާރަލުމާއި، ކެމެރާއާއި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފާރަލުމާއި، އަދި އާޓިފިޝަލް އިންޓެލިޖެންސް ވަސީލަތްތައް ބޭނުންކޮށްގެން ފަރުދުންގެ މައުލޫމާތުތައް ހޯދާ އެފަދަ ކަންކަމުގައި ބައިވެރިކޮށްގެން ކުށަށް އަރައިގަތުމަށް ފުރުސަތުލިބޭފަދަ ކަންކަން ހިމެނޭތީ، މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ހައްގަށް އަރައިގަތުންކަމަށް ދެކެލައްވާ ކަމަށެވެ.

ސައީދު ވިދާޅުވީ ގާނޫނު އަސާސީން ލިބިދޭ އެއްވެސް ހައްގެއް ގާނޫނަކުންވިޔަސް އަދި ގަވައިދަކުންވިޔަސް ނިގުޅައި ނުގަނެވޭނެ ކަމަށެވެ. އަދި ހައްގެއް ނުވަތަ މިނިވަންކަމެއް ނިގުޅައިގަނެ ވޭގޮތަށް ގާނޫނުއަސާސީ މާނަވެސް ނުކުރެވޭނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ތަހުގީގުކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގެ ގަވައިދު އަލުން މުރާޖައާ ކުރުމަށް ސައީދު ސަރުކާރުގެ
ކަމާބެހޭ މުއައްސަސާތަކަށް ގޮވާލެއްވި އެވެ.