ލައިފްސްޓައިލް

ރަނާއި އަލިމަހަށް ވުރެ އަގުހުރި ލަކުޑިއެއް!

ދުނިޔޭގައިވާ އެންމެ އަގު ބޮޑު އެއްޗިއްސަކީ ކޮބައިތޯ ސުވާލު ކޮށްފިނަމަ ކޮންމެ މީހެއްގެ ވެސް ހިތަށް އަރާނީ ރަނާއި އަލިމަސް ފަދަ އެއްޗިއްސެވެ. ނަމަވެސް ދުނިޔޭގައިވާ މިފަދަ މައުދަނަށް ވުރެ އަގުހުރި ލަކުޑީގެ ބާވަތެއް ހުރެ އެވެ. އެއީ އަގަރްވުޑެވެ. މިއީ އަކުއިލޭރިއާ ގަހުގެ ލަކުޑި އެވެ. މި ލަކުޑިއަށް އެލޯސް ވުޑް ނުވަތަ އީގަލްވުޑް ވެސް ކިޔަ އެވެ. މި ލަކުޑި އާއްމު ގޮތެއްގައި ހުންނަނީ ޖަޕާން، އަރަބިއާ، ޗައިނާ، އިންޑިއާ އަދި ސައުތު-އީސްޓް އޭޝިއާގެ ގައުމުތަކުގަ އެވެ.

އަގަރްވުޑަކީ ދުނިޔޭގައި ވިއްކާ ލަކުޑީގެ ބާވަތްތަކުގެ ތެރެއިން އެންމެ މަދު އަދި އެންމެ އަގު ބޮޑު ބާވަތެވެ.

"ބިޒިނަސް އިންސައިޑާ" ގައިވާ ރިޕޯޓެއް ބުނާ ގޮތުގައި މި ބާވަތުގެ ލަކުޑިގެ އެންމެ ކިލޯއެއްގެ އަގަކީ އެއްލައްކަ ޑޮލަރެވެ. މިއީ މިހާރު ރަނާއި އަލިމަހުގެ އަގުތައް ބާޒާރުގައި ހުރި ވަރަށް ބަލާއިރު މާ ބޮޑު އަގެކެވެ.

ސެންޓާއި އެނޫން ވެސް މީރު ވަސް ދުވާ އެއްޗެތި އުފެއްދުމަށް އަގަރްވުޑް ބޭނުންކުރެ އެވެ. އަތަރު ހަދަން ވެސް މި ލަކުޑި ބޭނުން ކުރެ އެވެ.
ބީބީސީގައިވާ ރިޕޯޓެއް ބުނާ ގޮތުގައި އަގަރްވުޑްގެ އަގުބޮޑު ކަމުން މި ތަކެތި ސްމަގްލް ކުރާ ރޭޓް މަތިވެ މި ބާވަތުގެ ގަސްތައް ދުނިޔޭން ނެތިގެން ދިއުމުގެ ބިރު ވަނީ ހީވެފަ އެވެ.