ލައިފްސްޓައިލް

ބާރަށް ލަވަޖެހުމުން ކުކުޅުތަކެއްގެ ހިތް ހުއްޓިއްޖެ

އިންޑިއާގެ ކައިވެނީގެ މޫސުން ފެށިގެން ކުރިޔަށް ދާއިރު ކޮންމެ ކައިވެނީގެ ހަފުލާއެއްގައި ވެސް ވަރަށް އަޑުގަދަކޮށް ލަވަޖަހާ ހަދަ އެވެ. ކައިވެނި ޕާޓީއެއް އޮވެއްޖިއްޔާ މުޅި ޝަހަރަށް ވެސް އޭގެ އަޑުފައްގަނޑު އިވޭވަރު ކޮށްލުމަށް ހަމަ ކޮންމެ މީހަކުވެސް ބޭނުންވެ އެވެ. ބާރަށް ލަވަ ޖެހުމާއި ނެށުންތަކާ ނުލައި އިންޑިޔާގެ ކައިވެންޏެއް ފުރިހަމައެއް ނުވާނެ އެވެ.

މިގޮތަށް ބާރަށް ލަވަޖެހުމަކީ ޕާޓީއަށް އަންނަ މެހެމާނުން އުފާވާ އަދި އެމީހުންގެ މުނިފޫހިފިލާ ކަމަކަށް ވިޔަސް އެންމެންނަކަށް މިކަމަކުން އުފަލެއް ނުލިބެ އެވެ. ބާރަށް ލަވަ ޖެހީމަ އުނދަގޫވާ މީހުން ވެސް ވަރަށް ގިނަ އެވެ.

އިންޑިޔާގައި ކުކުޅު ގެންގުޅޭ ދަނޑުވެރިއަކަށް ދިމާވީ މި ކަހަލަ ގޮތެކެވެ. އޭނާ ބުނާ ގޮތުގައި ކައިވެނި ޕާޓީއެއްގައި މާ އަޑުބާރުކޮށް ލަވަ ޖެހުމުގެ ސަބަބުން އޭނާގެ ކުކުޅުތަކުގެ ތެރެއިން 63 ކުކުޅެއް ހާޓް އެޓޭކް ޖެހި މަރުވެއްޖެ ކަމަށެވެ.

މިކަމެއް ހިނގީ އޮޑީޝާގެ ބާލާސޯ ޑިސްޓްރިކްޓްގަ އެވެ. ކުކުޅު ގެންގުޅޭ މީހާ ބުނާ ގޮތުގައި އޭނާގެ އަވަށުގައި އޮތް ކައިވެނި ޕާޓީއެއްގައި މާ ބާރަށް ލަވަ ޖެހުމުން 60 އަށް ވުރެ ގިނަ ކުކުޅަށް ހާޓް އެޓޭކް ޖެހި މަރުވީ ކަމަށެވެ.

ކުކުޅު ގެންގުޅޭ މީހާ، ރަންޖިތު ޕަރީދާ، ބުނި ކަމަށް ހިންދުސްތާން ޓައިމްސްގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ކައިވެނި ޕާޓީ ބާއްވަން މީހުންތައް އެ އަވަށަށް އައީ ރޭގަނޑު 11.00 ހާއިރު އެވެ. އެމީހުން އައިގޮތަށް އައިސް ބާރަށް ލަވަ ޖަހަން ފެށި އެވެ. އަދި ފަޓާސް ވެސް ގޮއްވަން ފެށި އެވެ. އޭނާ ބުނީ އެ ޕާޓީން ޖެހި ބާރު މިއުޒިކްގެ ސަބަބުން ބިރުން ގޮސް އޭނާގެ 63 ކުކުޅަށް ހާޓް އެޓޭކް ޖެހި މަރުވީ ކަމަށެވެ.

"ބާރަށް ލަވަ ޖަހަން ފެށުމުން އަހަރެން ގެންގުޅޭ 2000 ވަރަކަށް ކުކުޅު ކޮޅުކޮޅަށް ދުވާތީ ފެނުނު. އަހަރެން އެ މީހުން ކައިރީ ބުނިން މިއުޒިކްގެ އަޑު ތަންކޮޅެއް މަޑުކޮށްދޭށޭ. ނަމަވެސ އެމީހުންގެ ތެރެއިން ގިނަ މީހުން ތިބީ މަސްތުވެފައި ކަމުން އެމީހުން މަށާ ދިމާލަށް އެއްޗެތި ގޮވާފަ ފޮނުވާލީ. ފަހުން ބަލާލިއިރު 60 އަށް ވުރެ ގިނަ ކުކުޅު އޮތީ މަރުވެފައި،" ކުކުޅު ގެންގުޅޭ މީހާ ބުންޏެވެ.

އެމީހާ ބުނި ގޮތުގައި ޖަނަވާރުންގެ ޑޮކްޓަރަކަށް މި ކުކުޅުތައް ދެއްކުމުން އެ ސޮރުމެން މަރުވީ ބާރު މިއުޒިކްގެ ސަބަބުން ޝޮކް ޖެހިގެން ކަމަށް ބުނެފައިވާ ކަމަށެވެ.

ޕާޓީ ބާއްވައިގެން އުޅުނު މީހުންގެ ތެރެއިން ބޮޑަކަށް ހުރި މީހާ ކައިރިގައި ކުކުޅުގެންގުޅޭ މީހާ މި ވާޙަކަ ބުނުމުން އެ ވާހަކަ އޭނާ ގަބޫލެއް ނުކުރި އެވެ. ކުކުޅުތައް އެއް ތަނުން އަނެއް ތަނަށް ގެންދާއިރު މަގުމަތިން ދުއްވާ ވެހިކަލްތަކުގެ ބަރުގޮނުގެ އަޑު އިވުނަސް ކުކުޅުތަކަށް ކަމެއް ނުވާއިރު ބާރަށް ލަވަ ޖެހުމުން ކަމެއް ވާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޕާޓީ ބޭއްވި މީހާ ބުނި ކަމަށް ވެއެވެ.

މިހާރު ކުކުޅުގެންގުޅޭ މީހާ ވަނީ މިކަމުގެ ޝަކުވާ ފުލުހުންނަށް ވެސް ހުށަހަޅާފަ އެވެ.