ސިނަ މާލެ ބްރިޖް

ބްރިޖް ޕްރޮޖެކްޓް މެނޭޖްމެންޓް ޓީމް ރާއްޖެ އަތުވެއްޖެ

Nov 29, 2015
4

މާލެ/ހުޅުލެ ގުޅާލައި ބްރިޖްގެ މަސައްކަތް ފެށުމަށް އަޅަން ހަވާލު ކުރި ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީގެ ސަބްސިޑަރީ ކުންފުނި ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިންގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޓީމް ރާއްޖެ އަތުވެއްޖެ އެވެ.

މިރޭ މާލެ އައި ޓީމްގައި ހިމެނެނީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އަވަސް އަށް އެނގިފައިވާ ގޮތުގައި މިރޭ މާލެ އައީ ޕްރޮޖެކްޓް މެނޭޖް މެންޓް ޓީމެވެ. އަދި މިއީ މަސައްކަތް ފެށުމުގެ ކުރިން ރާއްޖޭގައި މޮބިލައިޒްވާ އެޑްވާންސް ޓީމެކެވެ.

ރާއްޖެ އާއި ޗައިނާގެ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން އަޅާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ގެ މަސައްކަތް ފަށަން މިރޭ ސީސީސީސީގެ ޓީމެއް ރާއްޖެ އާއިރު މިދިއަ ހަފުތާގައި އެ ކުންފުންޏާ މައްސައްކަތް އެވޯޑްކޮށްފައި ވަނީ 30 މަސް ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.

ބްރިޖްގެ މަޝްރޫއަކީ ޗައިނާ ސަރުކާރުން ބޮޑު ބައެއް ހިލޭ އެހީގެ ގޮތުގައި ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން ޕްރޮޖެކްޓްގެ ބަޖެޓަށް ލަފާކޮށްފައިވާ 250 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަން ޑޮލަރު ހަރަދުކުރާނީ ޗައިނާ ސަރުކާރުންނެވެ. މަސައްކަތް މުޅިން ނިންމަން 250 އެއްހައި މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، އެ މަސައްކަތް ކުރަން ހަމަޖެއްސި ސީސީސީސީ އިން 200 މިލިއަން ޑޮލަރަށް ބްރިޖް އަޅައިދޭން ހުށަހެޅި ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ބްރިޖް މަޝްރޫއާ ގުޅޭ ރަސްމީ އެއްބަސްވުންތަކުގައި ސޮއިކޮށް އެޑްވާންސް ޓީމް ރާއްޖެ އާއިރު ބްރިޖް އެޅުމަށްޓަކައި އަމަލީގޮތުން ކުރަންޖެހޭ ތައްޔާރީ މަސައްކަތްތައް ހައުސިން މިނިސްޓްރީން ވަނީ ކުރަން ފަށާފަ އެވެ. އެގޮތުން ސުނާމީ ބިނާ ހުރިތަނުން ނެގުމަށްފަހު އެ ސަރަހައްދު މިހާރުވެސް ވަނީ ބަންދުކޮށްފަ އެވެ.