އޮޑިޓާ ޖެނެރަލް އޮފީސް

އޮޅުވާލައިގެން ނެގި ފަސް މިލިއަނުން ލިބުނީ ދެލައްކަ ރުފިޔާ

Sep 29, 2021
1

ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ އަށް އަސަރު ކުރި މީހުންނަށް އިންކަމް ސަޕޯޓްގެ ގޮތުގައި ސަރުކާރުން އެލަވަންސް ދޫކުރިއިރު އޮޅުވާލައިގެން ފަސް މިލިއަނެއްހާ ރުފިޔާ ބައެއް މީހުން ހޯދާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.

އޮޑިޓް އޮފީހުން ތައްޔާރުކުރި ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ ޑިސެމްބަރުގެ ނިޔަލަށް އެކިއެކި ފަރާތްތަކުން 4.97 މިލިއަން ރުފިޔާ އިންކަމް ސަޕޯޓްގެ ގޮތުގައި ނަގާފައިވަނީ އޮޅުވާލައިގެން ކަމަށެވެ. ދައުލަތުން އަނބުރާ އެ ފައިސާ ހޯދުމަށް ކުރި މަސައްކަތުން މިހާތަނަށް ލިބިފައިވަނީ 213,884 ރުފިޔާ ކަމަށްވެސް ފާހަގަ ކޮށްފައިވެ އެވެ.

މި ރިޕޯޓްގައި ވަނީ ދައުލަތަށް ނުލިބި އޮތް 4.76 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ވެސް އެދިފަ އެވެ.

އިންކަމް ސަޕޯޓްގެ ގޮތުގައި 421 މިލިއަން ރުފިޔާ ދޫކުރިއިރު 22،946 މީހަކަށް އެ އެލަވަންސް ލިބިފައިވެ އެވެ. އިންކަމް ސަޕޯޓް އެލަވަންސް ދީފައިވަނީ ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށާއި ލިބެމުން ދިޔަ އާމްދަނީ އަށް އަސަރުކޮށް ދިރިއުޅުގެ ހަރަދުތައް ހަމަޖައްސަން ދަތިވެފައި ތިބި މީހުންނަށެވެ.

އިންކަމް ސަޕޯޓްގެ ގޮތުގައި އެލަވަންސް ދޫކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

އޮޅުވާލައިގެން އެލަވަންސް ހޯދި ބައެއް މީހުންގެ މައްސަލަތައް ފާހަގަކުރެވުމާ ގުޅިގެން ސަރުކާރުން މީގެކުރިން ވަނީ އެފަދަ ބައެއް މައްސަލަތައް ފުލުހުންނަށް ހުށަހަޅައި އެ މައްސަލަތައް ބަލައިދިނުމަށް ވެސް އެދިފަ އެވެ.