ހަބަރު

2016 ގައި ލިބުނު އަށް މިލިއަން ރުފިޔާގެ ހިލޭ އެހީ "ގެއްލިއްޖެ"

Oct 28, 2019
6

އިކޮނޮމިކް މިނިސްޓްރީއަށް 2016 ވަނަ އަހަރު ބޭރުގެ ފަރާތްތަކުން ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދުތައް ދިމާނުވާކަމަށް އެ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

މިއަދު އާއްމުކޮށްފައިވާ އިކޮނޮމިކް މިނިސްޓްރީގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި މާލީ ހިސާބުތައް ބެލެހެއްޓުމުގައި ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން، އޮޑިޓް އޮފީހުން ބުނި ގޮތުގައި ސާކް ބިޒްނަސް އެސޯސިއޭޝަން ފޮ ހޯމް ބޭސްޑް ވާކާސް (ސަބާ) ޕްރޮޖެކްޓުގެ އިތުރުން އިންކްލޫސިވް މައިކްރޯ ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ހިލޭ އެހީގެ ގޮތުގައި 39،455،809 ރުފިޔާ ލިބިފައިވާކަމަށް ރެކޯޑްތަކުން ދައްކާ ކަމަށެވެ.

ނަމަވެސް، މިނިސްޓްރީގެ މާލީ ބަޔާނުގައި އެ ޕްރޮޖެކްޓުތަކާ ގުޅޭ ނޯޓުތަކުގައި ހިލޭ އެހީގެ ގޮތުގައި ލިބުނުކަމަށް ބަޔާންކޮށްފައިވަނީ 31،260،000 ރުފިޔާކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ ގޮތުން، 2016 ވަނަ އަހަރު އިކޮނޮމިކް މިނިސްޓްރީއަށް ހިލޭ އެހީގެ ގޮތުގައި ލިބުނު ޖުމްލަ އަދަދުކަމަށް މާލީ ބަޔާނުގައި ބުނެފައިވާ އަދަދަށް ވުރެ 8،195،809 ރުފިޔާ މަދު އަދަދެއްކަމަށް އޮޑިޓް އޮފީހުން ވަނީ ބުނެފަ އެވެ.

އެހެންކަމުން، އެ އަދަދު ތަފާތުވާ ސަބަބު ދެނެގަނެ، މާލީ ބަޔާންތައް އިސްލާހުކުރުމަށް އިކޮނޮމިކް މިނިސްޓްރީއަށް ވަނީ ލަފާ ދީފަ އެވެ.

ހިލޭ އެހީގެ އަދަދުތަކުގެ އިތުރުން، ކުދި ވިޔަފާރިތަކަށް އިކޮނޮމިކް މިނިސްޓްރީން ދޫކުރި ލޫނުތަކުގައިވެސް ފުށުއެރުންތަކެއް ހުރިކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ހަރަދާއި އާމްދަނީގެ މާލީ ހިސާބުތައް ބެލެހެއްޓުމުގައިވެސް ގިނަ މައްސަލަތަކެއް ފާހަގަކޮށް، އެކަންކަން ރަނގަޅު ކުރުމަށް އޮޑިޓް އޮފީހުން ވަނީ ބުނެފަ އެވެ.