ހަބަރު

"ގެޓްސެޓް" ލޯނު ދޫކުރި އަދަދުތަކުގައި ބޮޑެތި އޮޅުންތަކެއް

Oct 28, 2019
1

އިކޮނޮމިކް މިނިސްޓްރީން 2016 ވަނަ އަހަރު "ގެޓްސެޓް" ހިމެނޭ ގޮތަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދުތަކުގައި ބޮޑެތި އޮޅުންތަކެއްހުރިކަން އެ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފި އެވެ.

މިއަދު އާއްމުކޮށްފައިވާ އިކޮނޮމިކް މިނިސްޓްރީގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި މާލީ ހިސާބުތައް ބެލެހެއްޓުމުގައި ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން، އޮޑިޓް އޮފީހުން ބުނި ގޮތުގައި އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑުތަކުން 2016 ވަނަ އަހަރު ރާއްޖޭގެ އެކި ފަރާތްތަކަށް ލޯނުގެ ގޮތުގައި 50،483،784 ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ އަހަރުގެ މާލީ ބަޔާނުގައި ލޯނުގެ ގޮތުގައި ދޫކޮށްފައިވާކަމަށް ބަޔާންކޮށްފައިވަނީ 86 މިލިއަން ރުފިޔާކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން، އެ ލޯނު ސްކީމުތަކުގެ ދަށުން ބައެއް ފަރާތްތަކަށް ފައިސާ ދީފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށްކަމަށްވެސް އޮޑިޓު އޮފީހުން އިތުރަށް ބުންޏެވެ.

އެ ގޮތުން، ލޯނު ލިބޭ ފަރާތްތަކަށް ލޯނުގެ ބާކީ ނުވަތަ ދެވަނަ ބައި ދޫކުރެވޭނީ ކުރިން ދިން ފައިސާ އިން ކުރި ހަރަދުގެ ބިލްތަކާއި، އެ ފަރާތްތައް މޮނިޓާ ކުރާ ފަރާތުގެ ސްޓޭޓަސް ރިޕޯޓު ލިބިގެންކަމުގައި އެ އުސޫލުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އުސޫލުގާ ބުނާ ބިލްތަކާއި ސްޓޭޓަސް ރިޕޯޓު ނުލިބެނީސް ބައެއް ފަރާތްތަކަށް ދެވަނަ ފަހަރަށް ފައިސާ ދޫކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އެހެންކަމުން، ލޯނު ދޫކުރި އަދަދުތައް ތަފާތުވާ ސަބަބު ދެނެގަނެ، އެ މިނިސްޓްރީގެ މާލީ ބަޔާން އިސްލާހުކުރުމަށް އޮޑިޓް އޮފީހުން ވަނީ އިކޮނޮމިކް މިނިސްޓްރީއަށް ލަފާދީފަ އެވެ.

އަދި ހަރަދާއި އާމްދަނީގެ މާލީ ހިސާބުތައް ބެލެހެއްޓުމުގައިވެސް ގިނަ މައްސަލަތަކެއް ފާހަގަކޮށް، އެކަންކަން ރަނގަޅު ކުރުމަށް އޮޑިޓް އޮފީހުން ވަނީ ބުނެފަ އެވެ.

ޒުވާން ވިޔަފާރިވެރިން އުފައްދަން ފަރުމާކޮށްފައިވާ ގެޓްސެޓް މޮޑެލްގެ ދަށުން ފަސް އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ރުފިޔާގެ ލޯނު ދޫކުރި އެވެ. ނަމަވެސް، އެ ލޯނުތައް ދޫކުރި ފަރާތްތަކުން ކާމިޔާބު ވިޔަފާރިތަކެއް ގާއިމު ކުރެވުނުކަން ނޫންކަން މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.